ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލްގެ މަސައްކަތް އެރަށު ކުންފުންޏަކާ ހަވާލުކުރަނީ

ކުޅުދުއްފުށީ އެއާޕޯޓު -- ސަން ފޮޓޯ: ނަޖާހު މަސްއޫދު

ހދ. ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލްގެ މަސައްކަތް އެ ރަށު ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ޓްރާންސްޕޯޓު މިނިސްޓްރީ އިން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މަސައްކަތް މިއަދު ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށެވެ. މަސައްކަތް ހަވާލު ކުރަން ނިންމާފައިވަނީ "ވޭވް ލެންތް ކޮމްޕެނީ"އާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ 2013ގެ ރިޔާސީ ކެމްޕޭންގައި ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން އެއާޕޯޓުގެ ހެދުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

ދައުލަތުގެ ބަޖެޓުން 53.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އެ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެމްޓީސީސީ އިން ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ނިންމައިފަ އެވެ. އަދި އެއާޕޯޓަށް ބޭނުންވާ އެހެން ވަސީލަތްތަކާ ނުލާ އެތަނަށް ޓެސްޓް ފުލައިޓު ޖައްސައި ކުރީގެ ރައީސް ޔާމީން ވަނީ އެއާޕޯޓު ހުޅުވައިދެއްވައިފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓު -- ސަން ފޮޓޯ: ނަޖާހު މަސްއޫދު

ނަމަވެސް އެ އެއާޕޯޓް ހުޅުވި އިރު އޮތީ ހަމައެކަނި ރަންވޭ އެކެވެ. ޗެކް އިން ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތް އިރު ފަސިންޖަރުންނަށް ހާއްސަ ޓާމިނަލެއް، އެއާޓްރެފިކް ކޮންޓްރޯލު ޓަވަރެއް، ކަރަންޓު، ފެން އަދި ނަރުދަމާގެ ވަސީލަތްތަކެއް ވެސް އެ އެއާޕޯޓްގައި ނެތެވެ.

އެއާޕޯޓް އޮޕަރޭޝަނަށް ގެނެސްދިނުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިފަ އެވެ.

އެއާއެކު އެއާޕޯޓުގެ މަސައްކަތް ހަލުވި ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން މިހާރު ވަނީ އެެއާޕޯޓުގެ ބާކީ މަސައްކަތްތައް ކުރަން ވޭވްލެންތް ކޮމްޕެނީއާ ހަވާލުކުރަން ނިންމައިފަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރަން ނިންމީ ކުރިން މަސައްކަތް ހަވާލު ކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށްފަހު އެވެ.

ކުޅުދުއްފުށީ އެއާޕޯޓާ ގުޅޭގޮތުން ޓްރާންސްޕޯޓުގެ އޮފިޝަލު އިތުރަށް ވިދާޅުވީ މިހާރު އެންމެ ބޮޑު މައްސަލައަކީ އިން ވަކި ކުރުމުގެ މައްސަލަ ކަމަށެވެ.

"ސަރަހައްދު ވަކިކުރުމަށް ޖަހަންޖެހޭ ފެންސް ނުނިމިގެން މިއުޅެނީ،" އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ޓްރާންސްޕޯޓުން ބުނީ އެ މަސައްކަތަކީ ކުޅުދުއްފުށީ ކައުންސިިލުގެ މަސައްކަތެއް ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނި ގޮތުގައި އެއާޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ނިމުނު ނަމަވެސް، ފެންސް ޖަހައި އިން ވަކި ނުކުރެވެނީސް އެއާޕޯޓަށް އުދުހުންތައް ނުފެށޭނެ އެވެ.

comment ކޮމެންޓް