ހުރަވީ ބިލްޑިންގް ބެލްކަނިން ބަޔެއް ވެއްޓި ސައިކަލަކަށް ގެއްލުންވެއްޖެ

ހުރަވީ ބިލްޑިންގް-- ފައިލް ފޮޓޯ

ހުރަވީ ބިލްޑިންގް ގެ ބެލްކަނިން ބަޔެއް ވެއްޓި އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކަކަށް ގެއްލުން ވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 12:42 އެހާއިރު ހުރަވީ ބިލްޑިންގް އަމީރު އަހުމަދު މަގަށް ވާގޮތަށް ހުރި ބެލްކަނި ޝީޓުން ބައެއް ވެއްޓި ސައިކަލަކަށް ގެއްލުން ވެފައިވާކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.

ހުރަވީ ބިލްޑިންގްގެ ބެލްކަނީ ޝީޓުން ބައެއް ވެއްޓުނު މައްސަލަ ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އެ އިމާރާތް އިންސްޕެކްޓްގެ ކުރުމުގެ މަސައްކަތް އެ ކައުންސިލުން ދަނީ ކުރަމުންނެވެ.

ހުރަވީ ބިލްޑިން ގިނަ ދުވަސްވެ ބާވުމުގެ ސަބަބުން މީގެ ކުރިންވެސް އެ އިމާރާތުގެ ބައިތައް ވެއްޓިފައި އެބަހުއްޓެވެ. ނަމަވެސް އިމާރާތް އެއްކޮށް ތަޅާނުލައި އެތަނުގެ ބޭނުން ކުރަނީ ހަލާކުވާ ތަންތަން މަރާމާތު ކޮށްގެންނެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ ފަދަ މުހިއްމު އިދާރާތައް މިހާރުވެސް އެތަނުގައި ހިންގަ އެވެ. ގާތްގަނޑަކަށް 33 އަހަރުވީ އެ އިމާރާތް ތަޅާލާފައި އެތަނުގައި ޕާކިން ފެސިލިޓާ ގާއިމް ކުރުމަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ނިންމި އެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް އަދި ނާދެ އެވެ.

ވެލާނާގޭގައި ސަރުކާރު އޮފީސްތަކުގެ ތެރެއިން ގިނަ އޮފީސްތަކެއް ހިންގަން ފަށައި ހުރަވީ ބިލްޑިން ހުސްކުރަން ނިންމި ނަމަވެސް އެތަނުގައި އަދިވެސް ގިނަ އިދާރާތަކެއްގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

comment ކޮމެންޓް