ސައޫދީގައި ހުންނަވާ އެމެރިކާގެ ސަފީރަކަށް ޖޯން އަބީޒައިދަށް ސެނެޓުން ރުހުން ދީފި

ޖޯން އަބީޒައިދު --

ވޮޝިންގްޓަން (އެޕްރީލް 16) : ސައޫދީގައި ހުންނަވާ އެމެރިކާގެ ސަފީރަކަށް އެމެރިކާގެ މުސްކުޅި ކުރައްވާފައިވާ ޖެނެރަލެއް ކަމަށްވާ ޖޯން އަބީ ޒައިދު އައްޔަން ކުރުމަށް ސެނެޓުން ރުހުން ދީފިއެވެ.

ޖެނެރަލް ރިޓަޔަޑް އަބީ ޒައިދަށް ރުހުން ދިނުމަށް ވޯޓުދިނީ ސެނެޓްގެ 100 މެންބަރުންގެ ތެރެއިން 92 މެންބަރުންނެވެ. އަބީޒައިދަކީ ލުބްނާނުގެ ދަރިކޮޅުގެ ނަސާރާ ދީނުގެ ބޭފުޅެކެވެ. އަބީ ޒައިދަކީ އަރަބި ނަސްލުގެ ބޭފުޅަކަށްވެފައި ކުޑައިރު އޭނާ ތައްލީމް ޙާސިލް ކުރެއްވީ ލުބްނާނުގައި ކަމަށްވާތީ އޭނާއަކީ އަރަބި ބަހަށް ވަރަށް މޮޅު ބޭފުޅެކެވެ.

ސައޫދީ ގައި ހުންނަވާ އެމެރިކާގެ ސަފީރަކަށް އަބީ ޒައިދު އައްޔަން ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ސަބަބުތަކުގެ ތެރޭގައި އޭނާއަކީ އަރަބި ދަރިކޮޅުގެ އެމެރިކާ ރައްޔިތަކަށް ވުމާއި އަރަބިބަސް މޮޅަށް ދެނެވަޑައިގަތުން ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ. އަބީޒައިދު މާސްޓާސް ހެއްދެވިއިރު އޭނާ ލިޔުއްވި ތީސިސް ބިނާކޮށްފައިވަނީ ސައޫދީން އަސްކަރީ ކަންކަމަށް ކުރާ ޚަރަދުތަކާ ބެހޭ ގޮތުންނެވެ.

އަބީޒައިދު އަކީ އިރާގާ ދެކޮޅަށް އެމެރިކާ އުދުވާނީ ހަނގުރާމަ ފެށި ދުވަސްވަރު އެމެރިކާ ސިފައިންގެ ވަރަށް އިސް ސަފުގައި މަސައްކަތް ކުރެއްވި ޖެނެރަލެކެވެ. އަދި އޭނާ އަކީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އެންމެ އިސް ކޮމާންޑަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މުސްކުޅި ކުރެއްވުމަށްފަހު ސައޫދީގައި ހުންނަވާ އެމެރިކާގެ ސަފީރަކަށް އައްޔަން ކުރުމުގެ ކުރިން އަބީޒައިދު ހުންނެވީ ރަސްމީ ވަޒީފާއެއް ނެތިއެވެ. ނަމަވެސް އެމެރިކާގެ އަމަނާ ބެހޭ އަމިއްލަ ކުންފުނިތަކަށް އިސްތިޝާރީ ލަފާ ދިނުން ފަދަކަންކަން އޭނާ ކުރައްވަމުން ގެންދެވިއެވެ. (އޭއެފްޕީ)

comment ކޮމެންޓް