"ދުޅަހެޔޮ ހަށިހެޔޮ ސިއްހަތު" ގެ ސިޔާސަތުގެ ދަށުން ފުޓުބޯޅަ ފިއެސްޓާގެ ސްޕޮެންސަރަޝިޕް ބަދަލު ކުރަނީ

އެކްޓިންގް ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު --- ސަން ފޮޓޯ/ އަހުމަދް އައުޝަން އިލްޔާސް

ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުޑަކުދީންގެ ފުޓުބޯޅަ ފިއެސްޓާގެ ސްޕޮންސާޝިޕް މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން ސްޕޮންސާ ކުރަމުން އައި މައިލޯ އަތުން އަތުލައިފި އެވެ.

އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ " ދުޅަހެޔޮ ހަށިހެޔޮ" ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމާއި ސްކޫލު ކުދިންނަށް ފައިދާ ހުރި ކާނާ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ ފުޓުބޯޅަ ފިއެސްޓާގެ ސްޕޮންސާޝިޕު މައިލޯ އަތުން އަތުލާފައި ވަނީ އެ ބުއިމުގައި ހަކުރު އެކުލެވޭވަރު ގިނަ ކަމަށް ބުނެ އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރީއިން މިކަން އިއްޔެ އިއުލާން ކުރި އިރު 12 އަހަރުން ދަށުގެ ސްކޫލް ފުޓުބޯޅަ މުބާރާތް ފެށެން ވަނީ އެންމެ ދެ ދުވަހަށް ވެފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން އެ މުބާރާތައް ކުދިން ތައްޔާރުވަމުން އައިސް ފަހުވަގުތު ސްޕޮންސާ ބަދަލު ކުރަންޖެހުމުގެ ސަބަބުން މުބާރާތް ފަސް ކުރަން ޖެހުމުން ބެލެނިވެރިންގެ ރުޅިގަނޑު ވަނީ "ފަޅައިގެން" ގޮސްފައެވެ. އަދި ގިނަ ޝަކުވާތަކާ އެކު ބެލެނިވެރިން ވަނީ މިނިސްޓަރާ ވެސް ބައްދަލު ކޮށްފަ އެވެ.

އެ މައްސަލަ ބެލުމަށްފަހު ޔޫތު މިނިސްޓަރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަލީ ވަހީދު ވަނީ މުބާރާތް ކެންސަލް ނުވާނެ ކަމަށާއި ސަރުކާރުގެ އެހީތެރިކަމާ އެކު މުބާރާތް ކުރިއަށް ވުރެން ފެންވަރުގައި މުބާރާތް ބާއްވައިދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި މުބާރާތް ފަސްކުރަން ޖެހުނީތީ ބެލެނިވެރިންގެ ކިބައިން މާފަށް އެދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގެންގުޅޭ ޕޮލިސީއަކީ ސްކޫލް ކުދިންގެ އޭޖް ކެޓަގަރީގެ މުބާރާތްތަކުގައި އެއްވެސް ޝުގަރީ ޑްރިންކްއަކާއި އެނަޖީ ޑްރިންކެއް ބޭނުން ނުކޮށް ކުރިއަށް ގެންދިއުން. އަދި އެކަމަށް ހިތްވަރު ލިބޭނެ ފަދަ ކަންކަމުން ވެސް ދުރުކުރުން،" ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ މުބާރާތްތައް ކުރިއަށް ގެންދެވޭނީ ސަރުކާރުގެ ސިޔާސަތުތަކަށް އެކަށީގެންވާ ސްޕޮންސާޝިޕެއްގެ ތެރެއިންނެވެ. އެގޮތުން ހަކުރު ގިނަ ބުއިންތަކާއި އެނަޖީ އިތުރު ކޮށްދޭ ބުއިންތަކަށް ދެމުން އައި ސްޕޮންސާޝިޕް އުވާލާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ އެއްޗަކަށް އެއްޗެއް ހަދާކަށް. ވަރަށް ގިނަ ބެލެނިވެރިން އެބަ ޝަކުވާ ކުރޭ އިއުލާން ކުރެވިފައިވާ ދުވަހަށް މުބާރާތް ނުބޭއްވޭތީ. އެކަމު ހުރިހާ ސްކޫލުތަކެއްގެ ހުރިހާ ކުޅުންތެރިންނަށް ބޭނުންވާނެ ޖާޒީއެއް މިވަގުތު ނެތް. އެއް ދުވަސް ތެރޭ އެކަން ކުރުމަކީ އުނދަގޫ ކަމެއް"

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ މިއީ ކުރިމަގަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށާއި މިއީ އާ ސްޕޮންސަރުން މީގެތެރެއަށް ވަންނަންވީ ވަގުތު ކަމަށެވެ.

comment ކޮމެންޓް