މަހްލޫފް ސަސްޕެންޝަން އުވާލައިފި

ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ ބޭންކް އަކައުންޓުން އަމިއްލަ އެކަންޓަށް ފައިސާ ޖަމާވުމުގެ ސަބަބުން ސަސްޕެންޑް ކުރި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަހްލޫފްގެ ސަސްޕެންޝަން އުވާލިކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާޙިމް ހޫދު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ހޫދު ވިދާޅުވީ، މަހްލޫފުގެ ސަސްޕެންޝަންއާ މެދު ގޮތެއް ނިންމެވި ނަމަވެސް ޕްލޭނިން އެންޑް އާބަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝައާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އާންމުކުރި އެމްއެމްޕީއާރިސީގެ ހިޔާނާތުގެ ރިޕޯޓުގައި އެ ހިޔާނާތުގެ ފައިސާ މަހްލޫފުއާއި އަކްރަމް އެކައުންޓަށް ޖަމާވެފައިވާކަމަށް ބަޔާންކޮށްފައިވާތީ، ރައީސް ސޯލިހް ވަނީ ހަމަ އެދުވަހު އެ ދެބޭފުޅުން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރައްވާފައެވެ.

ހޫދު ވިދާޅުވީ، މަހްލޫފުގެ ސަސްޕެންޝަން މިއަދު އުވާލާފައިވާއިރު، "މަހުލޫފް މިއަދު ކެބިނެޓް ނުކުންނަވާނެ،" ކަމަށެވެ.

އޭސީސީން މިދިޔަ މަހު 14 ވަނަ ދުވަހު ބުނެފައިވަނީ މަހްލޫފުގެ ކޮރަޕްޝަންގެ އެއްވެސް މަސައްލައެއް ނެތް ކަމަށެވެ. އެއާއެކު ރައީސް އޮފީހުން އޭރު ބުނެފައިވަނީ މަހްލޫފްގެ ސަސްޕެންޝަންއާ މެދު ގޮތެއް ނިންމަވާނީ، ފުލުހުން އެމްއެމްޕީއާރުސިގެ ހިޔާނާތާ ގުޅިގެން ކުރަމުންދާ ތަހުގީގަށް ފަހު ކަމަށެވެ.

https://sun.mv/117243

މަހްލޫފްއާ ސަސްޕެންޝަންއާ މެދު ރައީސް މިއަދު ގޮތެއް ނިންމެވީ ފުލުހުންގެ ތަހުގީގަށްފަހުތޯ ސުވާލުކުރުމުން ހޫދު ވިދާޅުވީ، ފުލުހުން ކުރަމުންދާ ތަހުގީގާ ގުޅޭގޮތުން އެއްޗެއް ދަންނަވާކަށް ނޭނގޭ ކަމަށާއި ނަމަވެސް ރައީސް އެގޮތައް ނިންމެވީ، ރައީސްއަށް ކޮންމެވެސް ކަހަލަ ޔަގީންކަމެއް އޮތުންމުން ކަމަށެވެ.

"އޭސީސީންވެސް އެ އޮތީ ވިދާޅުވެފައި [މަހްލޫފުގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް. އެހުރިހާ އެއްޗަކަށް ރިއާޔަތްކޮށް ރައީސް އެގޮތަށް ނިންމެވީ،" ހޫދު ވިދާޅުވިއެވެ.

"އިންވެސްޓިގޭޝަންގެ މާބޮޑު ތަފްސީލެއް ނޭނގެ. ކޮންމެވެސް ކަހަލަ އެޝުއަރެސްންސް [ރައީސްއަށް] އެއް ލިބުނީމަ" ސަސްޕެންޝަންއާމެދު ގޮތެއް ނިންމެވީ ކަމަށް ބެލެވޭ ކަމަށް ހޫދު ވިދާޅުވިއެވެ.

މަހްލޫފުގެ ސަސްޕެންޝަން އުވާލުމާ ގުޅޭގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ އެއްވެސް މައްސަލައެއް އޭސީސީ އަދި ފުލުހުންގެ އިދާރާގައި ނެތް ކަމަށް ޔަގީން ކުރުމަށްފަހު، އޭނާގެ ސަސްޕެންޝަން އުވާލުމުން ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން، ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި، އެސްއޯއެފް އެކައުންޓުން މަހްލޫފުގެ އެކަންޓަށް 33،000 ޑޮލަރު (508،860 ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އޭރު މަހްލޫފު ވިދާޅުވީ، އޭނާ ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު ގޯހެއް ހެދިފައިވާކަން ސާބިތުވެއްޖެނަމަ އިސްތިއުފާ ދެއްވާނެކަމަށެވެ.

އެމްއެމްޕީއާރުސީ އިން ދޫކުރި 57 ރަށާއި ފަޅަކަށް އެ ކޯޕަރޭޝަނަށް 77.4 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު، އެ ކޯޕަރޭޝަނަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަން އޭސީސީން ނެރުނު ތަހުގީގު ރިޕޯޓުން ވަނީ ހާމަ ވެފަ އެވެ.

comment ކޮމެންޓް