"ޕީއެސްޖީ މެޗުގައި އެނބުރި އައި ގޮތަށް މިރޭ ވެސް އެނބުރި އާދެވިދާނެ"

މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ/ ޖޭމީ ސްމިތް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވަރުގަދަ ޕީއެސްޖީ ކައިރީގައި ހެދި "ކަމްބެކް"ގެ ތަޖުރިބާގެ އަލީގައި މިރޭގެ މެޗުން ވެސް މެންޗެސްޓާ ޔުނައިޓެޑަށް މޮޅުވެވިދާނެ ކަމަަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާ ބުނެފި އެވެ.

ފްރާންސްގެ ޕީއެސްޖީ އަތުން ފުރަތަމަ ލެގުގައި ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅެ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކާ އެކު ކުޅެން ނޭރުނު ނަމަވެސް ދެވަނަ ލެގުގައި ޕީއެސްޖީގެ އަމިއްލަ ދަނޑުގައި 1-3 ގެ ނަތީޖާއަކުން އެ ޓީމު ބަލިކޮށް ޔުނައިޓެޑުން ވަނީ ތާރީހީ ކަމްބެކްއެއް ހަދާފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާ --- ފޮޓޯ/ ޖޭމީ ސްމިތް

އެ މެޗުން ލިބުނު ތަޖުރިބާގެ ބޭނުން ހިފައި މިރޭ ކުޅޭ މެޗުން ސްޕެއިންގެ ބާސެލޯނާ ވެސް ބަލި ކުރެވިދާނެކަމަށް ޔުނައިޓެޑްގެ ކޯޗުު ވަނީ ބުނެފަ އެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ގޯލާ އަމާޒުކޮށް ޝޮޓެއް ހައި ހިސާބުވެސް ނެގިފައެއް ނުވެއެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާގެ އަތުން ޔުނައިޓެޑް ބަލިވީ 0-1 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ވަން ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރެއް އަތުން ބައި ކޮޅަށް ވަން ގޯލެކެވެ.

ނަމަވެސް މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑުން ތަފާތު ދައްކާނެ ކަމަށާއި ބާސެލޯނާއަށް ދޫ ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު ސޮލްޝަޔާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ޕީއެސްޖީ މެޗުން ލިބުނު ކާމިޔާބީގެ ހަނދާންތަކުގައި ޓީމު އޮތީ މެޗަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށެވެ.

"ޕީއެސްޖީ މެޗުން ލިބުނު ތަޖުރިބާގެ ބޭނުން ހިފައި މިރޭގެ މެޗުގައި އެ ތަފާތު ދައްކާނަން. މިހެންް ބުނާ އިރުވެސް އެނގޭ ބާސެލޯނާގެ ކޭމްޕް ނޫގައި އެ ޓީމު ބަލިކުރުމަކީ އާދައިގެ ކަމެއް ނޫންކަން. އެކަމުވެސް ޔުނައިޓެޑަށް މިރޭގެ މެޗުން މޮޅުވުމުގެ ފުރުސަތު އެބައޮތް،" ނޫސްވެރިންނާ ވާހަކަދައްކަމުން ސޮލްޝަޔާ ބުންޏެވެ.

"ކުރީ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ސްޓަރައިކަރުންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން. އެހެންވެ ފަރިތަކުރުން ތަކުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ދިނީ އެކަމަށް. މިރޭގެ މެޗު ކުޅެން ޖެހޭނީ ވިސްނުންތެރިކަމާ އެކު،"

މީގެ އިތުރުން ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ދުނިޔޭގެ ފުޓުބޯޅައިގެ ރަސްކަން ކުރަމުން އައީ ބާސެލޯނާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ފެންވަރުގެ ޓީމެއް ޔުނައިޓެޑަށް ބަލި ކުރެވޭނެކަން ސާބިތު ކޮށްދީފައިވާ ކަން ސޮލްޗަޔާ ވަނީ ފާހަގަ ކޮށްފަ އެވެ.

comment ކޮމެންޓް