ކަސްޓަމަރުންގެ އެކައުންޓުން ކެނޑެނީ ވިޔަފާރިއަށް ލިބެންޖެހޭ ފައިސާ

ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ކަސްޓަމަރުން ހޯދަނީ -- ސަން ފައިލް ފޮޓޯ

ކަސްޓަމަރުންގެ އެކައުންޓުން ކެނޑެނީ ވިޔަފާރިއަށް ނުލިބޭ ފައިސާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން މިހެމް ބުނެފައިވަނީ އެ ބޭނުންކުންދޫކޮށްފައިވާ ޕީއޯއެސް އެއް މެދުވެރިކޮށް، ކޮށްފައިވާ ވިޔަފާރި މުއާމަލާތްތައް ކަސްޓަމަރުންގެ އެކައުންޓުން މާ ފަހުގެ ތާރީހެއްގައި ކެނޑިފައިވާތީ އެކަމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބު ދެމުންނެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރުމުން ކަސްޓަމަރުގެ އެކައުންޓުން އެ ކުރި ވިޔަފާރީގެ އަދަދު ހޯލްޑް ކުރެވޭނެ ކަމަށާއި އެއަށްފަހު މާޗަންޓް ނުވަތަ ވިޔަފާރިކުރި ތަނނުން ސެޓްލްމަންޓް ހެދުމުން މިގޮތަށް ހޯލްޑްކުރެވޭ ފައިސާ ކަސްޓަމަރުގެ އެކައުންޓުން ކެނޑި މާޗަންޓްގެ އެކައުންޓަށް ޖަމާވާނެ ކަމަށެވެ.

މިއީ މުޅިން ވެސް އޮޓޮމެޓިކްކޮށް ހިނގާ މަސައްކަތްތަކެއް ކަމަށާއި މިގޮތުން ކޮންމެ ދުވަހެއްގެ ވިޔަފާރި ނިންމުމަށް ފަހު އާންމުކޮށް ހުރިހާ ތަނަކުން ވެސް ސެޓްލްމަންޓް ހަދާކަމަށް ބޭންކުން ބުންޏެވެ. އަދި އެދުވަހު ޕީއޯއެސް މެދުވެރިކޮށް ކުރެވިފައިވާ ވިޔަފާރި އަށް ލިބެންވާ ފައިސާ އެކައުންޓަށް ހަމައަށް ޖަމާކުރެވިފައިވޭތޯ ބެލުމަކީ ވެސް މާޗަޗަންޓުން ކުރަންޖެހޭ ކަމެއް ކަމަށާއި އާންމުކޮށް ހުރިހާ ވިޔަފާރިއަކުން ވެސް އެގޮތަށް އަމަލު ކުރާކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ސެޓްލްމަންޓް ހެދުމުގައި ދަތިކަމެއް ދިމާވެއްޖެ ނަމަ، އަދި ވިޔަފާރީގެ އެއްވެސް މުއާމަލާތަށް ލިބެންވާ ފައިސާ، އެ ފައިސާ ދެއްކިފަރާތުގެ އެކައުންޓުން މާޗަންޓްގެ އެކައުންޓަށް ނުލިބޭކަމުގައިވާ ނަމަ، ބޭންކަށް އެންގުމުން ބޭންކުން ވަގުތުން އެހީތެރިކަން ދޭ ކަމަށެވެ.

ބީއެމްއެލް އިން މިހެން ބުނެފައި ވަނީ ލިންޗްޕިންގެ ފިހާރަތަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކޮށްފައިވާ ވިޔަފާރިތަކަށް މި މަހުގެ ކުރީކޮޅުން ފެށިގެން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ކަނޑާތީ، އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހޫނުކޮށް ވާހަކަ ދެކެވެމުންދަނިކޮށެވެ.

ބީއެމްއެލް އިން ބުނީ ސެޕްޓެމްބަރު 2018 އިން ފެށިގެން ލިންޗްޕިން އަށް ދޫކުރެވިފައިވާ ޕީއޯއެސް ސެޓްލްމަންޓްގެ މައްސަލައެއް އުޅޭކަން ބޭންކަށް ރިޕޯޓުކުރީ މިދުޔަ ހަފްތާގައި ކަމަށެވެ.

އެގޮތުން ލިންޗްޕިން އަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ ކުރި ޝަކުވާއާ ގުޅިގެން ބޭންކުގެ އެހީތެރިކަމާ އެކު ސެޓްލްމަންޓްގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމުން، ސެޕްޓެމްބަރު 2018 އިން ފެށިގެން އެ ފިހާރައިން ކޮށްފައިވާ ވިޔަފާރިތަކަށް ކަސްޓަމަރުންގެ އެކައުންޓުން ފައިސާކެނޑުނު ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އަދި އެ ފައިސާ މާޗަންޓް (ލިންޗްޕިން)ގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި މިގޮތުން، އެކައުންޓުން ފައިސާ ކެނޑުން ލަސްވި ސަބަބު ކަސްޓަމަރުންނަށް އަންގަމުން ދާކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ލަހުންވިޔަސް ކަސްޓަމަރުންގެ އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ އެ މުއްދަތުގައި ކޮށްފައިވާ ވިޔަފާރިތަކަށް އެ ފިހާރައަށް ދައްކަން ޖެހޭ ފައިސާ ކަމަށާއި އަދި އެ ފައިސާއަކީ ކަސްޓަމަރުންގެ އެކައުންޓުން ކުރިން ކެނޑިފައިވާ ފައިސާއެއް ނޫން ކަމަށެވެ. އަދި އެއްފަހަރަށް ވުރެ ގިނައިން އެއް ޓްރާންސެކްޝަނަށް ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ކެނޑިފައިނުވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ކާޑު މެދުވެރިކޮށް އެއްވެސް ހާލަތެއްގައި ކަސްޓަމަރަކު ނުކުރާ މުއާމަލާތެއް ހިނގައިފި ނަމަ އެ މުއާމަލާތް ޑިސްޕިއުޓް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށާއި މިކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަސްޓަމަރުންގެ ހައްގުތައް ބޭންކުން ހޯދައިދެމުންދާކަން އެ ބޭންކުން ފާހަގަކުރި އެވެ.

މިދިޔަ އަހަރު ތެރޭ ބޭންކުގެ ކަސްޓަމަރުން 39 މިލިއަން މުއާމަލާތަކޮށްފައިވާއިރު މީގެ 98 ޕަސެންޓަކީ ބޭންކުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހަދާފައިވާ މުއާމާލާތްތައް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

comment ކޮމެންޓް