ސަރުކާރު އޮފީސްތަކުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސަނީ

އިސްލާމިކް މިނިސްޓަރު --- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ސަރުކާރުގެ އޮފީސްތަކުގައި ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންނަށް ފަސޭހަކަމާ އެކު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތް ތަންތަން ބަލައި، އެ ތަންތަނުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ މަސައްކަތް ކުރައްވަން ނިންމާފައި ވަނީ ކިހިނެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގޭގައި ނަމާދު ކުރުމަށް ހާއްސަ ތަނެއް ކަނޑައަޅާފައި ހުރެ އެވެ.

ސަރުކާރުގެ މަސައްކަތު 100 ދުވަހުގެ ތެރޭގައި ހިމަނާފައިވާ ކަންތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީ އިން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން ފަރުލު ހައްޖު އަދާ ކުރުމަށް ޕެންޝަން ފައިސާ ބޭނުން ކުރުމުގެ ވައުދާއި، މިސްކިއްތަކުގައި ގުރުއާން ކިޔަވާދޭން ފެށުމުގެ ވައުދު ވަނީ ފުރިހަމަކޮށްފަ އެވެ.

އިޔާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާއިރު ކަަނޑައެޅޭ ވަކި މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހަކަމާ އެކު ނަމާދުކުރެވޭނެ އިންތިޒާމް އެ މިނިސްޓްރީ އިން ދަނީ ހަމަޖައްސަމުންނެވެ.

comment ކޮމެންޓް