ވެޓްފޯޑް ބަލިކޮށް އާސެނަލް ގަދަ ހަތަރަކަށް ޖެހިލައިފި

ވެޓްފޯޑާއި އާސެނަލް ރޭ ބައްދަލު ކުރި މެޗުގައި އާސެނަލްގެ ފޯވާޑް އެރިކް އޮބަމަޔެންގް ގޯލު ޖެހުމަށްފަހު --- ފޮޓޯ:ޖޭމީ ސްމިތް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެޓްފޯޑާއި އާސެނަލް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް އާސެނަލުން ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފި އެވެ.

ވެޓްފޯޑްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން އެ ޓީމު ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު އާސެނަލް މިވަގުތު ހަތަރުވަނައިގައި އޮތީ 33 މެޗު ކުޅެ 66 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމްއަށް 67 ލިބޭ އިރު އާސެނަލްގެ ފަހަތުގައި އޮތް ޗެލްސީއަށް ވެސް 66 ޕޮއިންޓް ލިބިފައިވެއެވެ.

ވެޓްފޯޑާއި އާސެނަލް ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އާސެނަލް --- ފޮޓޯ:ޖޭމީ ސްމިތް

އާސެނަލްއާއި ޗެލްސީއާ ދެމެދު ޕޮއިންޓްގެ ގޮތުން ހަމަހަމަ ވުމުން ފައިދާ ގޯލަށް ބަލައިގެން ކުރި ލިބެނީ އާސެނަލްއަށެވެ. ގަދަ ހަތަރަކަށް އެރުމަށް ގިނަ ކުލަބުތަކަކުން "ތަޅާފޮޅަމުން" އަންނަ އިރު ހަތަރު ޓީމެއްގެ މެދުގައި ވަނީ ރަނގަޅަށް ހުޅު ރޯވެފަ އެވެ. ޓޮޓެންހަމްއާއި އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޗެލްސީގެ މި ހަނގުރާމަ ކުރިއަށް ދާ އިރު ޓީމުތަކުގެ ދެމެދުގައި ވަނީ އެއް ޕޮއިންޓް ނުވަތަ ދެ ޕޮއިންޓްގެ ކުޑަ ފަރަގެކެވެ.

މި ސީޒަނުގައި ވެސް ފުރަތަމަ ފަހަރަށް ރަށުން ބޭރުގައި ބައިކޮޅަށް ލަނޑެއް ނުވަދެ އާސެނަލްއިން ރޭގެ މެޗު ނިންމާލި އިރު މި ގޮތުގައި އޮވެ ސީޒަން ނިންމާލެވިއްޖެ ނަމަ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އެ ޓީމަށް ލިބޭނެ އެވެ.

ރޭގެ މެޗު ފެށިގެން މޮޅަށް ކުޅެމުން ދިޔައީ ވެޓްފޯޑްއިންނެވެ. ނަމަވެސް މެޗުގެ 10 ވަނަ މިނަޓުގެ ތެރޭގައި ވެޓްފޯޑުގެ ގޯލް ކީޕަރު ބެން ފޯސްޓާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އާސެނަލްއިން ލީޑު ނެގިއެވެ. ފޯސްޓާ ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި އާސެނަލްގެ ފޯވާޑް އެމެރިކް އޮބަމަޔެންގް ކުރި މައްޗަށް ހުރަސް ކޮށްލުމުން އޭނަގެ ގައިގައި ޖެހި އެ ބޯޅަ ގޯލުގެ ތެރެއަށް ވަނީ އެވެ.

ވެޓްފޯޑަށް ރޭގެ މެޗަށް އެނބުރި އައުމަށް ހުރަސް އެޅިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ އާސެނަލްގެ ގޯލާ އެކު ޖެހިގެން އައި މިނެޓުގައި އެ ޓީމުގެ ކެޕްޓަން ޓްރޯއީ ޑީނޭއަށް ރަތް ކާޑު ދެއްކުމުންނެވެ. އާސެނަލްގެ މިޑްފީލްޑަރު ލޫކަސް ޓޮރޭރޯގެ މޫނު މަތީގައި އުޅަނބޮށީން ޖެހުމާ ގުޅިގެން ޑީނޭއަށް ދެއްކި ރަތް ކާޑާ އެކު ވެޓްފޯޑުގެ ކުޅުމުގެ އޮއިވަރު އެއްކޮށް ބަދަލުވެގެން ދިޔައީއެވެ.

comment ކޮމެންޓް