ޖަޕާނުން ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ ތަކެތި ހަދިޔާކޮށްފި

ޖަޕާނުން ފުލުހުންނަށް ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާ ކޮށްފިއެވެ.

އެ ތަކެތި ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި މި ވަސީލަތްތަކުގެ ތެރޭގައި، ފުލުހުންގެ އޮޕަރޭޝަންސްތަކުގައާއި ޕެޓްރޯލްކުރުމުގައި ބޭނުންކުރާނެ ކަނޑު އުޅަނދާއި އެއްގަމު އުޅަނދުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޖަޕާނު ސަރުކާރުން ވެދެއްވި އެހީތެރިކަމަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ދިވެހި ސަރުކާރު ކުރަމުންގެންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން އިސްކަންދޭކަމުގެ މިސާލެއްކަމަށެވެ.

ހަމަ އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި އެ ވަސީލަތްތައް މުޅި ރާއްޖެއަށް ބަހާލައިގެން ބޭނުންކުރާނެކަމަށާއި ހާއްސަކޮށް ނުރައްކާތެރި ހާލަތްތަކުގައި ބޭނުންކުރައްވާނެކަމަށެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ ވިދާޅުވީ ފުލުހުންނާއި ހަވާލުކުރެވުނު ވަސީލަތްތަކުގެ ބޭނުން ރާއްޖޭގެ އަމަން އަމާންކަން ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތާއި އަދި އެހެނިހެން ކަންކަމުގައި ހެޔޮގޮތުގައި ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މި ވަސީލަތްތައް ދިގު މުއްދަތެއްގައި ބޭނުންކުރުމަށްޓަކައި ފަރުވާތެރިކަމާއެކު ބަލަހައްޓާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

comment ކޮމެންޓް