އިނގިރޭސިވިލާތުގައި ކޮންޒަވެޓިވް ޕާޓީގެ މަގްބޫލުކަން ދަށަށް ހިނގައްޖެ

ތެރޭސާ މޭ

ލަންޑަން (އެޕްރީލް 15) : އިނގިރޭސިވިލާތުގައި އިންތިޚާބެއް ބާއްވައިފިނަމަ މިހާރު ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ މައްޗަށް އިދިކޮޅު ލޭބަރ ޕާޓީ ބޮޑު ތަފާތަކުން ކުރިހޯދާނެކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެއްޖެއެވެ.

ލަންޑަނުގައި ނުކުންނަ "ސަންޑޭ ޓެލެގްރާފް" ނޫހުން ކުރި އާންމު ޚިޔާލު ހޯދުމުގެ ސާވޭ އެއްގެ ނަތީޖާ ދައްކާގޮތުން އިނގިރޭސިވިލާތުގައި އަވަސް އިންތިޚާބެއް ބޭއްވި ނަމަވެސް އަދި ބަރުލަމާނީ މުއްދަތު ހަމަވެގެން އާންމު އިންތިޚާބެއް ބޭއްވިނަމަވެސް އެގައުމުގެ ހާލަތު އޮތްގޮތުން އިންތިޚާބުގައި ކުރިހޯދާނީ ބޮޑު ތަފާތަކުން އިދިކޮޅު ލޭބަރ ޕާޓީއެވެ.

އިނގިރޭސި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގައި ކޮންޒަވެޓިވް ޕާޓީއަށް މިހާރު ލިބިފައިވަނީ 298 ގޮނޑިއެވެ. ލޭބަރ ޕާޓީއަށް 262 ގޮނޑިއެވެ. ނަމަވެސް އިންތިޚާބެއް ބާއްވައިފިނަމަ ކޮންޒަވެޓިވް ޕާޓީއަށް 59 ގޮނޑި ގެއްލި ލޭބާ ޕާޓީއަށް 34 ގޮނޑި އިތުރަށް ލިބިގެންދާނެއެވެ. މިގޮތުން ލޭބާ ޕާޓީއަށް 296 ގޮނޑީގެ ސާފު އައްލަބިއްޔަތެއްލިބޭއިރު ކޮންޒަވެޓިވް ޕާޓީ އަށް 59 ގޮނޑި ގެއްލި އެޕާޓީއަށް ލިބޭގޮނޑީގެ އަދަދު 259 އަކަށް ދަށަށްދާނެކަން "ސަންޑޭ ޓެލެގްރާފް" އިން ކުރިސާވޭން ވަނީ ހާމަވެފައެވެ.

އިދިކޮޅު ލީޑަރު ޖެރިމީ ކޯބިން

މީގެ ދެހަފްތާކުރިން އެހެން ނޫހަކުން ކުރި އާންމު ޚިޔާލު ހޯދުމުގެ ސާވޭއަކުންވެސް ނުކުމެފައިވަނީ މިއާއެއްގޮތް ނަތީޖާއެކެވެ. ގައުމީ ވިސްނުމާއި އިނގިރޭސީންގެ ޒަމާންވީ ކޮންޒަވެޓިވް ފިކުރު ގެންގުޅޭ ކޮންޒަވެޓިވް ޕާޓީ އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން ގެންދަނީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

2010 ން 2016 އަށް އެޕާޓީގެ ފަރާތުން ވެރިކަން ކުރައްވާފައިވަނީ ޑޭވިޑް ކެމެރޮން އެވެ. ކެމެރޮންގެ ވެރިކަން ނިމުމަކަށް އައީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓުގައި ކެމެރޮން މަސައްކަތްކުރެއްވި ގޮތާ ޚިލާފަށް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ރައްޔިތުންގެ އަޣްލަބިއްޔަތު ލިބުމާ ގުޅިގެން ލަދުވެތިވެ ވަޑައިގެން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެއަށްފަހު 13 ޖުލައި 2016 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ތެރޭސާ މޭ އެވެ. ތެރޭސާގެ މަގްބޫލުކަމާއި ކޮންޒަވެޓިވް ޕާޓީގެ މަގްބޫލުކަން އިނގިރޭސިވިލާތުގައި ދަށަށް ގޮސްފައިވަނީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް އަމާންކަމާއި އޮމާންކަމާއެކު ކުރިޔަށް ގެންދިޔުމުގައި އެޕާޓީ ފޭލްވުމާއި ބްރެކްސިޓްގެ މައްސަލާގައި އިނގިރޭސިވިލާތް އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލުމާއެކު އެކަމުން ސަލާމަތްވާނެ ގޮތެއްވެސް ކޮންޒަވެޓިވް ޕާޓީއަށް ނުހޯދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މިމައްސަލާގައި ލޭބާޕާޓީގެ ޒައީމް ކެރިމީ ކޯބިންވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ތެރޭސާ މޭ އަށް ގޮވާލައްވާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް