ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކޮށްދިނުމަށް އެ އަތުޅު ކައުންސިލުން އެދިއްޖެ

ތ. އަތޮޅުގެ ކައުންސިލަރުންނާ ރައީސް ސޯލިހްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކޮށްދިނުމަށް އެ އަތުޅު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިއްޖެއެވެ.

ތ. އަތޮޅު ކައުންސިލްގެ މެންބަރުން މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ރައީސް އޮފީހުގައި ވަނީ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ތ. އަތޮޅުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކައުންސިލުން ރާއްވަވާފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު، ރައީސްއާ ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން އަތޮޅަށް ތަރައްގީ ގެނައުމުގައި ކައުންސިލުން ގެންގުޅޭ ވިސްނުން ވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަކީ ހުރިހާ ރައްޔިތުންގެވެސް ވަރަށް ބޮޑު އެދުމެއްކަން ފާހަގަ ކުރައްވައި، ފަތުރުވެރިކަމުގެ ވިޔަފާރި ކޮޅުމަޑުލަށް ގެނައުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހްވަނީ، ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައިފައެެވެ. އަދި އެކަންކަން ހައްލު ކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށާއި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއްއަމާޒު ކަމުގައި ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް