ރައީސް ނަޝީދު އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލައްވަން އިނގިރޭސިވިލާތަށް

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޗުއްޓީ ހޭދަކޮށްލައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއިލާއާއެކު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

މިއީ ނިމިގެން ދިޔަ މަޖިލިސް ކެމްޕޭންގައި ވަރަށް ބުރަކޮށް އުޅުއްވުމަށްފަހު އާއިލާއާއެކު ކުރު ޗުއްޓީއެއް ހޭދަކޮށްލައްވަން ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުންޏެވެ.

އިނގިރޭސިވިލާތުގައި ޗުއްޓީ ހޭދަކުރެއްވުމަށްފަހު މިމަހު 25 ވަނަ ދުވަހު ރައީސް ނަޝީދު ވަޑައިގަންނަވާނީ އެމެރިކާގެ ނިއުޔޯކްއަށެވެ. މިއީ ހޮލީިވުޑްގެ މަޝްހޫރު ފިލްމީ ތަރި ޖޯޖް ކްލޫނީ އަދި އަނބިކަނަބަލުން އަމާލް ކްލޫނީ އުފައްދަވައިފައިވާ ޖަމްއިއްޔާ ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސްގެ އިވެންޓެއްގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ރައީސް ނަޝިދުގެ އޮފީހުން ބުންޏެވެ.

އެ އިވެންޓްގައި ގާނޫނީ ވަކީލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މުހިއްމު އެކި އެކި ފަރާތްތަކުން ބައިވެރިވާނެކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުންޏެވެ.

ކްލޫނީ ފައުންޑޭޝަން އޮފް ޖަސްޓިސްއަކީ ހުދުމުހުތާރު ސަރުކާރުތަކުން އިންސާފުން ބޭރުން ޝަރީއަތް ކުރެވޭ ފަރާތްތަކަށް ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް 2016 ވަނަ އަހަރު އުފައްދައިފައިވާ ޖަމްއިއްޔާއެކެވެ.

އެ ފައުންޑޭޝަންގެ އެއް ފައުންޑާ އަމާލްވަނީ ރައީސް ނަޝީދު ރާއްޖޭގެ ޖަލުގައި ހުންނެވިއިރު އެމަނިފާނުގެ ވަކީލެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައެވެ.

comment ކޮމެންޓް