ޕާކިސްތާނުގެ ހާޒާރާ ދަރިކޮޅުގެ މީހުންގެ ނަސްލު ނައްތާލާތީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަނީ

ހަޒާރާ ދަރިކޮޅުގެ މީހުން އެމީހުންގެ ރައްކާތެރިކަމާއި ހިމާޔަތަށް އެދި މުޒާހަރާ ކުރަނީ

ކުއެޓާ (އެޕްރީލް 15) : ޕާކިސްތާނުގެ ހުޅަނގުގެ ބަލޫޗިސްތާން ސަރަހައްދުގައި ދިރިއުޅޭ ބައިމަދު ހަޒާރާ ދަރިކޮޅުގެ މީހުން އެމީހުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ގޮވާލައި މުޒާހަރާކުރަން ފަށައިފިއެވެ.

ބަލޫޗިސްތާނުގެ ކުއެޓާގައި ދިރިއުޅޭ ހަޒާރާ ދަރިކޮޅުގެ މީހުން ކުރަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގައި ޕާކިސްތާން ސަރުކާރުގެ ކިބައިން އެމީހުން އެދެމުންދަނީ އެމީހުންގެ ނަސްލާއި ވުޖޫދާއި ދިރިއުޅުން ހިމާޔަތްކޮށް ދިނުމަށެވެ. ހަޒާރާ ދަރިކޮޅުގެ މީހުންނަކީ ވަރަށް ދަތި ހާލުގައި ދިރިއުޅޭ ބައިމަދު އަދި އޭގެ ތެރެއިން ފަގީރު ހާލުގައި ދިރިއުޅޭ މީހުން ގިނަ ޖަމާއަތެކެވެ.

ޕާކިސްތާނުގައި ދީނުގެ ނަމުގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ހަރުކަށި ތަކްފީރީ ޖަމާއަތްތަކުގެ ޙަމަލާތައް އެންމެ ބޮޑަށް އަމާޒުކުރާ އެއްބަޔަކީ ހަޒާރާ ދަރިކޮޅުގެ މީހުންނެވެ. ބައިމަދު އެދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް ދޭ ޓެރަރިސްޓް ޙަމަލާތަކުގެ ތެރޭގައި އެމީހުންގެ ދަނޑުތަކާއި މާރުކޭޓްތަކާއި އެމީހުން އެއްވާ ބަސްސްޓޭޝަން ފަދަ ތަންތަނުގައި ބޮންގޮއްވައިގެން އެމީހުން މެރުން ހިމެނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބަލޫޗިސްތާން ސަރަހައްދުގައި ހަޒާރާ ދަރިކޮޅުގެ މީހުން އަމާޒުކޮށްގެންވެސް ދީފައިވަނީ އެފަދަ ޙަމަލާއެކެވެ. އެހަމަލާ ދީފައިވަނީ ހަޒާރާ ދަރިކޮޅުގެ މީހުން އެމީހުންގެ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކަންތިބި މާރުކޭޓަކަށް އަމާޒުކޮށްގެންނެވެ. އެ ޓެރަރިސްޓް ހަމަލާއެއްގައި 16 މީހުން މަރުވެ 30 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާއިރު މަރުވި ގިނަ މީހުންނަކީ ހަޒާރާ ދަރިކޮޅުގެ މީހުންނެވެ.

ކުއެޓާގެ ފުލުހުންގެ ވެރިޔާގެ ނައިބު އަބްދުއްރައްޒާގް ޝީމާ ވިދާޅުވީ ހަމަލާދީފައިވަނީ ހަޒާރާ ދަރިކޮޅުގެ ޝިޔައީން ބޭނުންކުރާ ތަރުކާރީ މާރުކޭޓެއްގައި ކަމަށާ ހަމަލާދިނުމަށް ބޭނުންކުރީ ބޮންތަކެއް ކަމުގައެވެ. އެބޮންތައް މާރުކޭޓަށް ގެންގޮސްފައިވަނީ ތަރުކާރީ އަޅާފައިވާ ގޯނިތަކެއްގެ ތެރޭގައި ފޮރުވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުންވަނީ ކުއެޓާގައި ދިން ޙަމަލާގެ ޒިންމާ އުފުލާފައެވެ. އައިއެސް ޖަމާއަތުގެ ނޫސްއެޖެންސީ "އަލްއަޢްމާގް" އިން ބުނެފައިވަނީ ކުއެޓާގެ މާރުކޭޓަށް ހަމަލާދިނީ އެޖަމާއަތުގެ ހަނގުރާމަވެރިއެއް ކަމަށާއި އެއީ އަމިއްލައަށް މަރުވެގެންދިން ޙަމަލާއެއްކަމުގައެވެ.

މީގެކުރިންވެސް ހަޒާރާ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް ގެން ޕާކިސްތާނުގެ ބަލޫޗިސްތާންގައި އެތަށް ހަމަލާތަކެއްދީ ހަޒާރާ ދަރިކޮޅުގެ އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުން ދޮޅަސް ދޮޅަހުން މަރާފައިވެއެވެ. މިފަދަ ޙަމަލާތައް ދޭ ހަރުކަށި ޖަމާއަތްތަކުގެ ތެރޭގައި އައިއެސް ޖަމާއަތުގެ އިތުރުން ޕާކިސްތާނުގައި ދިނުގެ ނަމުގައި ހަރަކާތްތެރިވާ އެނޫންވެސް ހަރުކަށި ތަކްފީރީ ވިސްނުމުގެ ޖަމާއަތްތައް ހިމެނެއެވެ.

އިސްލާމި ގައުމުތަކުގައި ފުޅާދާއިރާއެއްގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ އައިއެސް ޖަމާއަތުންވަނީ އިރާގުގެ ބައިމަދު ޖަމާއަތެއްކަމަށްވާ ޔަޒީދީންނާ ދެކޮޅަށްވެސް ބޮޑެތި ޖަރީމާތައް ހިންގާފައެވެ. އަދި ޔަޒީދީންގެ ނަސްލު ނައްތާލާނެކަމުގެ އިންޒާރު އެތައް ފަހަރަކު ވަނީ ދީފައެވެ.

އައިއެސް ޖަމާއަތުގެ ބާރު އިރާގުގައި ގަދަ ދުވަސްވަރު އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންވަނީ ޔަޒީދީ ދަރިކޮޅުގެ އަންހެނުން އަޅުންގެ ގޮތުގައި ހަދައި އަޅުންގެ ބާޒާރެއް ގާއިމް ކުރުމަށްފަހު އެބާޒާރުގައި ޔަޒީދީ އަންހެނުން ވިއްކާ ހަދާފައެވެ. އަދި ޔަޒީދީ އަންހެނުންނާއި ކުޑަކުދިން ވަރަށް އަނިޔާވެރި ގޮތުގައި މެރުމަށްފަހު ބޮޑެތި ކަށްވަޅުތަކުގައި އެމީހުން ވަޅުލިކަމުގެ ތުހުމަތުވެސް އައިއެސް ޖަމާއަތުގެ މައްޗަށްވަނީ ކުރެވިފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު