ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލްކުކުރެވޭ އިސްލާހު އުވާލަން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވާލަން މަޖިލީހުން ފާސްކޮށްފިއެވެ.

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް (ހ)އަށް އިސްލާހު ގެނައީ ނިމިގެން ދިޔަ ރިޔާސީ ދައުރުގެ ތެރޭގައެވެ. އެ އިސްލާހު އުވާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

މިއަދު ޖަލްސާގައި އެ އިސްލާހު އުވާލަން ޖަލްސާގައި ބައިވެރިވި 64 މެމްބަރުން ވަނީ ވޯޓު ދީފައެވެ.

ކުރިން ގާނޫނު އަސާސީގެ 251 ވަނަ މާއްދާ އޮތް ގޮތުން ބޭރުގެ އެއްވެސް މީހަކަށް ރާއްޖެއިން ބިން މިލްކެއް ނުކުރެވޭނެއެވެ. އެހެން ނަމަވެސް، ފަހުން އިސްލާހު ކުރީ ގާނޫނު އަސާސީއަށް ބާބެއް އިތުރުކޮށް 99 އަހަރަށް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށެވެ.

ގާނޫނު އަސާސީގެ 251 ވަނަ މާއްދާ ކުރީގެ އޮތް ގޮތަށް އިސްލާހުކުރުމުން އޭރު އިތުރު ކުރި ބާބު އުވިގެންދާނެއެވެ.

comment ކޮމެންޓް