މިނިސްޓްރީގެ ހުއްދަ ނެތި މަސްރޭސް ނުބޭއްވޭގޮތް ހަދަނީ

މަސްވެރިކަމުގައި ބަޔަކު ހަރަކާތްތެރިވަނީ ---

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްރޭސް ބާއްވާ ނަމަ ކުރިއާލައި ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނުހޯދައި މަސްރޭސް ނުބޭއްވޭ ގޮތަށް މަސްވެރިކަމާ ބެހޭ ބިލެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މަސްވެރިކަމާ ބެހޭ ބިލުގައި މަސްވެރިކަން ކުރެވޭނެ އުސޫލީ ގިނަ ކަންތައްތައްކެއް ހިމަނާފައިވެ އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރާ މަސްވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި ކަންކަމަށް ހާއްސަ ބާބެއް އެ ބިލުގައި ވަނީ އެކުލަވާލާފަ އެވެ. އެ ބާބުގައި ވާގޮތުން އެއްވެސް ކަހަލަ މަސްވެރިކަމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކުރެވޭނީ ފިޝަރީޒް މިނިސްޓްރީން ހުއްދަ ނަގައިގެންނެވެ.

ނަމަވެސް އޭގެތެރޭގައި ހިމެނެނީ ވިޔަފާރީގެ ބޭނުމަށާއި އުފެއްދުންތެރިކަމުގެ ބޭނުންތައްކަށް ކުރާ މަސްވެރިކަން އެކަނި ކަމަށް ބިލުގައިވެ އެވެ. އެހެނިހެން ގޮތްގޮތަށް ކުރާ މަސްވެރިކަން ނުހިމެނޭނެ ކަމަށް ވަނީ ހިމަނާފަ އެވެ.

މަސްރޭސް ބޭއްވޭނީވެސް ހުއްދައެއް ނަގައިގެން

މަޖިލީހަށް ހުށަހެޅި މަސްވެރިކަމާ ބެހޭ ބިލުގައި ވާގޮތުން އެ ބިލު ގާނޫނަކަށްވުމުން ކުޅިވަރުގެ ބޭނުމަށް ނުވަތަ އެހެންވެސް ބޭނުމަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން މަސްރޭސް ފަދަ މުބާރާތްތައް ބޭއްވޭނީ ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ.

މުނިފޫހި ފިލުވުމަށް ނުވަތަ ކުޅިވަރުގެ ބޭނުމަށް ކުރާ މަސްވެރިކަން 17 (ހ)

  • މިނިސްޓްރީގެ ހުއްދަ ކުރިއާލާ ލިއުމުން ލިބިގެން މެނުވީ މުނިފޫހި ފިލުވުމަށް ނުވަތަ ކުޅިވަރުގެ ބޭނުމަށް އެއްވެސް ފަރާތަކުން މަސް ރޭސް ފަދަ އެއްވެސް ހަރަކާތެއް ނުވަތަ މުބާރާތެއް

މަސްވެރިކަމާ ބެހޭ ބިލު ހުށަހެޅުއްވި މެމްބަރު މުހައްމަދު ރަޝީދު ހުސައިން ---

އޭގެ އިތުރުން ރާއްޖޭގެ ކަނޑުން ބޭރުގެ ފަރާތްތަކަށް ހުއްދަ ހޯދައިގެން މަސްވެރިކަން ކުރެވޭ ގޮތަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. މިނިސްޓްރީގެ ހުއްދައަކާ ނުލައި ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެހެންނަމަވެސް އެޅޭނެ ފިޔަވަޅުތަކެއް ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. ބިލު ގާނޫނަކަށް ވުމުން އެ ގާނޫނުގެ ދަށުން ގަވާއިދުތައް ހަދައި ފިޔަވަޅުތައް ބަޔާން ކުރުމުގެ ބާރު ބިލުން ވަނީ ފިޝަރީޒް މިނިސްޓްރީއަށް ދީފަ އެވެ.

މަސްވެރިކަން ކުރުމަށް ދިވެހިންނަށް އަދި ބޭރުގެ ފަރާތްތަކަށްވެސް ހުއްދަދީ ލައިސަންސް ދޫކުރެވޭނީ ފީއެއް ދައްކައިގެން ކަމަށް ބިލުގައި ބަޔާންކޮށްފައިވީ ނަމަވެސް ފީއަކީ ކިހާވަރެއް ކަމެއް ބުނެފައެއް ނެތެވެ. ފީ ކަނޑައަޅާނީ ވެސް މިނިސްޓްރީއިން ހަދާ ގަވައިދަކުން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަން ކުރުން މަސްވެރިކަމާ ބެހޭ ބިލުން މަނާކުރެ އެވެ. ނަމަވެސް މިނިސްޓްރީން ދޫކުރާ ސައްހަ ލިޔުމެއް އޮވެ، ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ގަރާރުތަކާ ހިލާފު ނުވާގޮތަށް ރާއްޖޭގެ ކަނޑުން ބޭރުން މަސްވެރިކަން ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މަސްވެރިކަން ކުރާ އޮޑިފަހަރަށް ލައިސަންސް ދޫކުރުން

މަސްވެރިކަން ކުރާ އޮޑިއެއް --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

މަސްވެރިކަމާ ބެހޭ ބިލު މިހާރު އޮތް ގޮތަށް މަޖިލީހުން ފާސްކޮށްފި ނަމަ ރާއްޖޭގައި މަސްވެރިކަން ކުރާ އޮޑިފަހަރަށް މަސްވެރިކަން ކުރެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސެއް އޮވެގެންނެވެ. އަދި އެ ލައިސަންސް މިނިސްޓްރީން ދޫކުރާނީ ލައިސަންސަށް ދައްކަން ޖެހޭ ފީ ދެއްކުމުން ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ލައިސަންސް ބާތިލު ކުރުމާއި ވަގުތީގޮތުން ހިފެހެއްޓޭނެ ހާލަތްތައް

  • ވަކި ބާވަތެއްގެ މަސްވެރިކަމެއް ހިންގައި ބެލެހެއްޓުމަށްޓަކައި ލައިސަންސް ބާތިލު ނުވަތަ ހިފެހެއްޓުމަކީ މުހިންމުކަމެއް ކަމުގައި ވުން.
  • ލައިސަންސް ދޫކޮށްފައިވާ އުޅަނދަކީ މި ގާނޫނާ ހިލާފަށް ބޭނުންކޮށްފައިވާ އުޅަނދަކަށްވުން ނުވަތަ ލައިސަންސް ދޫކޮށްފައިވާ ޝަރުތާ ހިލާފުވެފައިވާ އުޅަނދަކަށްވުން.
  • ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ދަށުން ލައިސަންސް ބާތިލު ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމަށް ލާޒިމުކުރާ ހާލަތަކަށްވުން.

އެއްވެސް އުޅަނދަކަށް މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރާ ނަމަ އެކަން ލިޔުމުން އެ އުޅަނދެއްގެ ވެރި ފަރާތައް އަންގަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މަސްވެރިކަމާ ބެހޭ ބިލު ފުރަތަމަ ކިޔުން އިއްވި ނަމަވެސް އަދި ބިލުގެ އެއްވެސް މަސައްކަތެއް މަޖިލީހުގައި ކުރިއަކަށް ނުދެ އެވެ. ބެލެވޭ ގޮތުން އެ ބިލުގެ މަސައްކަތް ކުރިއަށް ދާނީ އަލަށް އިންތިހާބުވި މަޖިލިސް ހުވާ ކުރުމަށް ފަހު އެވެ.

comment ކޮމެންޓް