އިސްތިސްޤާ ނަމާދު ކުރަމުން ދަނިކޮށް މާލެއަށް ވާރޭ ވެހިއްޖެ

މިއަދު އިސްލާމީ މަރުކަޒުގައި ކުރި އިސްތިސްޤާ ނަމާދުގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވުޝަން އިލްޔާސް

ވާރޭ ނުވެހޭތާ ގިނަ ދުވަސް ވެ ވާރޭ ފެން ނުލިބި ދަތިވެފައިވާތީ މިއަދު މެންދުރު އިސްތިސްގާ ނަމާދު ކުރަމުންދަނިކޮށް މާލެއަށް ވާރޭ ވެހިއްޖެއެވެ.

މިއަދު މެންދުރު ނަމާދަށްފަހު، ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްޤާ ނަމާދު ވަނީ ކޮށްފަ އެވެ. އަދި މާލޭގައި އެ ނަމާދު އިސްލާމީ މަރުކަޒުގައި ވަނީ ކޮށްފައެވެ. އިސްލާމީ މަރުކަޒުގައި އެ ނަމާދު އިމާމްވެ ކޮށްދެއްވީ ޝައިހް ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފްއެވެ.

މިއަދު މެންދުރު އިސްލާމީ މަރުކަޒުގައި އިސްތިސްގާ ނަމާދު ކުރި އިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ނަމާދުގައި ބައިވެރިވެފަ އެވެ.

މެންދުރު ގަދަޔަށް އަވިދިއްލާފައި އޮއްވައި ނަމާދަށް ފެށި ނަމަވެސް ނަމާދު ކުރަމުން ދިޔަ ވަގުތު މާލެއަށް ވަނީ ކޮންމެވެސް ވަރަކަށް ވާރޭ ވެހިފަ އެވެ.

އެހެން ރަށްރަށުގައި އިސްތިސްޤާ ނަމާދު ކޮށްފައިވަނީ އެރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައެވެ.

އިސްތިސްގާ ނަމާދަކީ ސަބަބެއް މެދުވެރިވެގެން ކުރާ ސުންނަތް ނަމާދެ ކެވެ. އަދި އެ ނަމާދު ކުރުމަށް ފަހު ހާއްސަ ޙުތުބާއެއް ކިޔައި ނަސޭހަތް ދޭއިރު ވާރޭ ވެއްސެވުމަށް އެދި ދުއާ ކުރާނެ އެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ކުރި އިސްތިސްޤާ ނަމާދުގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވުޝަން އިލްޔާސް

މީގެ ކުރިންވެސް ވާރޭ ނުވެހި ގިނަ ދުވަސްވުމުން ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ އިސްތިސްގާ ނަމާދު ކޮށްފައެވެ. ރާއްޖެއަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެކެވެ. ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ވާރޭ ފެން ލިބުން ވެސް ވަނީ ދަތިވެފައެވެ.

comment ކޮމެންޓް