"ނަފްސާނީ ދުޅަހެޔޮ" ކެމްޕެއިން ފަސްޓްލޭޑީ އިފްތިތާހްކޮށްދެއްވައިފި

"ނަފްސާނީ ދުޅަހެޔޮ" ކެމްޕެއިން ފަސްޓްލޭޑީ އިިފްތިތާހްކޮށްދެއްވަނީ--- ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ "ނަފްސާނީ ދުޅަހެޔޮ" ކެންޕެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ފަޒްނާ އެ ކެމްޕެއިން އިފްތިތާހްކޮށްދެއްވީ މިއަދު ހެނދުނު ހޮޓެލް ޖެންގައި، އެކަމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފަޒްނާ ވިދާޅުވީ ވިދާޅުވީ، އާދަޔާ ޚިލާފަށް ކަންކަމާ ދެރަވެ، ހާސްވެ، ބިރުގަނެ، ރޮވި، ގިނަ ދުވަސްތަކެއް ވަންދެން ކޮޓަރިން ނުވަތަ ގެއިން ނުނުކުމެ، އާއިލާއާއި ރަހުމަތްތެރިންނާ ދުރުގައި، އާންމުކޮށް ސްކޫލަށް ނުވަތަ އޮފީހަށް ސަލާން ބުނެ، އެކަނިވެރި ދިރިއުޅުމެއް އުޅެ، ކުރަން ބޭނުންވާ އެތައްކަމެއް ނުކުރެވިފައިވާ އެތައްބަޔަކު ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަކަމަށެވެ.

އަދި އެ ކަންކަމަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތައްކަން އެފަދަ މައްސަލަތައް ދިމާވާ މީހުންނާއި އަދި އެމީހުންގެ އާއިލާގެ މެންބަރުންނާއި ރައްޓެހިންނަށް ވެސް ނޭނގޭކަން ފަޒްނާ ފާހަގަކުރެއްވި އެވެ.

އަދި އެފަދަ ބައްޔެއް ހުރިކަން އެނގުނު ނަމަވެސް އެމީހެއްގެ އެފަދަ ބައްޔެއް ހުރިކަމަށް ބުނަން ބޭނުންވަނީ މަދުބައެއް ކަން ފާހަގަކުރައްވާ ނަފްސާނީ ބަލިތަކާ މެދު ހޭލުންތެރިކުރުމުގެ ވާހަކަ ގައުމީ ފެންވަރެއްގައި ދަންކަން ޖެހޭ މައިގަނޑު ސަބަބަކީ ވެސް އެއީކަން ފަޒްނާ ފާހަގަކުރެއްވި އެވެ.

ނަފްސާނީ ބަލިތަކުގެ ހާލަތު ދުނިޔޭގައި އޮތް މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދުނިޔޭގައި ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހެއްކަމަށް ބެލެވޭކަމުގަ އެވެ. އަދި ރާއްޖޭގައި މިދާއިރާއިން ކުރެވިފައިވާ މަދު ދިރާސާތަކުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގައި ވެސް މި ނިސްބަތް އެހާވަރުގައި ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ފަޒްނާ ވިދާޅުވީ ގިނަ ބަލިތަކަކީ ހަމައެކަނި ބޭހެއް ކައިގެން ރަނގަޅުކުރެވޭ ބަލިތައް ކަމުގައިވީ ނަމަވެސް ހަކުރުބަލި ފަދަ ބަލިތައް ފަދައިން ނަފްސާނީ ބައްޔަކީ ބޭހާ އެކު ތެރަޕީވެސް ބޭނުންވާ ބައްޔެއް ކަމަށެވެ. އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނަ އިރު އެމީހަކު އަދާކުރާ ޒިންމާތަކުން ލުޔެއް ދިނުން ފަދަ ކަންކަން ފަހި ކުރަން ޖެހޭކަން ވެސް ފަޒްނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"ނަފްސާނީ ދުޅަހެޔޮ ކެންޕެއިން" އަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއް އަހަރު ދުވަހަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކެންޕެއިން އެކެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ ޚާއްޞަ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވައުދެއް ވެސް މެ އެވެ.

އެ ވައުދާ ގުޅިގެން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ވަނީ ނެޝަނަލް މެންޓަލް ހެލްތުގެ ނަމުގައި އިންސްޓިޓިއުޓް އުފައްދަވައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިފަ އެވެ.

comment ކޮމެންޓް