ގެއްލުނު އިންސާނީ ހައްގު ހޯދައި ދިނުމަށް "އިންތިގާލީ އަދާލަތު" ނަމުގައި ކޮމިޝަނެއް އުފައްދަނީ

އިންތިގާލީ އަދާލަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި މެމްބަރު އިމްތިޔާޒު ފަހުމީ --- ފޮޓޯ/ މަޖިލިސް

ވޭތުވެ ދިޔަ ހަތް އަހަރު އިންސާނީ ހައްގުތަކާ ހިލާފަށް ހިނގާފައިވާ ކަންކަން ބެލުމަށް "އިންތިގާލީ އަދާލަތު"ގެ ނަމުގައި ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނަށް ގާނޫނުން ބާރު ދިނުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅި އެ ބިލުގައި ބުނެފައި ވަނީ އެކެއް ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަތުމަށް ހިންގާފައި ކަންކަން "އިންތިހާލީ އަދާލަތު" ކޮމިޝަނުން ބެލޭނެ ކަމަށެވެ.

އަދި ހައްގުތަކުން މަހުރޫމުވި ރައްޔިތުނަށް ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ހޯދައި ދިނުމުގެ ކަންކަން އެ ކޮމިޝަނުން ބަލާނެ ކަމަށް މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ ބުނެފަ އެވެ.

އިންތިގާލީ އަދާލަތު ކޮމިޝަނުގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ފަސް މެމްބަރުން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެ ބިލު ފާސްވެ ގާނޫނަށްކަށް ވާ ހިސާބުން އިންތިގާލީ އަދާލަތު ކޮމިޝަން ރައީސް އުފައްދަވަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

"މި ގާނޫނުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުލަތާއި ދައުލަތާއި ގުޅުންހުރި މުއައްސަސާތަކުން ނުވަތަ އިދާރާއެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން އެއްވެސް މީހެއްގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ އިހުތިސާސް މި ގާނޫނުގެ ދަށުން އެކުލަވާލާ ކޮމިޝަނަށް ލިބިގެންވޭ"

ކޮމިޝަނު އުފެއްދުމަށް މަޖިލީހަށް ހުށަހެޅި ބިލުގައި ގާނޫނީ ބާރުތަކެއް ވެސް ކޮމިޝަނަށް ދޭން ވަނީ ހިމަނާފަ އެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި، މީހުން ހާޒިރުކޮށް ސުވާލު ކުރުމާއި ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރު ކުރުމަށް ކޯޓު އަމުރަށް އެދފުމުގެ ބާރުވެސް އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ދޭން ބިލުގައި ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން އެ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތަންތަން ފާސްކުރަން ބޭނުން ވެއްޖެ ނަމަ އެކަމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމުގެ ބާރު ވެސް ކޮމިޝަނަށް ދޭން ވަނީ ބިލުގައި ހިމަނައިފަ އެވެ. އަދި ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން ތަހުގީގީ އިދާރާއަކަށް ލިބިގެންވާ ހުރިހާ ބާރެއް އިންތިގާލަތު އަދާލުތުގެ ކޮމިޝަނަށް ދޭން ބިލުގައި ވަނީ ހިމަނައިފަ އެވެ.

އިންތިގާލީ އަދާލަތު ބިލުގެ ދަށުން އޮމްބުޑްސްމަންގެ ނަމުގައި އޮފީހެއް ހެދުމަށް ވެސް ލިޔެފައިވެ އެވެ. އެ އޮފީހަކީ އިންތިގާލީ އަދާލަތު ކޮމިޝަނުން ތަހުގީގުކޮށް ނިންމާ މައްސަލަތައް ބަލައި މަދަނީ މިންގަނޑުން އެ މައްސަލައެއް ސާބިތުވޭތޯ ބެލުމުގެ ބާރު ދީފައިވާ އޮފީހެކެވެ.

އޮމްބުޑްސްމަންގެ އޮފީހަށް އައްޔަން ކުރާ މެމްބަރުންނަކީ ސުޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ހުންނަ މީހަކަށް ވާންޖެހޭ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އިންތިގާލީ އަދާލަތުގެ ބިލު ގާނޫނަކަށް ވާ ހިސާބުން އެ އޮފީސް އުފެދުނީ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެ އޮފީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރުވެސް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އިންތިގާލީ އަދާލަތުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި އިއްވާފައިވާ އިރު މަޖިލީހުގެ މި ދައުރު މިއަދު ނިމޭނެ އެވެ. ދެން އެ ބިލުގެ މަސައްކަތް ކުރިއަށް ދާނީ މަޖިލީހަށް އަލަށް އިންތިހާބުވި މެމްބަރުންނާއެކު މޭ 28 ވަނަ ދުވަހުގެ ފަހުންނެވެ.

އިންތިގާލީ އަދާލަތުގެ ބިލުގެ އިތުރުން ރައީސް އުފައްދަވާފައިވާ މަރު ކޮމިޝަނާއި ކޮރަޕްޝަން ކޮމިޝަނަށް ބާރުދޭ ބިލުގެ މަސައްކަތްވެސް އަދި މަޖިލީހުގައި މަޑުޖެހިފަ އެވެ.

comment ކޮމެންޓް