"ޕީއެސްޖީ ކުޅުނީ ކުޑަކުދިންތަކެއް ކުޅޭ ފާޑަށް"

ޕީއެސްޖީގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބައްޕޭ --- ފޮޓޯ/ ސަޗާ ޕިސަނީ

ފްރެންޗް ލީގުގައި ރޭ ލިލް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީ ބަލިވި މެޗަށް ފަހު އެ ޓީމުން ރޭގެ މެޗުގައި ކުޅުނީ ކުޅެންނޭނގޭ ކުޑަކުދިންތަކެއް ކުޅޭ ފާޑަށް ކަމަށް އެ ޓީމުގެ ސްޓަރައިކަރު ކިލިއަން އެމްބައްޕޭ ބުނެފި އެވެ.

މެޗުގެ ބޮޑުބައި އެއްކުޅުންތެރިއަކު މަދުކޮށް ކުޅުނު ޕީއެސްޖީ ރޭގެ މެޗުން ބަލިވެފައި ވަނީ 1-5ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ލީގުގެ ތަށި މިހާރު ވެސް ޔަގީންކޮށްފައިވާ ޕީއެސްޖީއިން ރޭގެ މެޗުން ބަލިވި ނަމަވެސް މަގާމަކަށް އެއްވެސް ތަފާތު ކަމެއް ނާންނާނެ އެވެ. އެ ޓީމުން ފްރާންސް ލީގުގެ އެއްވަނާގައި އޮތީ 17 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އެވެ.

ނަމަވެސް ރޭގެ މެޗުން ލަދުވެތި ގޮތަކަށް އެ ޓީމު ބަލިވުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އެ ޓީމަށް ވަނީ އަމާޒުވެފަ އެވެ. ލީގުގެ ތަށި ޔަގީން ވިޔަސް ޕީއެސްޖީއިން މި އަހަރުގެ ސީޒަން ނިންމާލަން ޖެހޭނީ މާޔޫސް ކަމެއްގަ އެވެ. ސަބަބަކީ އެ ޓީމުގެ އެންމެ ބޮޑު އަމާޒުކަމުގައިވާ ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު އެ ޓީމަށް ވަނީ ގެއްލިފަ އެވެ.

މުހިއްމު ބައެއް ކުޅުންތެރިންގެ އަނިޔާއާ އެކު ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ނުހިމެނުނު ނަމަވެސް ޕީއެސްޖީއިން އެ މެޗަށް ނުކުތީ ޖުމްލަކޮށް ވަރުގަދަ ޓީމެއް އެކުލަވާލައިގެންނެވެ. ނަމަވެސް މެޗުގެ ނަތީޖާ ނުކުތީ ގިނަ ބަޔަކު ހައިރާންވާނެ ފަދަ ގޮތަކަށެވެ.

އެ މެޗަށް ފަހު ޕީއެސްޖީގެ ކުޅުންތެރިންގެ އިތުރުން ކޯޗު ވެސް ވަނީ ޓީމުގެ ކުޅުމާ ދޭތެރޭ ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން އެ ޓީމުގެ ޒުވާން ފޯވާޑް އެމްބައްޕޭ ވަނީ ރޭގެ މެޗުގައި ޕީއެސްޖީ އިން ދެއްކި ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

"ލީގު މިހާރު ވެސް މިއޮތީ ޔަގީން ވެފައި. މެޗަކުން ބަލިވުމަކީ މައްސަލައެއް ނޫން. އެކަމު މިހާ ދަށް ފެންވަރަށް މި ޓީމު ވެއްޓެން ޖެހޭ ސަބަބެއް ނޭނގެ. ހަތަރު ފަސް ގޯލުގެ ތަފާތަކުން ޗެމްޕިއަން ޓީމު ބަލިވުމަކީ ބޮޑު ލަދެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން އެމްބައްޕޭ ބުންޏެވެ.

އޭނާ ބުނީ ރޭގެ މެޗުގައި ކާމިޔާބު ހޯދި ލިލް އަކީ މޮޅު ޓީމެއް ކަމަށާއި އެ ޓީމު ރޭ ދެއްކި ކުޅުމާ ދޭތެރޭ ހައިރާންވާ ކަމަށެވެ. ނަމަވެސް ޕީއެސްޖީއަށް އެ ޓީމު ބަލި ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"އަހަރަމެން އެ މެޗުގައި ކުޅުނީ ކުޅެން ނޭނގޭބަޔަކު ކުޅޭ ފާޑަށް. އެކަން އިބުރަތަކަށް ބަލައި ދެން ކުރިއަށް އޮތްތާ ޓީމުގެ ވިސްނުން ބަހައްޓަންވީ ބާކީ ހުރި މެޗުތަކުން މޮޅުވާން."

comment ކޮމެންޓް