ކުޅުދުއްފުއްށީ ކުޅި ދިރާސާ ކުރުމަށް ފަހު މާހިރުންގެ ޓީމުން މިނިސްޓަރާ މައުލޫމާތު ހިއްސާކޮށްފި

ކުޅުދުއްފުށީ ކުޅި ދިރާސާ ކުރަން ދިޔަ މާހިރުންގެ ޓީމުން ކުޅީގެ ފެނުގެ ސާމްޕަލްތައް ނަގަން ކޮންނަނީ -- ސަން ފޮޓޯ: ނަޖާހު މަސްއޫދު

ހދ. ކުޅުދުއްފުއްށީ ކުޅި ދިރާސާ ކުރަން ދިޔަ ބޭރުގެ މާހިރުންގެ ޓީމުން އެ ރަށުގައި ކުރަން ހުރި މަސައްކަތްތައް ނިންމާލުމަށް ފަހު، މިއަދު މާލެ އައިސް އެންވަޔަރަމެންޓް މިނިސްޓަރު ހުސައިން ރަޝީދު ހަސަންއާ މައުލޫމާތު ހިއްސާކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އާއި "ސޭވް މޯލްޑިވްސް" ނަމަކަށް ކިޔާ ކެމްޕޭނެއްގައި ހަރަކާތްތެރިވާ ބަޔަކު ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުއްޓަށް ގެންގޮސްފައި ވަނީ ހަތަރު ފަންނީ މާހިރުން ހިމެނޭ ޓީމެކެވެ.

އެ ޓީމުގައި ހިމެނެނީ، ކުޅި ފަދަ ގުދުރަތީ ތަންތަން ހިމާޔަތްކޮށް ސަލާމަތް ކުރުމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓުގެ އެގްޒެކެޓިވް ޑިރެކްޓާ އެލްފްރެޑޯ ކުއާޓޯ އާއި، އެ ޖަމްއިއްޔާގެ އޭޝިއާ ކޯޑިނޭޓަރ ޖިމް އެންރައިޓް އާއި ޗައިނީސް ޔުނިވާސިޓީ އޮފް ހޮންކޮންގެ ޕްރޮފެސާ ޖޯ ލީ އާއި ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުގެ ޕްރޮފެސާ ޑޭން ފްރައިސް އެވެ. އޭގެ އިތުރުން އީޕީއޭގެ އޮފިޝަލަކުވެސް އެ ޓީމުގައި ހިމެނެ އެވެ.

ކުޅުދުއްފުށީ ކުޅި ދިރާސާ ކުރަން ދިޔަ މާހިރުންގެ ޓީމުން ކުޅީގެ ފެނުގެ ސާމްޕަލްތައް ނަގަން ކޮންނަނީ -- ސަން ފޮޓޯ: ނަޖާހު މަސްއޫދު

އެ ޓީމުން ވަނީ ކުޅީގެ ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލްތައް ނަގައިފަ އެވެ. އަދި މަސައްކަތް ނިންމާލުމަށް ފަހު އެ ޓީމު އެނބުރި މާލެ އައިސްފައި ވަނީ މިއަދު އެވެ.

އެންވަޔަރެމެންޓް މިނިސްޓްރީން މިއަދު ބުނީ ކުޅުފުއްފުށީ ކުޅި ބެލުމަށް ފަހު ފާހަގަ ކުރެވުނު ކަންތައްތައް މިއަދު މާހިރުންގެ ޓީމުން މިނިސްޓަރު ހުސެއިން ރަޝީދު ހަސަންއާ ހިއްސާކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ކުޅި ދިރާސާ ކުރަން ދިޔަ މާހިރުންގެ ޓީމުން މިނިސްޓަރު ހުސެއިން ރަޝީދު ހަސަންއާ މައުލޫމާތު ހިއްސާ ކުރަނީ -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

މާހިރުން މިނިސްޓަރާ ވާހަކަ ދެއްކީ ކުޅީގެ ފެން ރަނގަޅު ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކާ ބެހޭގޮތުންނާއި ކުޅީގެ ދިރުންތައް ހިމާޔަތް ކުރުމާ ބެހޭގޮތުންނެވެ.

މާހިރުންގެ ޓީމުން ނެގި ސާމްޕަލްތަކުގެ ތަހުލީލުތައް ހެދުމަށް ފަހު ރިޕޯޓެއް ތައްޔާރުކޮށް ކުޅި ހިމާޔަތް ކުރެވޭނެ ގޮތްތަކާ މެދު ލަފާ މިނިސްޓްރީއަށް އަރުވާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ކުޅުދުއްފުށީ ކުޅީގެ ބައެއް ހިއްކައިގެން އެއާޕޯޓު އެޅުމުން އެ ކުޅި ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އޭގެތެރެއިން ރަށުގެ އެތެރެއަށް ވާ ގޮތަށް އޮންނަ މަށި ކުޅީގެ ފެނަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެ އެ ކުޅީގައި ދިރިއުޅޭ މަސްތައް މިހާރު ދަނީ މަރުވަމުންނެވެ.

comment ކޮމެންޓް