ފަލަސްތީނުގެ އާ ސަފީރު ރައީސް ސޯލިހަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީން ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވަލީދު އެމްއެމް އަބޫއަލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީން ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވަލީދު އެމްއެމް އަބޫއަލީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވަނީ ފަލަސްތީނުގެ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދެގައުމުގެ ގުޅުމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

އެގޮތުން ރައީސް ސޯލިހު މިއަދު ވަނީ، ފަލަސްތީނަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ މަގާމެއް ދެވިފައިވާ ގައުމެއް ކަން ފާހަގަކުރައްވައިފަ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާނެ ކަމަށާއި އެ ތާއީދު އަބަދުވެސް ދެމިއޮންނާނެ ކަމަށް ވިދާޅުވި އެވެ.

ސަފީރު އަބޫ އަލީ ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ހެޔެއެދުންތައް ރައީސް ސޯލިހަށް ރައްދުކުރެއްވިއެވެ. އަދި ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރުމުގެ ފުރުސަތު އެލިބިވަޑައިގެންނެވުމުން އެކަމާ އުފާ ކުރައްވާކަމަށް ސަފީރު ވިދާޅުވި އެވެ.

އަދި ރާއްޖެއާ ފަލަސްތީނާ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ފްރާންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެރިކް ލެވަޓޫ އާއި ޔުގަންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގްރޭސް އަކެލޯ ވެސް މިއަދު ވަނީ ސަފީރު ކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވާފަ އެވެ.

comment ކޮމެންޓް