ރަފާލް އެއްބަސްވުމަށް ފަހު ފްރާންސުން އަނިލް އަމްބާނީގެ ޓެކްސް މާފުކުރި: ރިޕޯޓު

2016 ވަނަ އަހަރު އިންޑިއާއިން ވަނީ ފްރާންސުގެ ޑަސޯލްޓުން 36 ރަފާލް ފައިޓާ ޖެޓު ގަތުމަށް އެއްބަސްވުމެއް ހަދާފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޭޕްރިލް 14): އިންޑިއާ އިން 2015 ވަނަ އަހަރު ފްރާންސުގެ 36 ރަފާލް ފައިޓާ ޖެޓު ގަންނަން އެއްބަސްވި ފަހުން، އިންޑިއާގެ ބިލިއަނަރު އަނިލް އަމްބާނީގެ ކުންފުންޏަކުން ފްރާންސަށް ދައްކަން ޖެހޭ އެތައް މިލިއަން ޔޫރޯގެ ޓެކްސް އެގައުމުން މާފު ކުރި ކަމަށް ފްރާންސުގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.

އެނޫހުގައިވާ ގޮތުން ރަފާލް އެއްބަސްވުން ހެދުމުގެ ކުރިން، ފްރާންސުގައި ހުންނަ އަމްބާނީގެ ރިލަޔަންސް ފްލެގް އެޓްލާންޓިކުން ދައްކަން ޖެހޭ ޓެކްސްގެ އަދަދު 151 މިލިއަން ޔޫރޯއަށް އަރަ އެވެ. ނަމަވެސް ރަފާލް އެއްބަސްވުން ހެދި ފަހުން ފްރާންސުން ވަނީ އޭގެ ތެރެއިން 143.7 މިލިއަން ޔޫރޯ މާފުކޮށްފަ އެވެ. އެހެންކަމުން ރިލަޔަންސް ކުންފުނިން ޓެކްސްގެ ގޮތުގައި ދެއްކީ 7.3 މިލިއަން ޔޫރޯ އެވެ.

އެނޫހަށް ރައްދު ދެމުން އަމްބާނީގެ ރިލަޔަންސް އިން ވަނީ އެކުންފުނީގެ ޓެކްސް މާފު ކުރުމާ ރަފާލް އެއްބަސްވުމާ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ޓެކްސް މައްސަލަ ހައްލު ކުރީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެކުންފުނިން ބުނި ގޮތުގައި އެޓެކްސް ދެއްކި މުއްދަތަކީ 2008 އާއި 2012އާ ދޭތެރެ އެވެ. އަދި އެމުއްދަތުގައި ފްރާންސުގައި ހުންނަ ރިލަޔަންސް ކުންފުންޏަށް ވަނީ 2.7 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބިފަ އެވެ. އެހެންކަމުން އެކުންފުނިން ޓެކްސްގެ ގޮތުގައި 151 މިލިއަން ޔޫރޯ ނަގަން ފްރާންސުން މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް ރިލަޔަންސްއިން ތުހުމަތު ކުރި އެވެ.

އިންޑިއާ އިން ފްރާންސުގެ ޑަސޯލްޓް އޭވިއޭޝަނުން ފައިޓާ ޖެޓުތަކެއް ގަންނަން ފުރަތަމަ އެއްބަސްވީ މާޗް 2014ގައި އޭރު އޮތް ކޮންގްރެސް ޕާޓީ އިސްކޮށް އޮންނަ ޔުނައިޓެޑް ޕްރޮގްރެސިވް އެލަޔަނަސް (ޔޫޕީއޭ)ގެ ސަރުކާރުންނެވެ. އެއެއްބަސްވުމުގައި އޮތީ އިންޑިއާ އިން ފްރާންސުގެ 18 ފައިޓާ ޖެޓު ގަނެ، ޑަސޯލްޓްގެ އެހީއާ އެކު އިންޑިއާގެ ހިންދުސްތާން އެރޮނޯޓިކް ލިމިޓެޑް (އެޗްއޭއެލް)އިން އިތުރު 108 ޖެޓު އުފައްދާ ގޮތަށެވެ.

ނަމަވެސް މެއި 2014އިގައި ބާރަތިޔާ ޖަނަތަ ޕާޓީ އިސްކޮށް އޮންނަ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ވެރިކަމަށްއަ އެވެ. އަދި އޭޕްރިލް 2015ގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ފްރާންސަށް ކުރެއްވި ދަތުރުފުޅެއްގައި، އިންޑިއާ އިން ފްރާންސުގެ ޑަސޯލްޓުން 36 ރަފާލް ޖެޓު ގަންނަން ނިންމާފައިވާކަން އިއުލާން ކުރެއްވި އެވެ. އަދި ޖެހިގެން އައި މަހު މީގެ ކުރިން ޑަސޯލްޓާ އެކު ޔޫޕީއޭ އިން ހެދި އެއްބަސްވުން ކެންސަލް ކުރި އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އެއެއްބަސްވުމުގައި ސޮއި ކުރި އެވެ.

މޯދީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ވަނީ "އޮފްސެޓް ކްލޯސް"އެއް ހިމަނައިފަ އެވެ. އަދި އެ މާއްދާގައި ވަނީ އެއްބަސްވުމުގައި ހިމެނޭ ފްރާންސުގެ ކުންފުނިތަކުން، އެއްބަސްވުމުގެ އަގުގެ 50 ޕަސެންޓު އިންޑިއާގެ ކުންފުނިތަކަށް އިންވެސްޓު ކުރުމަށް ޝަރުތުކޮށްފަ އެވެ. އެގޮތުން ޑަސޯލްޓުން އިންވެސްޓު ކުރަން ނިންމި ކުންފުނިތަކުގެ ތެރޭގައި އަނިލް އަމްބާނީގެ ކުންފުންޏެއް ހިމެނެ އެވެ.

ކޮންގްރެސް ޕާޓީން ބުނާ ގޮތުގައި ޔޫޕީއޭގެ ސަރުކާރުން އެއެއްބަސްވުން ހެދި އިރު ކޮންމެ ޖެޓެއްގެ އަގު ހުރީ 526 ކުރޯޑު ރުޕީސްގަ އެވެ. ނަމަވެސް އެންޑީއޭ އިން އެއެއްބަސްވުން ހެދި އިރު ކޮންމެ ޖެޓެއްގެ އަގު ވަނީ 1638 ކުރޯޑު ރުޕީސްއަށް އަރައިފަ އެވެ.

ކޮންގްރެސް ޕާޓީން ތުހުމަތު ކުރާ ގޮތުގައި އެހާވަރަށް ޖެޓުގެ އަގު ބޮޑު ކުރުމުގެ މަގުސަދަކީ އަމްބާނީއަށް ފައިދާވާ ގޮތަށް އެއްބަސްވުން ހެދުމެވެ. ނަމަވެސް ޑަސޯލްޓާއި އިންޑިއާ ސަރުކާރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް