ގައިދީންނަށް މަސައްކަތް ދަސްކޮށްދޭން މޯލްޑިވް ގޭހުން އެއްބަސްވެއްޖެ

މޯލްޑިވް ގޭހާއި ކަރެކްޝަންސް އާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި -- ފޮޓޯ: މޯލްޑިވް ގޭސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް މޯލްޑިވް ގޭހުގެ ތިލަފުށީ ސައިޓުގައި މަސައްކަތް ކޮށް ހުނަރު އިތުރު ކުރުމުގެ ފުރުސަތު ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގެ ދަށުން ގައިދީންނަށް މަސައްކަތް ދަސްކޮށްދީ، މުޖުތަމައަށް ނިކުންނަ އިރު ހުނަރުވެރި ބަޔަކަށް ހެދުމަށް މޯލްޑިވް ގޭހުން އެ މީހުންނަށް ފުރުސަތު ދޭނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ އަހަރުދުވަހުގެ މުއްދަތަށް މޯލްޑިވް ގޭސްގެ ބައެއް ގޭސްފުޅިތަކާއި ސިލިންޑަރުތައް މަރާމާތުކުރުމުގެ މަސައްކަތް ގައިދީން ލައްވައި ކުރުވުމަށް ވަނީ ހަމަޖެހިފަ އެވެ. ގައިދީން މަސައްކަތް ކުރާނީ އމީހުންގެ މަސައްކަތް މޮނީޓާ ކުރުމަށް ތިބޭ ކަރެކްޝަންސްގެ އޮފިޝަލުންގެ ބެލުމުގެ ދަށުންނެވެ.

މިފަދަ މަސައްކަތްތަކަކީ، އެމީހުން އަނބުރައި މުޖްތަމަޢަށް ނުކުންނައިރު އެމީހުންނަކީ ވަޒީފާގެ މާހައުލަށް އަހުލުވެރިވެފައިވާ ބަޔަކަށް ހަދައި، އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ ތަނަވަސް ކޮށްދިނުމުގެ މަގުސަދުގައި ކުރެވޭ މަސައްކަތްތަކެކެވެ.

މީގެ އިތުރުން މޯލްޑިވް ގޭހުން މިއަދު ވަނީ ގައިދީންނަށް ހާޢްސަ ކޮމްޕިއުޓާ ލެބަށް ކޮމްޕިއުޓަރު ސިސްޓަމްވެސް ހަދިޔާ ކޮށްފަ އެވެ.

"މިއީ ގައިދީން ޖަލުން ނިކުންނައިރު މުޖުތަމައަށް ތައްޔާރު ކުރުމަށް ކުރާ މަސައްކަތަށް ދިން ކޮންޓްރިބިއުޝަނެއް،" މޯލްޑިވް ގޭހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ، މި ކޮމްޕިއުޓަރ ސިސްޓަމްތައް ބޭނުން ކުރާނީ ގައިދީންގެ އެކި ބޭނުންތަކަށް ކަމަށެވެ.

ގައިދީންނަށް އެމީހުންގެ ހުނަރުތައް ތަރައްގީކޮށް މަސައްކަތުގެ މައިދާނަށް އަހުލުވެރިވުމަށްް ދެއްވި ފުރުސަތަށްޓަކައި، މޯލްޑިވް ގޭސްގެ އެމްޑީ ޝަޒައިލް ޝިޔާމް އަށް މުނާޒު ޝުކުރު އަދާ ކުރެއްވި އެވެ.

އަދި، މިފަދަ ފުރުސަތުތައް ފަހިކޮށްދެއްވައި، ގައިދީން ރިހެބިލިޓޭޓް ކުރުވާ، މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ނެރުމަށްޓަކައި އެމްސީއެސް އިން ކުރަމުން ގެންދާ މަސައްކަތްތަކުގައި ވެދެއްވާ އެހީތެރިކަމަށް ޓަކައި މިނިސްޓަރު އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އަށް ވެސް ސީޕީ މުނާޒް ވަނީ ޝުކުރުދަންނަވައިފަ އެވެ.

ގައިދީންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށާއި އެމީހުންގެ ހުނަރު ދައްކައިލުމަށްވެސް ކަރެކްޝަންސް އިން ދަނީ ފުރުސަތުތައް ދެމުންނެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައި މާފުށީގައި ވަނީ ގައިދީންގެ މަސައްކަތް ދައްކައިދޭ މައުރަޒެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް