ސޫދާނުގެ އަސްކަރިއްޔާއިން އިދިކޮޅު ފަރާތްތަކާ މަޝްވަރާކޮށްފި

ސޫދާންގެ އެތައް ހާސް ރައްޔިތުން ދަނީ ޑިސެމްބަރު މަހުން ފެށިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން -- ފޮޓޯ: ރޮއިޓާސް

ޚަރުތޫމް (އޭޕްރިލް 14): މިދިޔަ ބުރާސްފަތި ދުވަހު ސޫދާންގެ ރައީސް މަގާމުން ދުރުކުރުމަށް ފަހު ވެރިކަމަށް އައި އެގައުމުގެ އަސްކަރިއްޔާގެ އިންތިގާލީ މަޖިލީހުން އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާތައް ބާއްވައިފި އެވެ.

އެބައްދަލުވުން އިއްޔެ ބޭއްވީ އިންތިގާލީ މަޖިލީހުގައި އިސްކޮށް ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަވަޟް ބިން ޢަވްފް މަގާމުން އިސްތިއުފާ ދެއްވި ފަހުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އިންތިގާލީ މަޖިލީހުގައި އިސްކޮށް ހުންނަ ފަރާތަކީ ކުރީގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރާ ގާތް ފަރާތަކަށް ވެގެން ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ފަހުންނެވެ.

އެމަޖިލީހުގައި މިހާރު އިސްކޮށް ހުންނަވަނީ ބަޝީރުގެ ވެރިކަމުގައި އިސް މަގާމެއް އަދާ ނުކުރައްވާ ސިފައިންގެ އެހެން ޖެނެރަލެއް ކަމަށްވާ މޭޖާ ޖެނެރަލް އަބްދުލްފައްތާޙް އަލްބުރްހާން އެވެ. އަދި އޭނާ ވަނީ އިންތިގާލީ މަޖިލީހުން ވެރިކަން ކުރާނި ދެ އަހަރަށް ކަމަށާއި އޭގެ ފަހުން ވެރިޔަކު އިންތިހާބުކުރަން އެގައުމުން ވޯޓެއް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މަރުވި ފަރާތްތަކަށް އިންސާފު ހޯދައިދޭނެ ކަމަށާއި ބުރާސްފަތި ދުވަހު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ހައްޔަރު ކުރި މީހުން މިނިވަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ސޫދާންގެ ކުރީގެ ރައީސާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުރަމުންދާ މުޒާހަރާތައް އިންތިޒާމު ކުރުމުގައި ބައިވެރިވާ އެލަޔަންސް އޮފް ފްރީޑަމް އެންޑް ޗޭންޖްއިން ބުނި ގޮތުގައި އެފަރާތްތަކުން ވަނީ އަސްކަރިއްޔާއަށް ޑިމާންޑުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ގައުމުގައި މަދަނީ ސަރުކާރެއް ގާއިމު ކުރުމަށާއި އެގައުމުގެ ޖާސޫސީ އިދާރާއަށް ބަދަލުތައް ގެނައުމަށް އެބައްދަލުވުމުގައި ވަނީ އެދިފައިވެ އެވެ.

ރައީސް ބަޝީރު މަގާމުން ދުރުކުރީ ވެރިކަން ކުރައްވާތާ 30 އަހަރު ފަހުންނެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެގައުމުގެ ޕައުންޑުގެ އަގު ވެއްޓި، ގައުމުގެ އިންފްލޭޝަން ރޭޓު ވަނީ 70 ޕަސެންޓަށް އަރައިފަ އެވެ. އަދި ގިނަ ސިޓީތަކަށް ބޭނުންވާ ވަރަށް ކާނާ އާއި ތެޔޮ ނުލިބޭ މައްސަލާގައި ރައްޔިތުން ވަނީ ނުރުހުންވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް