މިއަދުން ފެށިގެން ތައިލެންޑަށް ދާ ދިވެހިންނަށް 30 ދުވަހުގެ ވިސާ ލިބޭނެ

ފޮރިން މިނިސްޓަރު ތައިލެންޑުގެ ފޮރިން މިނިސްޓްރީގެ ވަފްދަކާއެކު -- ފޮޓޯ: ފޮރިން މިނިސްޓްރީ

މިއަދުން ފެށިގެން ތައިލެންޑަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

ތައިލެންޑަށް ދާ ދިވެހިންނަށް ވިސާގެ ކަންތައް ފަސޭހަ ކުރުމަށް ތައިލެންޑުގެ ސަރުކާރާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާކުރައްވީ އާޖެންޓީނާގައި ކުރިއަށް ދިޔަ ސައުތް-ސައުތް ކޯޕަރޭޝަން ބައްދަލުވުމުގެ ހަވާސާގައެވެ.

ތައިލެންޑަކީ ޗުއްޓީގެ އިތުރުން ބޭސްފަރުވާއާއި ވިޔަފާރީގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރާ ގައުމެކެވެ.

ތައި ވިސާ އަށް ގެނައި ބަދަލާއެކު ދިވެހިން އެގައުމަށް ދާއިރު ސަމާލުވާންވީ ކަންތައް ފޮރިން މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.

ބޭނުންވާ ލިޔެކިޔުންތައް

- މުއްދަތު ހަމަނުވާ ޕާސްޕޯޓް. ( މަދުވެގެން 6 މަސް ދުވަސް)
- ފުރިހަމަކުރެވިފައިވާ އެރައިވަލް ކާޑް.
އެކަށީގެންވާ އަދަދަކަށް ޙަރަދުކުރާނެ ފައިސާ ހުރިކަން – އެކަކަށް ނަމަ 20،000 ބާތު ނުވަތަ އޭގެ އަގަށް ވާ އެމެރިކާ ޑޮލަރު ނުވަތަ ޕައުންޑް ނުވަތަ ޔޫރޯ، އާއިލާއެއްނަމަ 40،000 ބާތު ނުވަތަ އޭގެ އަގަށް ވާ އެމެރިކާ ޑޮލަރު / ޕައުންޑް / ޔޫރޯ.
- ރިޓާން ޓިކެޓް ( 30 ދުވަހު ތެރޭ އެނބުރި ވަޑައިގަންނަވާ ކަން އެގޭނޭހެން)

މުއްދަތު އިތުރުކުރުން / އެކްސްޓެންޝަން
މި ވިސާގެ ދަށުން ތައިލެންޑަށް އެތެރެވެފައި، ގަބޫލުކުރެވޭ އުޒުރަކާ ހުރެ މުއްދަތު އިތުރުކުމަށް އެދޭނަމަ ތައިލެންޑް އިމިގްރޭޝަނުން އެއްފަހަރުގެ އެއްސްޓެންޝަނެއް ދިނުމުގެ ލުޔެއްދެއްވައެވެ. އަދި މިކަމަށް މުއްދަތެއް ކަނޑައެޅުމުގެ އިހްތިޔާރު ވަނީ ތައިލެންޑްގެ އިމިގްރޭޝަން އަށެވެ.

އެއްގަމު މަގުން ތައިލެންޑަށް އެތެރެވާނަމަ
އޮން އެރައިވަލް ވިސާގައި އެއްގަމުމަގުން ތައިލެންޑަށް އެތެރެވެވޭނީ އަހަރަކު ދެ ފަހަރުއެވެ. އަހަރު ގުނޭނީ ކޮންމެ ކަލަންޑަރު އަހަރެއް އެކެއް ޖެނުއަރީ އިން 31 ޑިސެމްބަރަށެވެ.

ގަވާއިދާ ހިލާފަށް އުޅުން / އޯވަރ ސްޓޭ
ގަވައިދާ ހިލާފަށް ތައިލެންޑުގައި އުޅުމަކީ އެޤައުމުގެ ޤާނޫނު މަނާ ކުރާކަމެކެވެ. އަދި ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ. އޭގެތެރޭގައި ވަކި މުއްދަތަކަށް ތައިލޭންޑަށް އެތެރެވުން މަނާ ކުރުމުގެ އިތުރުން ހައްޔަރުކޮށްފައި ބެހެއްޓުން ހިމެނެއެވެ. ގަވާއިދާ ހިލާފަށް އޯވާ ސްޓޭ ވެފައި އެހެންނަމަވެސް ތައިލެންޑުން ފުރުމުގައި އެގައުމުގެ އިމިގްރޭޝަންއިން ނުވަތަ ފުރައިގެން ގޮސް އެހެން ބޯޑަރަކުން އެކަން ފާހަގަވެއްޖެނަމަ ދައްކަންޖެހޭ ޖޫރިމަނާގެ އިތުރުން ކަނޑައެޅިފައިވާ މުއްދަތަކަށް އެގައުމަށް އެތެރެވުން މަނާކުރުން ފަދަ ފިޔަވަޅު އަޅައެވެ.

ތައިލެންޑް ބޯޑަރުން އަޅާނެ ފިޔަވަޅުތައް

1. އޯވަސްޓޭ ޖޫރިމަނާ ކަނޑައަޅާފައިވަނީ އޯވަރ ސްޓޭވެފައިވާ ކޮންމެ ދުވަހަކަށް 500 ބާތުގެ މަގުން 20،000 ބާތާ ހަމައަށަވެ. (40 ދުވަސް ނުވަތަ ދުވަހަށްވުރެ އިތުރުވާ)

2. 90 ދުވަހަށްވުރެ އިތުރުވެއްޖެ ނަމަ ޖޫރިމަނާގެ އިތުރުން އެގައުމަށް އެތެރެވުން މަނާކުރެވޭނެއެވެ.

  • އެގޮތުން އޯވަ ސްޓޭ 90 ދުވަހަށްވުރެ އިތުރުވާނަމަ – ފުރާ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތައް
  • އޯވަ ސްޓޭ 1 އަހަރަށްވުރެ އިތުރުވެއްޖެނަމަ – ފުރާ ދުވަހުންފެށިގެން 3 އަހަރުގެ މުއްދަތައް
  • އޯވަ ސްޓޭ 3 އަހަރަށްވުރެ އިތުރުވެއްޖެނަމަ - ފުރާ ދުވަހުންފެށިގެން 5 އަހަރުގެ މުއްދަތައް
  • އޯވަ ސްޓޭ 5 އަހަރަށްވުރެ އިތުރުވެއްޖެނަމަ - ފުރާ ދުވަހުންފެށިގެން 10 އަހަރުގެ މުއްދަތައް

އެހެން އިތުރު އިންޓަރނޭޝަނަލް ބޯޑަރަކުން ފާހަގަކުރެވިއްޖެނަމަ، އޯވަ ސްޓޭ އެއީ އެއް އަހަރާ ހަމަޔަށް ނަމަ ފަސް އަހަރުގެ މުއްދަތައް ތައިލެންޑަށް އެތެރެވުން މަނާކުރެވެނެއެވެ. އަދި އެއް އަހަރަށްވުރެ ގިނަ ނަމަ 10 އަހަރުގެ މުއްދަތަކަށް ތައިލެންޑަށް އެތެރެވުން މަނާކުރެވޭނެއެވެ.

ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް މީގެ ކުރިން ޓޫރިސްޓް ވިސާ ދެނީ އޮން އެރައިވަލް ވިސާއެއްގެ ގޮތުގައެވެ. އަދި އެ ވިސާއަށް ފައިސާ ދައްކަންޖެހެއެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިވެހީންނަށް ވިސާގެ ލުއި ލިބުނު ތިންވަނަ ގައުމެވެ. އެމަނިކުފާނުގެ ވެރިކަމުގައި މިދިޔަ ޑިސެމްބަރު މަހު ވަނީ ޔޫއޭއީއަށް ދާ ދިވެހީންނަށްވެސް ވިސާ ނުނަގައި އެގައުމަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސާފައެވެ.

މީގެ އިތުރުން މި މާޗު މަހުގެ ތެރޭގައި އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހީންވެސް ވިސާ ނަގަން ނުޖެހޭ ގޮތަށް ވަނީ ކަންކަން ހަމަޖެހިގެން ގޮސްފައެވެ. އަދި ވިސާގެ އިތުރު ލުއިތަކެއްވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ދީފައެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާތަނަށް 50 އަށް ވުރެ ގިނަ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައިވާ އިރު، އެ ގައުމުތަކަށް ދިވެހީންނަށް ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި މިނިސްޓްރީން ދަނީ ޔޫރަޕަށް ދަތުރުކުރާ ދިވެހީންނަށް ޝެންގެން ވިސާވެސް ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖެއްސުމަށް ދަނީ މަޝްވަރާކުރަމުންނެވެ.

comment ކޮމެންޓް