ފަލަސްތީނުގެ އައު ބޮޑުވަޒީރު މުހައްމަދު އިޝްތިޔާ މަގާމުގެ ހުވާ ކުރައްވައިފި

މުހައްމަދު އިޝްތިޔާ ރައީސް އައްބާސް އާއެކު

ރާމަﷲ (އެޕްރީލް 14) : ފަލަސްތީނުގެ ބޮޑުވަޒީރު ކަމަށް ރައީސް މަހްމޫދު އައްބާސް އިޚްތިޔާރު ކުރައްވާފައިވާ މުހައްމަދު އިޝްތިޔާ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

އިގްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ މުހައްމަދު އިޝްތިޔާ މަގާމުގެ ހުވާ ކުރެއްވީ ރާމަﷲ ގައި ހުންނަ ފަލަސްތީނުގެ ރިޔާސީ އޮފީހުގައި ރައީސް މަހްމޫދު އައްބާސްގެ ކުރިފުޅުމަތީގައެވެ. އިޝްތިޔާގެ ސަރުކާރުގައި ގިނަ އަދަދެއްގެ އައު ވަޒީރުން ހިމެނުނު ނަމަވެސް ޚާރިޖީ ވަޒީރާއި މާލީ ވަޒީރާއި ފަތުރުވެރިކަމާބެހޭ ވަޒީރުންނަކީ ކުރީގެ ސަރުކާރުގައިވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އިތިޔާ އާ ރައީސް އައްބާސް ހަވާލުކުރެއްވީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ. ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލަން ޖެހުނީ ފަލަސްތީނުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ރާމީ ހަމްދުﷲ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ފަލަސްތީނުގެ ހުރިހާ ޖަމާއަތެއް ހިމެނޭގޮތަށް ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް ފާއިތުވި ދެތިން އަހަރު ކުރެއްވި މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

މިކަން ނާކާމިޔާބުވީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރަމުން ގެންދާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތްފަދަ ޖަމާއަތްތައް ހިމަނައިގެން ފަލަސްތީނުގެ ސަރުކާރެއް އެކުލަވާނުލުމަށް އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރައީސް މަހްމޫދު އައްބާސް އަށް ކުރިމަތިކުރާ ފިއްތުންތަކުގެ ސަބަބުންނެވެ.

އިސްރާއީލުގެ އިސްތިއްމާރާއި އަޅުވެތިކަމުގެ ދަށުގައި ފަލަސްތީނު އޮތުމުގެ ސަބަބުންނާއި ފަލަސްތީނުގެ ބިންތަކަށް އިސްރާއީލު ވެރިވެގަތުމުގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގައި ރިޔާސީ އިންތިޚާބެއް ވެސް އަދި ޕާލަމެންޓްރީ އިންތިޚާބެއްވެސް މި ފަހަކަށް އައިސްވަނީ ބޭއްވޭނެގޮތް ނުވެފައެވެ. ރައީސް އައްބާސްގެ ރިޔާސަތުގެ އިންތިޚާބީ ދައުރުވެސް ނިމިފައިވާތާ މިހާރު ވަނީ 10 ވަރަކަށް އަހަރުވެފަ އެވެ. އަދި ފަލަސްތީނުގެ ޕާލަމެންޓްގެ އިންތިޚާބީ ދައުރު ވެސް ނިމިފައިވާތާ ވަނީ 10 ވަރަކަށް އަހަރުވެފައެވެ.

އިޝްތިޔާ ފަލަސްތީނުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި މިވަގުތަކީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންހާޔޫ އިސްރާއީލުގައި މިދިޔަ ހަފްތާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރައްވައި އަނެއްކާ ބޮޑުވަޒީރުކަމުގެ އިތުރު ދައުރަކަށް ހުވާ ކުރައްވަން ތައްޔާރުވެ ވަޑައިގަންނަވާ ދަނޑިވަޅެކެވެ.

މިއީ ނަތަންޔާހޫގެ ފަސްވަނަ ދައުރެވެ. ނަތަންޔާހޫ ދާދިފަހުންވަނީ އޭނާ ފަސްވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބައެއް ބިންތައް އިސްރާއީލުގެ ތަންތަނަށް ހަދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. މިކަމަށް އެމެރިކާ ތާއީދު ކުރާނެ ކަމަށް ބެލެވޭތީ ކުރިޔަށްއޮތީ ފަލަސްތީނަށް ޚުތޫރަތްތެރި ދަނޑިވަޅެއް ކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު