ޑޮޖްބޯލް އެސޯސިއޭޝަނާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން ތަމްރީން ކޭމްޕެއް ކުރިއަށް ގެންގޮސްފި

އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ޑޮޖްބޯލް ޓީމް --- ޑޮޖްބޯލް އެސޯސިއޭޝަން

މޯލްޑިވްސް ޑޮޖްބޯލް އެސޯސިއޭޝަނާއި އިސްލާމިކް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަން ގުޅިގެން ދެދުވަހުގެ ޑޮޖްބޯލް ކޭމްޕެއް ބާއްވައިފި އެވެ.

މިކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކާ އެކު ވޭތުވެ ދިޔަ ހަފްތާ ބަންދުގަ އެވެ. ކޭމްޕުގެ ތިއަރީ ކްލާސްތައް އިސްލާމިކް ޔުނިވަރސިޓީގެ ހޯލްގައި ކުރިއަށް ގެންދިޔަ އިރު ޕްރެކްޓިކަލް ކްލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ ޕޯޓް ކޮމްޕްލެކްސްގެ ފުޓްސަލް ދަނޑުގަ އެވެ.

ޑޮޖްބޯލް އެސޯސިއޭޝަނުން ހިންގި ކޭމްޕުގެ ތެރެއިން --- ފޮޓޯ/ ޑޮޖްބޯލް އެސޯސިއޭޝަން

މިހަރަކާތް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ ރާއްޖެގައި ވެސް އިންޓަނޭޝަނަލް ލެވެލްގައި ޑޮޖްބޯލް ކުރިއަށް ގެންދިއުމާއި، ޒުވާނުންގެ މެދުގައި މިކުޅިވަރަކީ މަޤުބޫލު ކުޅިވަރަކަށްހަދައި، އެކުވެރި އަދި މަޖާ މާހައުލެއް ޤާއިމްކުރުން ކަމަށް ޑޮޖްބޯލް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މިކޭންޕްގައި ޕްރެކްޓިކަލް އަދި ތިއަރީ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ސެޓިފައިޑް ޑޮޖްބޯލް ކޯޗުންގެ އެހީތެރިކަމާއެކު އެވެ. މިހަރަކާތުގައި އިސްލާމިކް ޔުނިވަރސިޓީގެ 35 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ޑޮޖްބޯލް އެސޯސިއޭޝަނުން ހިންގި ކޭމްޕުގެ ތެރެއިން --- ފޮޓޯ/ ޑޮޖްބޯލް އެސޯސިއޭޝަން

ކޭމްޕް ނިންމާލުމުގެ ގޮތުން ބައިވެރިންގެ މެދުގައި އަންހެން ދެ ޓީމް އަދި ފިރިހެން ދެ ޓީމަށް ބަހާލައިގެން ވަނީ ދެ މެޗު ކުޅެފަ އެވެ. އަންހެން ބައިން ކާމިޔާބު ހޯދާފައިވަނީ ބްލޫ ޓީމެވެ. ފޯރިދަގަކޮށް ދިޔަ މިމެޗުގައި ބްލޫ ޓީމް ކާމިޔާބު ހޯދީ ގަދަބާރު ޔުނައިޓެޑް އާ ވާދަކޮށް 8 – 4 ސެޓުންނެވެ. ފިރިހެން ބައިން މޮޅުވީ ޖޭޖޭ އެފްސީއެވެ. މިމެޗުގައި ޖޭޖޭ އެފްސީ ކާމިޔާބު ހޯދީ ޝައްފު އެފްސީ އާ ވާދަކޮށް 12 - 1 ސެޓުންނެވެ.

މީގެ އިތުރުން ކުރިއަށް އޮތްތާގައި ވެސް ޔުނިވާސިޓީތަކަށާއި ސްކޫލްތަކަށް އަދި ސަރުކާރު އޮފީސްތަކަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ރާވާ ހިންގާނެ ކަމަށް ޑޮޖްބޯލް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް