އިސްމެހެލާ ހެރައިގައި ތަރައްގީކުރާ ރިސޯޓު ޖޫން މަހު ހުޅުވަނީ

އިސްމެހެލާ ހެރަ ---

އައްޑޫ ސިޓީ މީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރައިގައި ތަރައްގީ ކުރާ ސައުތު ޕާމް ރިސޯޓު ޖޫން މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

ޓޫރިޒަމް ދާއިރާގެ ހަބަރުތައް ގެނެސްދޭ މޯލްޑިވްސް އިންސައިޑާގައި ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑު ލޯންޗެއްގައި 10 މިނެޓުން ދެވޭ ހިސާބުގައި އޮންނަ މި ރިސޯޓުގައި ތިން ކެޓަގަރީ އަކުން ޖުމްލަ 130 ކޮޓަރި ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޯޝަން ވިލާސް އާއި އޯވާ ވޯޓަ ވިލާސްގެ އިތުރުން ބީޗް ވިލާސް އެވެ.

ސައުުތު ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ތަރައްގީ ކުރާ އެ ރިސޯޓަކީ ހަތަރު ތަރީގެ ރިސޯޓެކެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީ ކުރާ ސައުތު ޕާމް އަށް މުވައްޒަފުން ހޯދުމަށް ދާދިފަހުން އައްޑޫސިޓީގައި ވަނީ ވޯކް އިން އިންޓަވިއުތަކެއްވެސް ބާއްވައިފައެވެ.

މި ރިސޯޓުގެ ފުރަތަމަ ފިޔަވަހި ތަރައްގީކޮށް ނިންމާ ހުޅުވާނީ ރެސްޓޯރެންޓަކާއި ދެ ބާ އަދި ސްޕާ އަކާއެކުއެވެ. ދެވަނަ ފޭސްގައި އިތުރު ކޮޓަރިތަކެއް ތަރައްގީ ކުރާއިރު މަޝްރޫއު އެއްކޮށް ނިންމައިލުމަށް ހަމަޖެހިފައިވަނީ އިސްމެހެލާ ހެރަ ކައިރީގައި އޮންނަ ކެޑެވާހެރަ އާ ކޯޒްވޭއަކުން ގުޅާލައި، އިތުރު ވޯޓާ ވިލާސްތަކެއް އެޅުމަށް ފަހުއެވެ.

އިސްމެހެލާ ހެރަ ރިސޯޓު ތަރައްގީ ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ.

އައްޑޫގައި މިހާރު ހިންގަނީ ދެ ރިސޯޓެވެ. އެއީ ޝަންގްރިއްލާ ވިލިނގިލީގެ އިތުރުން ކެނަރީފްް އެވެ.

comment ކޮމެންޓް