ފުޓުބޯޅައިގައި ނަސްލީ ތަފާތު ކުރާ ފަރާތްތަކާ މެދު ގެންގުޅޭނީ ޒީރޯ ޓޮލަރެންސް: އިންފަންޓީނޯ

ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ --- ފޮޓޯ/ ގާއީ އަޓިންކްސަން

ފުޓުބޯޅައިގައި ނަސްލީ ތަފާތުކުރުން ނައްތާލުމުގެ ގޮތުން އެކަމާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ މެދު މަޝްވަރާކުރަމުންދާ ކަމަށް ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއަނީ އިންފަންޓީނޯ ބުނެފި އެވެ.

އިންފަންޓީނޯ ބުނީ ނަސްލީ ތަފާތު ކުރުމުގެ މައްސަލައެއް ކުޅުމުގެ ތެރެއިންނާ ކުޅުމުން ބޭރުންވެސް ފާހަގަ ވެއްޖެ ނަމަ އެކަމާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ރެފްރީއިންނަށް ބާރުތައް އިތުރު ކުރާނެކަމަށާއި ނަސްލީ ތަފާތު ކުރުމުގެ މައްސަލައެއް ފެންމަތި ވެއްޖެ ނަމަ މެޗު ނުކުޅެ ހުއްޓާލުމުގެ ބާރު ވެސް ރެފްރީންނަށް ދޭން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

ފަހަކަށް އައިސް ނަސްލީ ތަފާތު ކުރުން ވަނީ ކަންބޮޑުވާންޖެހޭ ވަރަށް އިތުރުވެފަ އެވެ. އެކަމުގެ ޝިކާރައަކަށް ވަމުންދާ ބައެއް ކުޅުންތެރިންނަށް ވަނީ ނަފްސާނީ ގޮތުން ބޮޑެތި އަނިޔާ ލިބިފަ އެވެ. މިފަހުން ކުޅުނު މެޗުތަކެއްގައި ވެސް މެންޗެސްޓާ ސިޓީގެ ފޯވާޑް ރަޙީމް ސްޓާލިންގް، މޮއިސް ކީން އަދި ކަލިޑޫ ކޫލިބަލީއަށް ވަނީ އިދިކޮޅު ޓީމުތަކުގެ ސަޕޯޓަރުންގެ ފަރާތުން ނަސްލީ ތަފާތުކުރުން ވަރަށް ބޮޑަށް ފެނިފަ އެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ފްރެންޗް ލީގު މެޗެއް ވަނީ ނަސްލީ ތަފާތު ކުރުމުގެ ސަބަބުން ފަސް މިނަޓަށް މެޗު މެދުވެސް ކަނޑާލާފަ އެވެ. އެމިއެންސްއާއި ޑިޖޮން ބައްދަލު ކުރި އެ މެޗުގައި ނަސްލީ ތަފާތު ކުރުމުގެ ޝިކާރައަކަށް ވީ އެމިއަންސް ޓީމުގެ ޕްރިންސް ގުއޮއާނާ އެވެ.

ދާދި ފަހުން ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ފީފާގެ އޮފިޝަލް ވެބްސައިޓްގައި އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ނަސްލީ ތަފާތު ކުރުމުގެ މައްސަލަތަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލާނެ ކަމަށެވެ. އަދި އެކަމުގައި ޝާމިލްވާ މީހުންނަށް ހަރުކަށި ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

"ފަހަކަށް އައިސް ނަސްލީ ތަފާތު ކުރުމުގެ ހާދިސާތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން،" އިންފަންޓީނޯ ބުންޏެވެ. "މިއީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން. ފުޓުބޯޅައިގަ ވެސް އިތުރުތަނެއްގަ ވެސް ނަސްލީ ތަފާތު ކުރުން އޮވެގެން ނުވާނެ،"

އޭނާ ބުނީ ނަސްލީ ތަފާތުކުރުމުގެ ޝިކާރައަކަށް ވަމުންދާ ކުޅުންތެރިންނާ ކޯޗުންގެ އިތުރުން އެންމެ މަތީފަންތިން ފެށިގެން އެންމެ ދަށު ފަންތިއާ ހަމައިގަ ތިބި އެންމެންނަށް ލިބެމުންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމަށެވެ.

"ފީފާއިން އެކަން ހުއްޓުވަމަށް މިދަނީ މީގެ ފަހުން ކުޅޭ މުބާރާތް ތަކުގައި ބޭނުން ކުރާނެ އުސޫލެއް ކަނޑައަޅަމުން. އެގޮތުން "ތްރީ ސްޓެޕް ޕްރޮސީޖާ" ގެ ނަމުގައި މިހާރު ވެސް އުސޫލެއް ވަނީ ކަނޑައެޅިފައި. އެ އުސޫލުގައި ވާގޮތުން ނަސްލީ ތަފާތު ކުރުމުގެ އަމަލެއް މެޗެއްގެ ތެރެއިން ފެނިއްޖެ ނަމަ ރެފްރީންނަށް މެޗު ހުއްޓާލުމުގެ ބާރު ލިބިގެންދާނެ"

މީގެ އިތުރުން ވެސް އެފަދަ ހާލަތްތަކުގައި ކުށްވެރިވާ ފަރާތްތަކާ މެދު ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ކަމަށް އިންފަންޓީނޯ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް