ރޮކެޓް ލޯންޗު ކުރަން ހަދާފައިވާ ބޮޑު މަތިންދާބޯޓުގެ ފުރަތަމަ ދަތުރުކޮށްފި

ސްޓެރެޓޯލޯންޗުން އުފައްދާފައިވާ ބޯޓުގެ ފިޔަގަނޑުގެ ދިގުމިނުގައި 117 މީޓަރު ހުރޭ -- ފޮޓޯ: ގެޓީ

ވައިގެ ތެރޭގައި ރޮކެޓު ލޯންޗު ކުރަން ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އޭގެ އެންމެ ފުރަތަމަ ދަތުރު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މައިކްރޯސޮފްޓުގެ ކޯފައުންޑާ ޕޯލް އެލެންގެ ކުންފުންޏެއް ކަމަށްވާ ސްޓްރެޓޯލޯންޗުން އުފެއްދި އެމަތިންދާބޯޓުގެ ފިޔަގަނޑުގެ ދިގުމިނުގައި 117 މީޓަރު ހުންނަ އިރު އޭގައި ބޯއިން 747ގައި ބޭނުން ކުރާ ބާވަތުގެ ހަ އިންޖީނު ހުރެ އެވެ.

އެމެރިކާގެ ކެލިފޯނިއާއިން އެބޯޓު ފެށި ފުރަތަމަ ދަތުރު ދެމިގެންދިޔައީ ދެ ގަޑިއިރަށެވެ. އަދި އެބޯޓަށް ގަޑިއަކު 189 މޭލު ބާރު މިނުގައި ދަތުރުކުރެވުނު ކަމަށް ބޯޓުގެ ޕައިލެޓު ބުންޏެވެ.

ސްޓްރެޓޯލޯންޗުން އުފެއްދި ބޯޓުން ވަނީ އޭގެ ފުރަތަމަ ދަތުރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ސްޓްރެޓޯލޯންޗް ކުންފުނިން ބުނާ ގޮތުގައި އެ ބޯޓު ބޭނުން ކުރާނީ ރޮކެޓް ލޯންޗު ކުރާ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. ރިޕޯޓުތަކުގައިވާ ގޮތުން ބިންމަތީގައި ހުންނަ ޕްލެޓްފޯމަކުން ރޮކެޓް ލޯންޗު ކުރުމަށްވުރެ ވައިމަތިން ރޮކެޓެއް ލޯންޗު ކުރުމަކީ ހަރަދު ކުޑަ ގޮތެކެވެ. އަދި ސްޓްރެޓޯލޯންޗުން ބޭނުން ވަނީ ޖައްވަށް އުޅަނދުތައް ފޮނުވުމަކީ ވައިގެ ދަތުރުހާ ފަސޭހަ ކަމަކަށް ހެދުން ކަމަށް އެކުންފުނިން ބުންޏެވެ.

ސްޓްރެޓޯލޯންޗުން އެއީ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު ކަމަށް ބުނަނީ އެބޯޓުގެ ފިޔަގަނޑުގެ ދިގުމިނަށް ބަލާފަ އެވެ. މީގެ ކުރިން އެލަގަބު ލިބިފައި އޮތީ ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުން ކުރަން ޑިޒައިން ކުރި އެޗް-4 ހާކިއުލެސްއަށެވެ. އެބޯޓުގެ ފިޔަގަނޑުގެ ދިގުމިނުގައި 97.5 މީޓަރު ހުރެ އެވެ.

comment ކޮމެންޓް