އަފްގާނިސްތާނުގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރަން އައިސީސީން ދެކޮޅު

އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ފަތޫ ބަންސޫދާ ވަނީ އެމެރިކާއިން ހިންގި ޖަރީމާތައް ތަހުގީގު ކުރުމުގެ ހުއްދައަށް އެދިވަޑައިގެންފައި -- ފޮޓޯ: ރޮއިޓާސް

ކާބުލް (އޭޕްރިލް 14): އަފްގާނިސްތާނުގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރަން ޕްރޮސެކިއުޓަރަކު އެދިލެއްވުމުން، އެކަމަށް ހުއްދަ ދޭން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)އިން ދެކޮޅު ހަދައިފި އެވެ.

އައިސީސީން ބުނި ގޮތުގައި އަފްގާނިސްތާނުގެ ހަނގުރާމާގައި ޖަރީމާތައް ހިންގާފައިވާ ކަމަށް ގަބޫލު ކުރެވުނު ނަމަވެސް، އެގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ކާމިޔާބުކަމާ އެކު ތަހުގީގެއް ކުރިއަށް ގެންގޮސް ޝަރީއަތަކާ ހަމައަށް ދެވޭނެ ފުރުސަތެއް ނެތެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އަފްގާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އެގައުމުން ތަހުގީގަށް އެއްބާރުލުން ނުދިނުން ހިމެނޭ ކަމަށް އައިސީސީން ފާހަގަ ކުރި އެވެ.

ދެހާސްސޯޅަ ވަނަ އަހަރު އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ފަތޫ ބެންސޫދާ ވަނީ އެމެރިކާގެ ސިފައިންނާއި ސީއައިއޭ އިން އަފްގާނިސްތާނުގައި އެކެއް މެއި 2003 އާއި 31 ޑިސެމްބަރު 2014އާ ދެމެދު ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ވިދާޅުވެ ރިޕޯޓެއް އާއްމު ކުރައްވައިފަ އެވެ. އަދި އެމައްސަލައާ ގުޅިގެން ރަސްމީ ގޮތެއްގައި ތަހުގީގެއް ފެށުމަށް 2017 ވަނަ އަހަރު ހުއްދައަށް އެދިވަޑައިގެންފަ އެވެ.

އޭގެ ސަބަބުން އެމެރިކާ އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި މިދިޔަ މަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ އެމެރިކާ އިން އަފްގާނިސްތާނުގައި ހިންގި ކަމަށް ބުނާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރާ މީހުންގެ ވިސާ ބާތިލު ކުރާނެ ކަަމުގެ އިންޒާރު ދީފަ އެވެ. އަދި މިދިޔަ މަހު އެގައުމުން ވަނީ ގެމްބިއާގެ ރައްޔިތެއް ކަމަށްވާ ބެންސޫދާގެ ވިސާ ކެންސަލްކޮށްފަ އެވެ.

comment ކޮމެންޓް