ސްޕަލް އަތުން ބަލިވެ ޔުވެންޓަސްގެ އިންތިޒާރު ދިގުލައިފި

ޔުވެންޓަސްއާއި ސްޕަލް ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޖޭމީ ސްމިތް

ރޭ އިޓާލިއަން ލީގުގައި ސްޕަލް އަތުން ބަލިވެ ޔުވެންޓަސްއިން ތަށި ޔަގީން ކުރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ތާވަލުގެ 12 ވަނާގައި އޮތް ސްޕަލްއިން ރޭ ޔުވެންޓަސް ބަލި ކުރީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުން މޮޅުވެ އިޓާލިއަން ލީގުގެ ތާރީހުގައި ވެސް އެންމެ އަވަހަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ޔުވެންޓަސްއަށް އޮތް ނަމަވެސް މެޗުން ލިބުނު ނާކާމީޔާބީއާ އެކު ތަށި އުފުލާލުމަށް އެ ޓީމުން ކުރަމުން އަންނަ އިންތިޒާރު ވަނީ ދިގުލައިފަ އެވެ.

ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އެލްގްރީ --- ޖޭމީ ސްމިތް

އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗަށް އަރާމު ކުރުމުގެ ގޮތުން ރޭގެ މެޗުގައި ޔުވެންޓަސްގެ މުހިންމު ބައެއް ކުޅުންތެރިންތަކެއް ކުޅެފައެއް ނުވެ އެވެ. ޖުމްލަ ގޮތެއްގައި ޒުވާން ކުޅުންތެރިންގެ އެގާރައަކާ އެކު ރޭގެ މެޗަށް ޔުވެންޓަސް ނުކުތް އިރު އެ ޓީމުން ވަނީ މެޗުން ބަލިވި ނަމަވެސް ހުނަރުވެރި ކުޅުމެއް ދައްކައިފަ އެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޔުވެންޓަސް އެވެ. ފަހަކަށް އައިސް ގިނަ ގޯލުތަކެއް ޖަހައި ގިނަ ބައެއްގެ ތައުރީފު ހޯދަމުން އަންނަ ޒުވާން ފޯވާޑް މޮއިސް ކީންގެ އެ ގޯލާ އެކު ސްޕަލް އިން ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރަން ފެށި އެވެ.

ފުރަތަމަ ހާފު ނިމެންދެން ގޯލެއް ވަދުނަ ނުދީ ޔުވެންޓަސްއިން ހިފަހެއްޓިއިރު އެ ޓީމުގެ އެންމެ ދުވަސްވީ އެއް ކުޅުންތެރިޔާ ކަމަށްވާ އަންޑްރޭ ބަރޒަގްލީ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ ރޭގެ މެޗަށް ފަހު މި ސީޒަނަކީ އޭނާ ފުޓުބޯޅަ ހަޔާތުގައި އެންމެ ފަހު އަހަރުކަން އިއުލާން ކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނަޓުގެ ތެރޭގައި ސްޕަލް އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. ކެވިން ބޮނަފަޒީގެ އެ ގޯލާ އެކު ޔުވެންޓަސް ޕްރެޝަރަށް ވެއްޓުނެވެ. އަދި އޭގެ ހިނދުކޮޅެއް ފަހުން ސްޕަލްއަށް މެޗުގެ ލީޑު ނަގައިދިނީ އެ ޓީމުގެ އުންމީދީ ފޯވާޑް ސާޖިއޯ ފްލޮކަރީ އެވެ.

ޔުވެންޓަސް އިން ރޭގެ މެޗުން ބަލިވި ނަމަވެސް އެ ޓީމުގެ މަގާމަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އެއްވަނާގައި 20 ޕޮއިންޓްގެ ލީޑެއް މިހާރު ވެސް އެ ޓީމުން ނަގާފައިވާ އިރު ދެވަނައިގަ އޮތް ނަޕޮލީ މިރޭ ކުޅޭ މެޗުން މޮޅު ވެއްޖެ ނަމަ ޔުވެންޓަސްއަށް ތަށި ޔަގީންވާނެ އެވެ.

comment ކޮމެންޓް