އިންޑިޔާގެ މުސްލިމުން ކަނޑަށް އަޅާލާނެ ކަމުގެ އިންޒާރު ބީޖޭޕީގެ ލީޑަރު ދެއްވައިފި

ބީޖޭޕީގެ ހަރުކަށި ލީޑަރު އަމިތް ޝާހު

ކަލްކަތާ (އެޕްރީލް 13) : އިންޑިޔާގައި ގަވައިދާ ޚިލާފަށް އުޅޭ މުސްލިމުން ބޭ އޮފް ބެންގާލް ގެ ކަނޑަށް އަޅާލާނެ ކަމުގެ އިންޒާރު އިންޑިޔާގައި ވެރިކަންކުރާ ބީޖޭޕީގެ ލީޑަރު އަމީތް ޝާހު ދެއްވައިފިއެވެ.

ވެސްޓް ބެންގާލްގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ހިންދޫ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށްވާ އަމީތް ޝާހު ވިދާޅުވީ އިންޑިޔާގައި ގަވައިދާ ޚިލާފަށް އުޅޭ މުސްލިމުން އިންޑިޔާއަށް ވަދެފައިވަނީ "ހުދު ހިނި" ތަންތަނަށް ވަންނަ އުސޫލުން ކަމަށާއި އެ މީހުންގެ މައްސަލަ ހައްލު ކުރެވެން އޮތީ އެމީހުން ހައްޔަރުކޮށް ބެންގާލް ކަނޑަށް އަޅާލައިގެން ކަމުގައެވެ.

އަމީތް ޝާހު ވިދާޅުވީ ގަވައިދާ ޚިލާފަށް އިންޑިޔާގައި އުޅޭ މުސްލިމުންނަށް ބީޖޭޕީގެ ސަރުކާރުން ދެން ދޫނުދޭނެ ކަމަށާ އިންޑިޔާގެ އާންމު އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އެކުލަވަލާ ބީޖޭޕީގެ ސަރުކާރުން އެމީހުން ކަނޑަށް އަޅާލައިގެން ނަމަވެސް އެމީހުންގެ މައްސަލަ ހައްލު ކުރާނެކަމުގައެވެ. އޭނާ ވިދާޅުވީ ބީޖޭޕީގެ ސަރުކާރުން އެފަދަ މުސްލިމުން ތިބި ތަންތަނުން އެމީހުން ހޯދައި އެމީހުން އެއްތަންކުރުމަށްފަހު އެފަދަ ހުރިހާ މުސްލިމުން ބޭ އޮފް ބެންގާލްގެ ކަނޑަށް އަޅާލާނެކަމުގައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންވަނީ ބީޖޭޕީގެ ލީޑަރުގެ މިވާހަކަތައް ކުށްވެރިކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ގޮވާލާފައެވެ.

އިންޑިޔާގައި ޒަމާނުއްސުރެ ގަވައިދާ ޚިލާފަށް އުޅޭ އެތަށް މިލިޔަން މީހުންގެ ތެރޭގައި ގިނައީ މުސްލިމުން ނޫން މީހުންނެވެ. ނަމަވެސް މުސްލިމުންނަށް ނޫނީ ބީޖޭޕީގެ ލީޑަރު އިންޒާރު ދެއްވާފައެއް ނުވެއެވެ. ބީޖޭޕީގެ ސަރުކާރުގެ އަޣްލަބިއްޔަތު އޮންނަ އިންޑިޔާގެ ޕާލަމެންޓްގެ ލޮކްސަބްހާ އިން މިދިޔަ އަހަރުގެ ފަހުކޮޅުވަނީ އިންޑިޔާގައި ގަވައިދާ ޚިލާފަށް އުޅޭ މުސްލިމުން ބޭރުކުރުމާބެހޭ ގަރާރެއް ފާސްކޮށްފައެވެ.

ނަމަވެސް އެގަރާރު ގާނޫނަކަށްވާނީ ޕާލަމެންޓްގެ މަތިގެ ކަމަށްވާ ރާޖްޔާ ސަބްހާ އިން ފާސްކޮށް އިންޑިޔާގެ ރައީސް އެ ގަރާރު ތަސްދީގު ކުރެއްވުމުންނެވެ. މިއީ ހަރުކަށި ވިސްނުމުގެ ބީޖޭޕީ އަށް އިންތިޚާބުގެ ކުރިން ކުރަން ފަސޭހަ ކަމަކަށްނުވާތީ މިމައްސަލަ ވަނީ އިންތިޚާބުގެ ފަހަށް ބާއްވާފައެވެ.

އިންޑިޔާގައި ގަވައިދާ ޚިލާފަށް އުޅޭ ގިނަ މުސްލިމުންނަކީ މީގެ ފަންސާހަކަށް އަހަރުކުރިން ހާލުގައި ޖެހިގެން އެކިފަހަރުމަތިން ބަންގްލަދޭޝް ގެ ފަޅިން އެގައުމަށް ހިޖްރަކުރި ބަންގާލް ދަރިކޮޅުގެ މުސްލިމުންނާއި ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނެވެ. އެމީހުން މައިގަނޑު ގޮތެއްގައި ދިރިއުޅެނީ އިންޑިޔާގެ ވެސްޓް ބެންގާލް ސްޓޭޓްގައެވެ.

އޭގެތެރެއިން ގިނަ މީހުން މަރުވެ އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިންގެ ޖީލެއް މިހާރު އުފެދިފައިވާއިރު ދާދިފަހުން ބީޖޭޕީގެ ސަރުކާރުންވަނީ ގަވައިދާ ޚިލާފަށް އުޅޭ މުސްލިމުން އިންޑިޔާގެ ރައްވެހިންނަށް ވުމަށްޓަކައި ރަޖިސްޓްރީ ވުމަށް މުއްދަތެއް ދީފައެވެ.

މި މުއްދަތުގައި އިންޑިޔާގެ ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީ ވެވެނީ ހިޖްރަވެރިންގެ ގޮތުގައި އިންޑިޔާއަށް ވަންކަމުގެ ލިޔުން އޮތް މުސްލިމުންނަށް އެކަނި ކަމަށްވާތީ މީގެ ބައިގަރުނުގެ ކުރިން ހިޖްރަކުރި މުސްލިމުންނާއި އިންޑިޔާގައި އުޅެ އެމީހުންނަށް ލިބިފައިވާ ދަރިންނާއި ދަރިންގެ ދަރިންނަށްވަނީ އިންޑިޔާގެ ރައްވެހިންގެ ގޮތުގައި ރަޖިސްޓްރީ ވެވޭނެގޮތް ނުވެފައެވެ.

ސަބަބަކީ އެމީހުންގެ އަތުގައި ލިޔެކިޔުންތައް ނެތިފައި އެފަދަ ލިޔެކިޔުންތައް އެމީހުންނަށް އިންޑިޔާގެ ކަމާބެހޭ އިދާރާތަކުން ދިނުމަށް ދެކޮޅު ހަދާފައިވާތީއެވެ. ލިޔެކިޔުން ނެތް މުސްލިމުން ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމުގެ ބޭނުމަކީ މުސްލިމުން އިންޑިޔާއިން ބޭރުކޮށްލުން ކަމަށްވާތީ މުސްލިމުންވަނީ މިކަމާދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފައެވެ.

ލިޔެކިޔުން ނެތުމުން އިންޑިޔާގައި ގަވައިދާ ޚިލާފަށް އުޅޭ މުސްލިމުންގެ އަދަދު ހަތަރު މިލިޔަނަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު