އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައިގައި ފިލި އެކަކު ހައްޔަރު ކޮށްފި

ފުލުހުން މާލޭ މަގެއްގެ މަތީ ހަރަކާތްތެރި ވަނީ: ގެސްޓް ހައުސްއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ފިލި އެކަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި ---- ސަން ފައިލް ފޮޓ/ އަލީ ނަސީރު

މާލޭގެ ގެސްޓް ހައުސްއެއް ތެރޭ އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައިގައި ފިލި އެކަކު ފުލުހުން މިއަދު ހައްޔަރު ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ގެސްޓް ހައުސްއެއްގައި ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން އަނެއް ދެމީހުން ވަނީ ފިލާފައެވެ.

ފުލުހުން މިއަދު ބުނީ، ފިލި ދެމީހުންގެ ތެރެއިން އެކަކު ކޯޓު އަމުރުގެ ދަށުން މާލެ އިން މިރޭ 8:00 އެހާކަށް ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން 33 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކުވެސް ހައްޔަރުކޮށްފައެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ، އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 33 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށާއި 32 އަހަރުގެ މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ

އޭނާ ދޫކޮށްލުމަށް ކުރި އަމުރު އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

މި ހާދިސާ އާއި ގުޅޭގޮތުން ފުލުހުން މީގެ ކުރިން ބުނީ އަންހެނަކު ހަޅޭއްލަވާ އަޑަށް ފުލުހުން ގެސްޓުހައުސް އަށް ވަދެ ބެލިއިރު، ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށެވެ.

އެ މައްސާލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައި ވަނީ އެ ގެސްޓްހައުސްގެ ތެރެއިން ކަމަށާއި އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ ގެސްޓްހައުސް އިން ނުކުމެގެން ފިލަން ދުވަނިކޮށް ކަމަށާއި ފުލުހުން ގެސްޓްހައުސްއަށް ވަންނަކަން އެނގިގެން ދެ މީހަކު ފިލާފައިވާ ކަމަށް ވެސް ފުލުހުން ރޭ ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން، އެ މީހުން ތިބި ކޮޓަރި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތަށި ތަކަކާއި ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް