އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ މަހު 67 މިލިއަން ރުފިޔާ ލިބިއްޖެ

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް)ގެ ގޮތުގައި މިދިޔަ މަހު 67 މިލިއަން ރުފިޔާ (4,390,892 ޑޮލަރު) ލިބުނު ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނެފި އެވެ.

މީރާ އިން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ އަތުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 192 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަންފެށީ 2017 ވަނަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އެ ފީ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ނަގަންފެށި ފީ އެކެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ނަގަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން މި ޓެކްސުން އިސްތިސްނާވެ އެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަނީ ޓިކެޓު އަގުގައި ހިމަނައިގެންނެވެ.

މީގެ އިތުރުން އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު 67 މިލިއަން ރުފިޔާ (4,376,657 ޑޮލަރު) މީރާ އަށް ލިބުނެވެ. އަހަރުގެ ފުރަތަމަ ތިން މަހަށް ބަލާއިރު އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 191 މިލިއަން ރުފިޔާ އެވެ.

ސާވިސް ޗާޖު ޓެކުހުން އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސްއާއި އެއާޕޯޓް ސާވިސް ޗާޖު މީރާއަށް ދައްކަން ޖެހެނީ އެމެރިކާ ޑޮލަރުންނެވެ.

comment ކޮމެންޓް