އާސަންދައާއި މެރަނާގެ ތެރެއިން އެއް ސްކީމު އިހުތިޔާރު ކުރަންޖެހޭނެ

-- ފޮޓޯ/ އާސަންދަ

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ބޭސް ފަރުވާގެ ކަންތައް ސަރުކާރުގެ އެހީގައި ކުރަން ބޭނުންނަމަ ހުސްނުވާ އާސަންދަ ނުވަތަ މެރަނާ ސްކީމުގެ ތެރެއިން ކޮންމެވެސް އެއް ސްކީމެއް ހިޔާރު ކުރަން ޖެހޭނެ ކަމަށް އާސަންދަ އިން ބުނެފިއެވެ.

ރާއްޖެ އިން ބޭރުގައި އުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ތައާރަފު ކުރި މެރަނާ ސްކީމް އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދެ ސްކީމުގެ ދަށުން ހިދުމަތެއް ނުދޭނެ ކަމަށެވެ.

"ދެ ސްކީމު ވަކިކޮށްލާފައި މިއޮތީ. އެއްވެސް ރައްޔިތަކަށް ދެ ސްކީމުގެ ތެރެއިންނެއް ހިދުމަތް ލިބޭކަހަލަ ގޮތަކަށް ނޫން މިއޮންނަނީ. ޗޫސް ކުރަން މި ޖެހެނީ ހުސްނުވާ އާސަންދަތޯ، މެރަނާ ސްކީމްތޯ،"

މެރަނާ ސްކީމުގެ ދަށުން ރާއްޖެއިމް ބޭރުގައި އުޅޭ ދިވެހިންނަށް ބޭސް ފަރުވާއަށް އަހަރަކު ދޮޅުލައްކަ ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން 10،000 ރުފިޔާ އަކީ އައުޓް ޕޭޝަންޓް ހިދުމަތްތަކަށް ކަނޑައަޅާފައިވާ މިންވަރެވެ. އެމނދުމަތި ކޮށްގެން ހޯދާ ފަރުވާތަކަށް ސްކީމުގެ ޖުމްލަ ކަނޑައަޅާފައި ވެއެވެ.

މި ސްކީމުގެ ދަށުން ބޭސްފަރުވާ ކުރެވޭނީ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާ ގައި އުޅޭ ދިވެހިންގެ ތެރެއިން ހަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ވިސާ ގައި އެ ގައުމުތަކުގައި އުޅޭ ދިވެހިންނަށެވެ. މީގެ ތެރޭގައި ބިޒްނަސް ވިސާ ހޯލްޑަރުންނެއް ނުހިމެނެއެވެ.

ޒީނިޔާ ވިދާޅުވީ މެރަނާ ސްކީމުގެ ދަށުންވެސް ދޭނީ އާސަންދަައިގެ ތެރެއިން ދޭ ހިދުމަތްތައް ކަމަށެވެ.

މެރަނާ ސްކީމުގެ ދަށުން އައުޓްޕޭޝަންޓް ހިދުމަތް ހޯދުމަށްފަހު އަތުންދާ ފައިސާ ރީ-އިމްބާސް ކުރުމަށް އެދި އާސަންދަ އަށް ހުށަހަޅަން ޖެހެއެވެ. ރީ އިމްބާސް ކުރަން އެދޭ ފޯމު ފުރުމަށްފަހު ހޮސްޕިޓަލުގެ ބިލުތަކާއެކު އާސަންދަ އަށް ހުށަހަޅަމްޖެހެނީ ހިދުމަތް ހޯދިތާ 60 ދުަވަހުގެ ތެރޭގައެވެ. މި ފޯމު އާސަންދަ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ޒީނިޔާ ވިދާޅުވީ އިމްޕޭޝަންތު ނުވަތަ އެނދުމަތިކޮށްގެން ހޯދާ ހިދުމަތްތައް މެރަނާގެ ދަށުން ކޭޝްލެސްކޮށް ލިބޭނެ ކަމަށެވެ.

ލަންކާ އާއި އިންޑިއާގައި އާސަންދަ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލަކުން މެރަނާގެ ހިދުމަތް ލިބޭނެއެވެ. މިހާތަނަށް ޖުމްލަ 2690 މީހަކު މި ހިދުމަތަށް ރެޖިސްޓްރީ ކޮށްފައިވާކަމަށް ޒީނިޔާ ވިދާޅުވިއެވެ.

"ލަންކާ އިން މިހާތަނަށް ހަތަރު މީހަކަށް ްވަނީ މެރަނާގެ ދަށުން ހިދުމަތް ދީފައި،"

މެރަނާގެ ދަށުން ހިދުމަތް ހޯދާނަމަ ރާއްޖެއިން ލިބޭ ފަރުވާތައްވެސް ރާއްޖެއިން ބޭރުން ލިބޭނެއެވެ. ނަމަވެސް ހުސްނުވާ އާސަންދަ ސްކީމު ބޭނުންކުރާނަމަ، ރާއްޖެއިން ލިބޭ ފަރުވާތައް ހޯދުމަށް ޖެހޭނީ ރާއްޖެ އަންނާށެވެ.

ލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި އުޅޭ ދިވެހިންނަށް ބޭސްފަރުވާގެ މާލީ އެހީ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާއެކު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ލަންކާ އާއި އިންޑިއާގައި ވަނީ އެ ހިދުމަތް ދޭން ފަށައިފައެވެ. މެލޭޝިއާގައި އެ ހިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ކުރިއަށް އޮތް ދެ މަސްތެރޭ އެގައުމުގައި އުޅޭ ދިވެހިންނަށްވެސް މެރަނާގެ ހިދުމަތް ލިބޭނެއެވެ.

https://sun.mv/117988

comment ކޮމެންޓް