މަދިރިއަށް ފޮގް ކުރަން އުޅުނު ވެހިކަލެއްގައި ރޯވެއްޖެ

މާމިގިލީގައި އަލިފާން ރޯވި ޕިކަޕު--

އދ. މާމިގިލީގައި މަދިރިއަށް ފޮގް ކުރަން އުޅުނު ޕިކަޕެއްގައި ރޯވެއްޖެއެވެ.

ފުލުހުން ބުނީ މާމިގިލީގައި ރަށު ޕިކަޕެއްގައި ރޯވެ ބިދޭސީއެއްގެ ފައި ފިހުނުކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ އަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަލިފާން ރޯވި ޕިކަޕަކީ އެ ރަށުގައި މަދިރި ކޮންޓްރޯލު ކުރުމަށް ބޭސްޖެހުމަށް ޑީސަލް އާއި ޕެޓްރޯލް އަޅާފައި ހުރި ވެހިކަލެއް ކަމަށެވެ.

ރަށު ޕިކަޕުގައި ރޯވި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލައިފައެވެ.

މާމިގިލިން ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ ފުރަތަމަ އަލިފާން ރޯވީ ފޮގް މެޝެނުގައި ކަމަށެވެ.

"ރަށު ތެރެއަށް ފޮގް ކުރަމުން ގޮސް ޕެޓްރޯލު ހުސްވުމުން، ތަނެއް ގައި [ޕިކަޕު] ބާއްވާފައި މެޝެނަށް ޕެޓްރޯލް އެޅީ. ޕެޓް ރޯލު ޓޭންކުގެ މަތި ޖެހިތަނާ ހުޅު ފަޅައިގެން ދިޔައީ،"

އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ޕެޓްރޯލު އެޅީ ބިދޭސީ އެއް ކަމަށާއި އޭނާގެ ފައިގެ 6 އިންޗި ވަރު ތަނެއް ފިހިފައިވާ ކަމަށެވެ.

މާމިގިލީގައި މަދިރި އަށް ފޮގް ކުރުމަކީ ދޭތެރެ ދޭތެރެއިން ރަށުގެ ޒުވާނުން ރަށު ހޮސްޕިޓަލާއި ރަށް ކައިރީ ހުންނަ ރިސޯޓުތަކާ ގުޅިގެން ކުރާ ކަމެއް ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. ފޮގު ކުރުމަށް މިއަދުވެސް ތިން މެޝިނެއް ބޭނުން ކުރިކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް