ނިޒާމު ބަދަލުކޮށްގެން ވައުދުތަކެއް ނުފުއްދޭނެ: ނާޒިމް

ކާނަލް ނާޒިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ރިޔާސީ ވައުދުތައް ނުފުއްދޭނެކަމަށް ދަނގެތީ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައިވާ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ވާހަކަ ދައްކަވަަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވާ މެންބަރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ވެރިކަމުގެ ނިޒާމު ރައްޔިތުން ހިޔާރު ކޮށްފައިވާކަމަށެވެ.

"މަޖިލީހުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރާނަމަ އެކަމާ ދެކޮޅަށް ތެދުވާނަން. ރައްޔިތުން ރުހުންދީފައިވަނީ ރިޔާސީ ނިޒާމަކަށް،" ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެއްނަ ވޯޓަކަށް ދިޔުމަކީ މައްސަލަ އެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ރިޔާސީ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމު. ރާއްޖެއަށް އެންމެ ފައްކާ ވެފައިއޮތް ނިޒާމު،" ނާޒިމް ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ނިޒާމު ބަދަލުކުރުމުގެ ބަދަލުގައި ނިޒާމު ހަރުދަނާވުމަށް ވަގުތު ދޭންޖެހޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ މަޖިލީސް އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާމެދު ރައްޔިތުން ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ.

"އެމްޑީޕީއަށް މެޖޯރިޓީ ލިބުނީ ރައީސް ސޯލިހު ކުރެއްވި މަސައްކަތުން. އެއީ އެމަނިކުފާނާމެދު ރައްޔިތުން ކުރާ އުއްމީދުގެ ސަބަބުން،" ނާޒިމް ވިދާޅުވީ އެމްޑީޕީ އަށް ބޮޑު ކާމިޔާބީއެއް ލިބުނީ ވަކި ބޭފުޅެއްގެ މިވެނި މަސައްކަތަކުންނޭ ނުބުނެވޭނެ ކަމަށެވެ. "ރައީސާމެދު ރައްޔިތުންގެ އުއްމީދު އެބައޮތް،"

މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ލިބުނު ނާކާމިޔާބީ އާއި ގޫޅޭގޮތުން ނާޒިމް ވިދާޅުވީ ޕާޓީ އަށް ގިނަ ގޮނޑި ނުލިބުމަކީ ވަކި ބޭފުޅަކު ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންގެ ނިންމުން ނަތީޖާ އިން ފެންނަން އޮތްއިރު، ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ އިން މަޖިލިސް އިންތިހާބުގައި ޕީޕީއެމް އާއި ގުޅިގެން މަސައްކަތް ކުރަން ނިންމުން އެ ޕާޓީގެ އިސް މެންބަރުން އެކަމަށް ފަދު ކިޔާފަިއވާއިރު، އެކަމާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ. އިންތިހާބުގެ ތެރޭގައި ޕާޓީގެ ކެންޑިޑޭޓުންނަށް ލީޑަރު އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޖޭޕީގެ ތެރޭގައި އޮތް ނުތަނަވަސްކަމާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ "ބަދުނާމު އަޅުވައިގެން ކުރިއަކަށް ނުދެވޭނެ،" ކަމަށެވެ. އަދި ޖޭޕީ އިން މަޖިލީހުގައި ކުރިއަށް ދާނެ ގޮތަކާމެދު ގޮތެއް ނިންމުމަށް ވަރަށް އަވަހަށް ޕާޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެކަން ރައްޔިތުންނަށް އިއުލާނު ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޕާޓީގެ އިސްސަފުގައި ތިބެގެން ޕާޓީގެ ސްޓޭންޑަށް ފާޑުކިޔާ ބޭފުޅުންނާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ "ޕާޓީގެ ސްޓޭންޑަށް އިހުތިރާމު ކުރުމަށް ގޮވާލާ" ކަމަށާޢި "ޕާޓީގެ ނިންމުންތައް ގަބޫލު ނުކުރެވޭނަމަ ޕާޓީ ދޫކޮށް ދާންވީ" ކަމަށެވެ. ޕާޓީގެ ސިޔާސަތުތަކުގައި މެންބަރުން ހިފަހައްޓަން ވާނެ ކަމަށާއި ހާއްސަކޮށް ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޕާޓީގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ނާޒިމް ވަނީ ގޮވާލައްވައިފައެވެ.

މަޖިލީހުގެ ރިޔާސަތާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަކު ހޮވަން ވާނީ ކޯލިޝަން އެއްބަސްވުމުގައި ވާގޮތަށް ކަމަށެވެ.

އެއްބަސްވުމުގައި ވާގޮތުން މަޖިލީހުގެ ރިޔާސަތަށް އައްޔަނު ކުރަންޖެހޭނީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. ނައިބަކަށް އެމްއާރުއެމްގެ މެންބަރެކެވެ.

"ކޯލިޝަން ތެރޭ ރިޔާސަތާ މެދު އަދި މަޝްވަރާއެއް ނުކުރޭ. ރައީސް އަދި ވަކި އެއްޗެއް ނާންގަވާ،" ނާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ރައީސަކަށްވެސް ނައިބަކަށްވެސް އައްޔަނު ކުރައްވާނީ އެމްޑީޕީގެ މެންބަރުން ކަމަށް ވިދާޅުވެފައެވެ.

ކޯލިޝަން އާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ ފަސް އަހަރު ނިމިގެންދާއިރު ކޯލިޝަން ދެމިއޮންނާނެ ކަމަށާއި ރައީސް ސޯލިހަކީ ގިނަ ބަޔަކު ގޮވައިގެން އުޅެވޭނެ ގާބިލުކަން ހުރި ލީޑަރެއް ކަމަށެވެ.

comment ކޮމެންޓް