އަންހެނުން ބާރުވެރި ކުރުވުން

އަންހެނުންގެ ދުވަހުގެ މުނާއްސަ ބަތުގައި ބީއެމްއެލް އިން ބޭއްވި ކުޑަ ހަފްލާގެ ތެރެއިން -- ސަން ފޮޓޯ -- އަހުމަދު އަވްޝާން އިލްޔާސް

އަންހެނުން ނަށް ލިބުން ޙައްޤު ޖާގަ ހޯދައި ދިނުމަށް މިހާރު މި އޮތް ވެރިކަމުން ވަރަށް މަސައްކަތް ކުރާ ކަން ރައީސުލްޖުމްހޫރިއްޔާގެ އަަމަލާ އި ބަހުން ފެނިގެން އެބަ ދެ އެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަމަށް ފަހު އަންހެނުންގެ ތެރެއިން ގިނަ ބަޔަކަށް ސަރުކާރުގެ އެންމެ މަތީ ފެންވަރުގެ ވަޒީފާ ދީފައި ވަނީ މި ސަރުކާރުންނެވެ. ކެބިނެޓުގައި ވެސް އަންހެން ބޭފުޅުން ހިމެނި ފައި ވަނީ ރާއްޖޭގެ ފާއިތުވި ތާރީޚްގައި ދުވަހަކު ވެސް ހިމެނިފައި ނުވާ ހާ ގިނަ އަދަދަކަށެވެ. ވަޒީރު ފެންވަރުގެ މަޤާމްތަކުގައި އާއި ސަފީރުން ނަށް ވެސް ވަރަށް ގިނަ އަންހެން ބޭފުޅުން ޢައްޔަނު ކުރައްވާ ފައިވެ އެވެ. ރާއްޖޭގެ އާބާދީގެ ސައްތަ އިން ސާޅީސް ތިނެއް ޕޮއިންޓު ދޭއް ހަޔަކީ އަންހެނުންނެވެ. މި ބޮޑު އާބާދީގެ ބޭނުން ނުކުރާ ކަމުގައި ވަނީ ނަމަ ޤައުމުގެ އުފެއްދުންތެރި ކަމަށް އެކަމުގެ އަސަރު ފޯރާނެ އެވެ. ފާއިތުވި އަހަރުތަކަށް ބަލާ އިރު ސަރުކާރުގެ ވަޒީފާތަކުގައި އަންހެނުން ވަރަށް ގިނަ އިން އުޅެ އެވެ. އެމީހުން ގިނައިން އުޅެނީ ފުރަތަމަ ފަންތީގައި އާއި މެދު ފަންތީގެ ވަޒީފާތަކުގަ އެވެ. އެންމެ މަތީ ގިންތީގެ މަޤާމުތަކުގައި އަންހެނުން މަސައްކަތް ކުރާ މިންވަރު އަންހެނުންގެ އާބާދީ އާއި އަޅާ ބަލާލާ އިރު ނިސްބަތުން ފާހަގަ ކުރެވޭ ހާ ކުޑަ އެވެ. ސަރުކާރުގައި ބޮޑެތި ނިންމުން ނިންމާ ހިސާބު ގައްޔާއި، ސިޔާސަތު ކަނޑައަޅާ ހިސާބުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު ފިރިހެނުން ނަށް ވުރެ ވަރަށް ބޮޑު ތަން ދަށެވެ. ކިޔަވައިގެން ތިބި އަންހެނުން ނެތީތޯ އެވެ؟ ނޫނެކެވެ! ޤާބިލު އަންހެނުން ނެތީ ތޯ އެވެ؟ ނޫނެކެވެ! ހަރަކާތްތެރި އަންހެނުން ނެތީ ތޯ އެވެ؟ ނޫނެކެވެ! ބައެއް ފިރިހެނުން، އަންހެނުން ނަށް ފުރުޞަތު ދޭން ބޭނުން ނުވަނީ އެވެ. ބައެއް ފިރިހެނުންގެ ވިސްނުމު ގައި އަންހެނުން ނަކީ ދަރިން ބަލަހައްޓަން ތިބޭ ބައެއްގެ ގޮތުގައި ޤަބޫލު ކުރެވިފައި އޮންނަނީ އެވެ. ދަރިން ތަރުބިއްޔަތު ކުރާ ވާހަކަ އަޅުގަނޑު ނު ލިއުނީ ޤަސްތު ގައެވެ. ފިރިހެނުންގެ ރޯލަކީ ކޮބައި ބާވަ އެވެ؟ ދަރިން ތަރުބިއްޔަތު ކުރުމަށް ފިރިހެނުން ގެ ރޯލެއް ނުއޮވޭ ބާވަ އެވެ.

އަތޮޅުތަކުގެ ކައުންސިލްތަކުގައި އަންހެން މެމްބަރުން ޝާމިލު ކުރާ ގޮތަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމު މެކެވެ. އަންހެނުން ބައެއް ކަން ކަމުގައި ދެކޭ ގޮތް ފިރިހެނުން ނާއި ތަފާތު ވެދާނެ އެވެ. ބައެއް ކަންކަން ނިންމާ ކޮމިޓީ ނުވަތަ ކޮމިޝަންތަކުގައި އަންހެނުން ބައިވެރި ނުކުރުމުން އެތަނުން ނިންމާ ކަންކަމުގައި އަންހެނުންގެ ޚިޔާލެއް ނު އޮންނާނެ އެވެ. އަދި އެކަން ކަމާ މެދު އަންހެނުން ދެކޭ ގޮތް ސާފު ނުވާނެ އެވެ. ޑެމޮކްރަޓިކް ނަޒަރަކުން ބަލާ އިރު ކަން ކަން ނިމިގެން އެ ދަނީ އާބާދީގެ އިން ސައްތަ ސާޅީހަށް ވުރެ މަތީ އަދަދެއްގެ ބައެއްގެ ބައިވެރިވުމެއް ނެތި އެވެ. އެ މީހުންގެ ޚިޔާލެއް ނެތި އެވެ. ބައެއް ކަންކަމުގައި އަންހެނުންގެ ފަޅިން ވިސްނަން ފިރިހެނުން ނަށް އުނދަގޫ ވެދާނެ އެވެ. އަންހެނުން ނަށް ވާނެ އުނދަގޫ ހާމަކޮށް ދެވޭނީ އަންހެނުން ނަށެވެ. މިހެން ވުމާ އެކު ކަންކަން ނިންމުމުގެ ކޮމިޓީތަކުގައި، މަދު ވެގެން އަންހެނެއްގެ ބައިވެރިވުން ނުވަތަ އަންހެނުންގެ ބައިވެރިވުން މުހިއްމެވެ. ޔުނިފޯމް ލާންޖެހޭ ބައެއް މުއައްސަސާތަކުގައި އަންހެނުން ލާ ޔުނިފޯމް ފާސްކުރާ ކޮމިޓީގައި ވެސް އަންހެނުންގެ މަންދޫބެއް ޝާމިލުނުކޮށް އަންހެނުންގެ ޔުނިފޯމް ހުންނަން ޖެހޭނެ ގޮތް ނިންމާ ފައިވެ އެވެ. ސަރުކާރުގެ ތަފާތު މުއައްސަސާތަކުގެ އެތެރޭގައި ތަފާތު ކަންތައްތައް ކުރުމަށް ދާއިމީ ކޮމިޓީ ތައް އުފައްދާ ކަމަށްވާ ނަމަ އެ ފަދަ ކޮމިޓީތަކުގައި މަދުވެގެން އަންހެން މަންދޫބެއް ނުވަތަ ދެ މަންދޫބުން ބައިވެރި ކުރާ ގޮތަށް ސަރުކާރުން ލާޒިމް ކުރަން ވީ އެވެ. ސަރުކާރުން މަޖުބޫރު ނުކުރާ ހާ ހިނދަކު ގިނަ މުއައްސަސާތަކުން އެކަންތައް އެ ގޮތަކަށް ނުކުރާނެ އެވެ. އަންހެން ދެ މަންދޫބުން ތިބުމަށް ބާރު އެޅެނީ އެންމެ މަންދޫބަކު އިންނަ ކަމަށް ވެއްޖެ ނަމަ އެ މީހަކު ބަލިވެ ސަލާމްގައި ނުވަތަ ޗުއްޓީގައި ހުންނަ ދުވަސް ވަރު ބޭއްވޭ ކޮމިޓީތަކުގައި އަންހެނުންގެ ޚިޔާލު ނުލިބޭނެ ތީ ވެ އެވެ. މިހާރު ވެސް ބައެއް ތަންތަނު ގައި، ބައެއް ފިރިހެނުން އަންހެނެއްގެ ދަށުގައި މަސައްކަތް ކުރަން ބޭނުން ނުވެ އެވެ. ސީދާ އެ ގޮތަށް ބުނަނީ އެއް ނޫނެވެ. އެކި ބަހަނާ ދައްކައިގެން ދުރަށް ދާން ބޭނުން ވަނީ އެވެ. އަދި ބައެއް ފަހަރު ނުކިޔަމަންތެރިކަން ވެސް ދައްކަނީ އެވެ. ސަރުކާރުގެ އެންމެ އިސް އޮފީހުން ސިޔާސަތެއްގެ ގޮތުގައި، ކުރިން ދެންނެވި އުޞޫލަށް ކަންތައް ކުރުމަށް ނުއަންގާ ހާ ހިނދަކު އަންހެނުން ނަށް އެކި މުއައްސަސާތަކުގައި އޮންނަ، ހުރިހާ ކޮމިޓީތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ދުރު ކަމެކެވެ.

ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ޙިއްސާ ބޮޑު ކުރުމަށް، ސިޔާސީ ދާއިރާގައި ބަސް ވިކޭ ހިސާބުގައި، އަޑު އިއްވާ ލެވޭ ހިސާބުގައި މަސައްކަތް ކުރާ އަންހެނުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެ މީހުން އަމިއްލަ އަށް މަސައްކަތް ކޮށްގެން ނުވަތަ، ކޮންމެވެސް ބައެއްގެ އެހީތެރިކަމާ އެކު އެ މީހުންނަށް ކުރި އެރުމުގެ ފުރުޞަތު ލިބިގެން ބޮންތީގައި ހިފުމުން، އެހެން އަންހެނުން ނަށް، ފަސޭހަކަމާ އެކު ކުރިއަށް ދިއުމަށް މަގު ތަނަވަސް ކޮށްދޭން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ސިޔާސީ އެއްވުންތަކަށް ބަލާލާ އިރު ގިނައިން ފެންނަނީ އަންހެނުން ނެވެ. ވޯޓު ހޯދަން ހިނގާ ހިގުންތަކަށް ބަލާ އިރު ގިނައިން ފެންނަނީ އަންހެނުން ނެވެ. ޚާއްޞަކޮށް އަތޮޅުގެ ތެރެއިން ނެވެ. ކައުންސިލްތަކަށާއި ރައްޔިތުންގެ މަޖިލީހަށް އަންހެނުން ނުހޮވެނީ އަންހެނުންގެ ސަބަބުން ނެވެ. އަންހެނުން އަންހެން ކެންޑިޑޭޓުން ނަށް ވޯޓު ނުލަނީ އެވެ. މިއީ ހަމަ އެކަނި ރާއްޖޭގައި އޮންނަ ކަމެއް ނޫނެވެ. މިއީ ބައެއް އެހެން ޤައުމުތަކުގައި ވެސް އަންހެނުން ސިޔާސީ ދާއިރާގައި ކުރިއަށް ދިއުމަށް ދިމާ ވާ މައްސަލަ އެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކުން ބައިވެރިވާ ކެންޑިޑޭޓުން ހޮވާ އިރު އަންހެނުން ބައިވެރި ކުރުމަށް އިން ސައްތައިން ވަކި ވަރެއް ހަމަޖެއްސުމަށް ލާޒިމް ކުރެވުނަސް އެދެވޭ ނަތީޖާ ނުނެރެ ވުމަކީ ކައިރި ކަމެކެވެ. އިން ސައްތަ ހަމަ ކުރުމަށް އަންހެނުން ނަށް ދޫކުރާ ގޮނޑިތަކަކީ އިންތިޚާބު ކާމިޔާބު ކުރުމަށް އުނދަގޫ ގޮނޑިތަކަކަށް ވެދާނެ ތީވެ އެވެ. މި ސަރަހައްދުގެ ބައެއް ޤައުމުތަކުގައި އެހެން ވެފައި އެބަހުއްޓެވެ.

ރުވަންޑާ އަކީ ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުމުގައި ލާމަސީލު މިސާލެކެވެ. އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ފިރިހެން މެމްބަރަކު މަޖިލީހުގެ ޖަލްސާ އެއްގައި އަންހެނުންނަށް ދަށް ކޮށް ކުޑައިމީސްކޮށް ވާހަކަ ދެއްކުމުން، އޭގެ ފަހުން އޮތް ޢާއްމު އިންތިޚާބުގައި އެ މެމްބަރާއި އިދިކޮޅަށް އަންހެނުން ނުކުމެ ދޮރުން ދޮރަށް ހިނގައި ކެމްޕޭނުކޮށް ގެން އޭނާ މަޖިލީހަށް ހޮވުނަ ނުދިނެވެ. ރުވަންޑާގެ ރައްޔިތުންގެ މަޖިލީހަށް އަންހެން ޖިންސުގެ މީހުން ހޮވުމަށް ޤާނޫނުން ކަނޑައަޅާފައި އޮންނަ އަދަދަށް ވުރެ ޑަބަލް އަދަދު ބޮޑުކޮށް އަންހެން މެމްބަރުން މަޖިލީ ހަށް ހޮވިފައިވެ އެެވެ.

އަޅުގަނޑު ދެކޭ ގޮތުގައި، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި، އަންހެނުންގެ ކުރިއެރުން ވަނީ މަޑު ޖެހިފަ އެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އަންހެނުންނާ މެދު ދެކެންވާ ގޮތް ކަމަށް ބުނެ ފަތުވާ އޭ ކިޔާ ފައި ބައެއް މީހުން ދައްކާ ވާހަކަ ގިނަ ވެފައި، ފަސޭހަކަމާ އެކު ފެތުރެން ފެށުމުން ނެވެ. އަޅުގަނޑުގެ ނަޒަރުގައި، ކޮންމެ ނަމެއް ދީގެން ހިންގާ މީޑިއާ އަކަށް ވިޔަސް، ސައްތަ އިން ސައްތަ ސަރުކާރުގެ ޚަރަދުގައި ހިންގާ މީޑިއާއެއް ކަމުގައިވާ ނަމަ، އެ ތަނަކުން ފަތުރާ ޚަބަރަކީ ނުވަތަ ދޫކުރާ މަޢުލޫމާތަކީ އެއިރެއްގައި ވެރިކަމުގައި އޮންނަ ސަރުކާރުގެ މައިގަނޑު ސިޔާސަތާއި ފުށު އަރާ މަޢުލާމާތަށް ވެގެން ނުވާނެ އެވެ. ބަސްދީގަތުމެއް ދިނުމަށް ގެންދާ މީހާ ސަރުކާރު ގެ ސިޔާސަތާ އި ޚިލާފް ވާހަކައެއް ދައްކާ ފައި އޮތް ކަމަށްވާ ނަމަ، އެ މީހެއްގެ ބަސްދީގަތުމެއް ފޮނުވެން ވާނީ ސަރުކާރުގެ ސިޔާސަތާއި ޚިލާފް ވާ ބައި އުނި ކޮށްފަ އެވެ. މީހަކު ދޭ ތަޤްރީރެއް ފޮނުވާ ނަމަ ވެސް އެ ތަޤްރީރެއް ފޮނުވެން ވާނީ ސަރުކާރުގެ ސިޔާސަތާއި ފުށު އަރާ ބައި އުނި ކުރެވިގެން ނެވެ. މިފަދަ ކަންތައް ކުރިން ދެންނެވުނު ގޮތަށް ހިގަމުން ގޮސްފައި ވަނީ ގިނަ ފަހަރު، އެފަދަ ކަންތައް ތައް ބަލަހައްޓަން ތިބޭ މީހުންގެ މަޢުލޫމާތާއި ތަޖުރިބާގެ ހަނަފަސް ކަމެއް އޮތުމުން ނެވެ. މީޑިއާއަކީ ދެމިޔަ އޮތް ކަނޑިއެއް ކަހަލަ އެއްޗެކެވެ. ޒިއްމާދާރުކަމާ އެކު ބޭނުން ނުކުރެވިއްޖެ ނަމަ ނޭނގި ހުއްޓާ އެތައް މަޢުޞޫމު ބައެއް ހަލާކު ވެގެންް ދިއުމަށް މަގު ކޮށާ ލެވިދާނެ އެވެ.

އަޅުގަނޑުގެ ނަޒަރުގައި އަންހެނުންގެ ކުރިއެރުމުގެ ޚަރީފް މޫސުން ނިމިއްޖެ އެވެ. މިހާރު މިއޮތީ ބަހާރު މޫސުމް ފެށިފަ އެވެ.

comment ކޮމެންޓް