މާލޭގެ މަގުބައްތިތައް ކޮންޓްރޯލް ކުރުމަށް ސްމާޓް މީޓަރުތައް ހަރުކުރަނީ

ގޭބިސީތަކަށް ދޫކުރާ ލެޑް ބޮކިތައް ފެނަކައާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ވާހަކަދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

މާލޭގެ މަގުބައްތިތައް ކޮންޓްރޯލް ކުރުމަށް ސްމާޓް މީޓަރުތައް ހަރުކުރަން ނިންމައިފައިވާ ކަަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

ގޭބިސީތަކަށް ދޫކުރާ ލެޑް ބޮކިތައް ފެނަކައާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މާލޭގެ މަގުތަކުގައި މިހާރު ހަރުކުރަން ފަށާފައިވާ ލެޑް ލައިޓްތަކުން ކަރަންޓް ބޭނުންކުރާ މިންވަރު މަދުވާނެ ކަމަށެވެ. އަދި އޭގެ އިތުރަށް މަގުބައްތިތައް ކޮންޓްރޯލް ކުރުމަށް ސްމާޓް މީޓާސް ހަރުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ މަގުތައް ދިއްލުމަށް ހަރުކޮށްފައިވާ 2500 މަގުބައްތި ލެޑް ލައިޓަށް ބަދަލުކުރަން ފެށީ މިދިޔަ މަހު 31 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އިންޑިއާގެ އެނާޖީ އެފިޝަންސީ ސާވިސާސް ލިމިޓެޑް (އީއީއެސްއެލް) އާ ދެމެދު ވެވެނު އެއްބަސްވުމެއްގެ ދަށުން އިފްތިތާހް ކުރި ޕްރޮގްރާމެކެވެ.

"ސްމާޓް މީޓާ މަސައްކަތް ކުރޭ އެކަތި އަނެކެއްޗާ ފޯނު މަސައްކަތް ކުރާހެން. އަޅުގަނޑުމެން ބޭނުންވީމާ ވަކި ހިސާބަކުން ކަރަންޓް ދިޔައިއްޔާ މާދުރުން ހުންނަ އިންޖީނުގޭގެ މީހުންނަށް އެނގޭނެ މިތަނުން ކަރަންޓް ހިނގައްޖެކަން ކޮން ބޮތްކެއްކަން ނިވިފައި އިނީ ވެސް މިއީ ޖީޕީއާރުއެސް ހަމަ ފޯނުބޭނުންކުރާ ނެޓްވާކް ބޭނުންކޮށްގެން އަމިއްލަ އަށް އެމީޓަރުތައް އެކަތި އެނެކެއްޗާ ވާހަކަ ދައްކާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި މީހުން ރޭގަނޑު ނިދާ ގަޑީގައި މަގުތަކުގެ އަލި ތަންކޮޅެއް ފަނޑުކޮށްލަން ބޭނުންވިޔަސް އެކަން ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއީ ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް ސަމަކާރަ (އެފިޝަންޓް) ކުރުމުގެ ޕްލޭންއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް