ނާށިގަނޑަށް ޔާމީން 25 ލާރިވެސް ވައްޓައެއް ނުލާ، މަސައްކަތްކުރީ ދެކޮޅަށް: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީއާއި ޕީޕީއެމް-ޕީއެންސީ ގުޅިގެން ނުކުތުމަށް މަސައްކަތްކުރި ނަމަވެސް، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރެއްވި ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން އެކުގައި މަޖިލީހަށް ވާދަކުރުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް، އެ އެއްބަސްވުމާ ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވަކިން ކުރިމަތިލުމަށް ނިންމުމުގެ ސަބަބުން ޖުމްހޫރީ ޕާޓީން ނިންމީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވާ ޕީޕީއެމް-ޕީއެންސީއާ ގުޅިގެން މަޖިލީހަށް ވާދަކުރުމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވަމުން ގެންދެވީ، އެ ޕާޓީން "ނާށިގަނޑު ހިފައިގެން މަގުމައްޗަށް ނުކުންނަން ޖެހުނީ" އެމްޑީޕީގެ ނިންމުމާ ގުޅިގެން ކަމަށާއި ނާށިގަނޑަށް ކޮންމެވެސް އެއްޗެއް ވައްޓާލާ ބަޔަކާ އެކު ދެމިހުންނާނެ ކަމަށެވެ.

https://sun.mv/115558

"އެކަމަކު އެ 25 ލާރި ވެސް ވައްޓައެއް ނުލައޭ،" ސަން އޮންލައިންގެ 50 މިނިޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މި ހަފްތާގެ މެހެމާނު، ކިނބިދޫ ދައިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ އިން ރައްޔިތުންގެ މަޖިލީހުގެ 41 ދާއިރާއަކަށް ކުރިމަތިލި އިރު ޕީޕީއެމް އިން 26 ދާއިރާއަށް، އަދި ޕީއެންސީ އިން 23 ދާއިރާއަކަށް ކެންޑިޑޭޓުން ނެރުނެވެ. އަދި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް-ޕީއެންސީން ދެބައިމީހުންގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރަން ވެސް ނިންމި އެވެ.

ނަމަވެސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބުނީ ފަސް ގޮނޑި އެވެ. އަދި ޕީޕީއެމްއަށް ވެސް ފަސް ގޮނޑި ލިބުނު އިރު ޕީއެންސީއަށް ކާމިޔާބުވީ ތިން ގޮނޑި އެވެ.

މިފަހަރު ޖުމްހޫރީ ޕާޓީން ތިމަރަފުށި ދާއިރާއަށް ކުރިމަތިލައްވައި، ގޮނޑި ކާމިޔާބުކުރެއްވި ރިޔާޒު ވިދާޅުވީ ގުޅިގެން ކަމަށް ބުނެ ވާދަކުރި ނަމަވެސް ރައީސް ޔާމީނުގެ ފަޅިން މަސައްކަތްކޮށްފައި ވަނީ ޖުމްހޫރީ ޕާޓީއާ ދެކޮޅަށް ކަމަށެވެ.

https://sun.mv/116448

"ރައީސް ޔާމީން މަސައްކަތްކުރެއްވީ ދެކޮޅަށް. އަޅުގަނޑާ ވެސް ދެކޮޅަށް މަސައްކަތްކުރީ. އަދި އެހެން ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރެއްވި ކަމުގެ ސާބިތު ހެކި އެބަހުރި އަޅުގަނޑުމެން އަތުގައި،" ރިޔާޒް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން އިންތިހާބާ ގުޅޭ ގޮތުން އަމަލުކުރާނެ ގޮތްތައް ނިންމުމުގެ އިހުތިޔާރު، އެ ޕާޓީގެ ކައުންސިލުން އޮތީ ޕާޓީގެ ލީޑަރަށް ދީފަ އެވެ. އެގޮތުގެ މަތިން ޕާޓީގެ ލީޑަޝިޕުން ޕީޕީއެމް-ޕީއެންސީއާ އެކު އިންތިހާބުގައި ކުރިއަށް ދާން ނިންމި ނަމަވެސް، ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް "50 މިނިޓު"ގައި ވިދާޅުވީ އެކަމާ އޭނާ ދެކޮޅު ކަމަށެވެ.

"އަޅުގަނޑު އެއްވެސް އިރެއްގައި ތާއީދެއް ނުކުރަން ޖޭޕީން ޕީޕީއެމްއާ އެކު ދާކަށް. ވަރަށް ސާފު. އަޅުގަނޑު އަބަދު ވެސް [އެހެން] ދެންނެވިން." އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް