ޔޫއެފާ އަދި ފީފާގެ މަގާމުތަކުން ގްރިންޑެލް އިސްތިއުފާ ދީފި

ޔޫއެފާގެ ނައިބު ރައީސް ރެއިންހާޑް ގްރިންޑެލް --- ފޮޓޯ/ ދަ ގާޑިއަން

ޔޫއެފްއާގެ ނައިބު ރައީސް އަދި ފީފާގެ އެގްސެކިއުޓިވް ކޮމިޓީގެ މެމްބަރު ރެއިންހާޑް ގްރިންޑެލް އެ މަގާމުތަކުން އިސްތިއުފާ ދީފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ޖަރުމަނުގެ ފުޓުބޯޅައިގެ މައި އިދާރައިގެ ރައީސްކަމުން ވެސް ދާދި ފަހުން އިސްތިއުފާ ދީފައިވާ އުމުރުން 57 އަހަރުގެ ގްރިންޑަލް އެ މަގާމު ތަކުން އިސްތިއުފާ ދީފައިވަނީ އޭނާގެ ރައްޓެއްސަކު އޭނާއަށް ދިން އަގުބޮޑު ގަޑިއެއްގެ މައްސަލައިގަ އެވެ.

އޭނާ ބުނި ގޮތުގައި އެ ގަޑިއަކީ ޔޫކްރޭނިއަންގެ ވިޔަފާރިވެރިއެއް ހަދިޔާއަކަށް ދިން 6،000 ޕައުންޑުގެ އަގުހުރި ގަޑިއެކެވެ. ނަމަވެސް އޭނާ އެ ގަޑި ހޯދި ގޮތާ މެދު ޝައްކުތަކެއް އުފެދިފައިވާ ކަމަށް ބުނެ ފުލުހުންނަށް އެ މައްސަލަ ހުށައަޅާފައި ވުމުން ގިނަ ބަޔަކު ދަނީ އޭނާގެ އިތުބާރު ނެތްކަމަށް ބުނަމުންނެވެ.

އެ މައްސަލައިގައި ގްރިންޑެލް އަށް ކުރިމަތިވަމުންދާ ޕްރެޝަރުތަކުގެ ސަބަބުން އޭނާ ޔޫރަޕާއި ފީފާގައި މިހާރު ފުރަމުން އަންނަ ބޮޑެތި މަގާމުތަކުން އޭނާ އިސްތިއުފާ ދީފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަހަރެން ނޭދެން އަހަރެންގެ ސަބަބުން ފީފާ އަދި ޔޫއެފާއަށް ވެސް ހުތުރު ނަމެއް ލިބޭކަށް. އަހަރެން އެނގޭ މީހަކަށް ވެއްޖެއާ އެނގޭނެ އަހަރެން މީ ވަގެއް ނޫންކަން،"

ޖަރުމަނުގެ ފުޓުބޯޅައިގެ ރައީސްކަމާ ވެސް މީގެ ކުރިން ހަވާލުވެ ހުރި ގްރިންޑެލް ފުރަތަމައިން ހޫނު ފެނަށް ދިޔައީ އެންމެ ފަހުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނު ޓީމުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ޓީމުން ވަކި ކުރުމާ ގުޅިގެންނެވެ. ނަސްލީ ގޮތުން އޮޒިލް ނިސްބަތްވާ ތުރުކީގެ ރައީސްއާ ބައްދަލު ކުރުން ބޮޑު މައްސަލައަކަށް ހަދައި އޭނާ ޓީމުން ވަކި ކުރުމުން ގްރިންޑެލް އަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފަ އެވެ.

comment ކޮމެންޓް