އަޔެކްސްއާއި ޔުވެންޓަސްގެ ކުރިމަތިލުން: ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމަކަށް

އަޔެކްސްގެ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމް --- ފޮޓޯ/ ރަޔާން ބެންސަން

ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަޔެކްސްއާއި ޔުވެންޓަސް ބައްދަލު ކުރި މެޗަށް ފަހު ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެ ގިނަ ބަޔަކު ހައްޔަރުކޮށްފި އެވެ.

އަޔެކްސްގެ ޔޯހާން ކްރަޔަފް އެރީނާގައި ރޭ ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު ކުޅުންތެރިންގެ މެދުގައި މާ ބޮޑު ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. ނަމަވެސް މެޗު ނިމުމާ އެކު ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައި ބޮޑު ތަޅާފޮޅުން ގަނޑަކަށް ބަދަލުވި އެވެ.

އެމްސްޓާޑަމްގެ ފުލުހުން ނުކުމެ އެ ހަމަނުޖެހުން ހުއްޓުވާފައިވާ އިރު 140 އަށް ވުރެން ގިނަ މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަމަނުޖެހުމުގައި ވަޅި އަދި އަލިފާން ދޫކުރާ ބައެއް ސާމާނު ބޭނުން ކޮށްފައިވާ ކަމަށާއި ގިނަ ބަޔަކަަށް އެ ހަމަނުޖެހުމުގައި އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ އިރު ހަމަނުޖެހުމުގައި ބައިވެރި މީހުންގެ ތެރެއިން ބޮޑު ބަޔަކީ ޔުވެންޓަސްގެ ސަޕޯޓަރުން ކަމަށް މައްސަލަ ބަލަމުން އަންނަ އެމްސްޓާޑަމްގެ ފުލުހުން ވަނީ ބުނެފަ އެވެ.

"ދެ ގްރޫޕެއްގެ ބަޔަކު ވަނީ ރޭ ހިނގައި ދިޔަ ހަމަނުޖެހުމުގެ ތެރެއިން ހައްޔަރު ކުރެވިފައި. އޭގެތެރޭގައި ގިނައީ އިޓަލީއަށް ނިސްބަތްވާ މީހުން. ފުރަތަމަ ގްރޫޕުގައި 46 މީހުން ހައްޔަރު ކުރެވުނު. ދެވަނަ ގްރޫޕުގައި 61 މީހަކު ވަނީ ހައްޔަރު ކުރެވިފައި. އެއީ ސްޓޭޑިއަމް ތެރެއިން ހައްޔަރު ކުރެވުނު ވަރު،" އެމްސްޓާޑަން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައިވެ އެވެ.

"ހައްޔަރު ކުރެވުނު މީހުންގެ އަތުން އެކި ޒާތުގެ ހަތިޔާރު ފެނިފައި ވޭ. އެގޮތުން ވަޅި އަދި ބަޑިބޭސް އަދި އަލިފާން ރޯ ކުރަން ގެންގުޅޭ ބައެއް ސާމާނުތައް ވަނީ ފެނިފައި."

comment ކޮމެންޓް