މި ހިތްދަތިކަމުގެ ވާހަކަ އަހާނެ ހަމަ އެކަކުވެސް ރާއްޖޭގައި ނެތީތަ؟

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނުގެ ޓީޗަރު ޔާސިރު. އޭނާ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުންނަތާ ދެ އަހރު ވެއްޖެ---

"އެއީ 2016ގެ ފަހުކޮޅު. އެއް ދުވަހަކު ނުދަންނަ ނަންބަރަކުން ޔާސިރުއަށް ލިބުނީ ކޯލެއް. ބުނީ ސީކްރެޓް ސާވިސްއިންއޭ. ބައްދަލުކޮށްލަން ބޭނުންވެއޭ. ދެން އޭނާ ބުނިތާކަށް ޔާސިރުވެސް ދިޔައީ. ބައްދަލުކުރި މީހާ ހުރީ ކުލަ ހެދުމުގައި. އޭނާއާ ބައްދަލުކުރުމުން އެދުނީ ރާއްޖޭގައި ސުންނަތަށް އުޅޭ މީހުންގެ އަމަލުތައް ބަަލައި ޖާސޫސްކުރަން." ޔާސިރުގެ އަންހެނުން މަރިޔަމް ގައިސޫމް އޭނާގެ ފިރިމީހާގެ ވާހަކަ ފަށަމުން ކިޔައިދިނެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި އުޅެނިކޮށް ހައްޔަރުކުރި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސޯލިހް މުތީއުގެ ހަޔާތް ކުއްލިއަކަށް އެ ފުށް މިފުށަށް ޖެހިދާނެ ކަމަށް އޭނާގެ އަންހެނުން އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ. ނަމަވެސް ކުރީން ވެސް ޔާސިރުއަށް ބަޔަކު ފާރަވެރިވެގެން އޫޅޭހެން ހީވެ އެވެ. އެ ބަޔަކު އޭނާ ފިހާރަަތަކަށް ދާއިރު ވެސް ފަސްފަހަތުން ދާހެން ކިތަންމެ ދުވަހަކު ހީވި ކަމަށް ގައިސޫމް ބުންޏެވެ.

ޔާސިރު ޔަހްޔާ އަހުމަދިއްޔާ ސްކޫލްގެ ޓީޗަރުންގެ ދުވަހުގެ ހަފްލާގައި: ފޮޓޯ އަހުމަދިއްޔާ

ޖާސޫސަކަށް ވުމަށް ޔާސިރުއަށް ހުށަހެޅި ހުށަހެޅުން އޭނާ ގަބޫލެއް ނުކުރި އެވެ. އެކަމާ އޭނާ މާބޮޑަކަށް އަޅައެއް ވެސް ނުލި އެވެ. ހަނދާނުގައި އެކަން ކައްސާނުލައި ހުއްޓާ، މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާ ވެސް ޔާސިރުއަށް ލިބުނީ ކޯލެކެވެ. ކުރިއާ ހިލާފަށް މިފަހަރު ގުޅީ ނުދަންނަ ނަންބަރަކުންނެއް ނޫނެވެެ.

ޔާސިރުއަށް ގުޅީ އިމިގްރޭޝަނުންނެވެ. އިމިގްރޭޝަނުން އޭނާއަށް އެންގީ އެންމެ އެންގުމެކެވެ. އެއްވެސް ސަބައެއް ނުބުނެ އެންގީ ވަގުތުން ރާއްޖެ ދޫކޮށް ދިއުމަށެވެ.

"އޭރު އަޅުގަނޑު އިނީ ބަލިވެ. ފައިނޭންޝިއަލީ ބަލާ އިރު ވެސް އަޅުގަނޑަކަށް ނެތް ދެވޭކަށް. ދެން ޔަމަނަކަށް ވެސް ނެތް އަޅުގަނޑަކަށް ދެވޭކަށް. ނުދެވޭނެއޭ ބުނީމަ ފިޔަވަޅު އަޅާނަމޭ ކިޔައި އިންޒާރު ދޭން ފެށީ." ގައިސޫމް ކިޔައިދިނެވެ.

އިމިގްރޭޝަންގެ ހާދިސާއަށް ފަހު އިންޒާރުގެ ރަނގަބީލުތަކަށް ނިމުމެއް ނަ އެވެ. ޔާސިރު ދެން ހާޒިރުކުރީ ފުލުހުންގެ އިދާރާއަށެވެ. މިފަހަރުވެސް ޔާސިރުއަށް ކުރިމަތިލާން ޖެހުނީ ހީވެސް ނުކުރާފަދަ ހާދިސާއަކާއެވެ.

"ޕޮލިސް ހެޑްކުއާޓާގައި ތިބި ބޭރުބައެއް. ބުނީ އެފްބީއައި އެޖެންޓުންނޯ. އެއްވެސް ޑޮކިއުމެންޓެއްވެސް ނުދައްކާ. އެތަނުގައި ޔާސިރު ބައިންދައިފައި ނެގީ ފައިލެއް. އެ ފައިލްގައި އިން މީހެއްގެ ފޮޓޯ ދައްކާފައި ބުނީ އެމީހުންނަށް އެނގެޔޯ މިއީ ޔާސިރުކަން. އެކަމަކު ފޮޓޯގައި އިން މީހާއަކާ ޔާސިރަކާ އެއްވެސް ވައްތަރެއް ނޫން. ދެން އެ މީހުން މަޖުބޫރު ކުރީ އެއްބަސްވާން." ޔާސިރުގެ އަންހެނުން ބުންޏެވެ.

ވާއެއް ނުވާއެއް ނޭނގުނު އެ މައްސަލައަށް އަނެއްކާވެސް އިތުރުވީ އާ ބޮޅެކެވެ. ފުލުހުންގެ ރާގު ބަދަލުވެ ފަހުން ބުނީ އެއީ ހަމައެކަނި އެފްބީއައި އިން ހިންގި ޓްރެއިނިން ޕްރޮގްރާމްއެއްގެ ތެރެއިން ކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ.

ޔާސިރު އަށް ކުރަަނީ ހަނގުރާމައަށް މީހުން ފޮނުވުމުގެ ތުހުމަތު

ކުރިން ހިނގައިދިޔަ ހާދިސާތަކަށް ފަހު، ހަމަ ޖެހުމުގެ ނޭވާއެއް ލިބުނަސް، އެކަން ދެމިގެން ދިޔަ މަދު ދުވަސްކޮޅަކަށެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އައިސް ޔާސިރު ގެންގުޅޭ ހުރިހާ އިލެކްޓްރޯނިކް އެއްޗެތި ގެންދިޔަ އެވެ. ނުވިތާކަށް ޔާސިރު ގެންގޮސް ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދު ވެސް ކުރިއެވެ.

މިފަހަރު ޔާސިރުއަށް ކުރަނީ މީހުން ހަނގުރާމައަށް ފޮނުވުމުގެ ތުހުމަތުތަކެކެެވެ.

"ޔާސިރުއަކީ މިސްކިތުގައި ވަރަށް ގިނައިން ހޭދަކުރާ މީހެއް. އޭނާއަކީ އެހެން އެއްވެސް ގްރޫޕަކާ ގުޅިގެން އުޅޭ މީހެއް ނޫން. ދެން އަރަބިން ޓިއުޝަން ދީ ހަދާ. ދެން އެހެން މިސްކިތުގައި އުޅޭ އިރު ބައެއް މީހުން ޓިއުޝަން ބޭނުންވެގެން އުޅޭ. އެ މީހުންގެ ބެކްގްރައުންޑެއް އެހެން ނޭނގޭ. ހުޅުމާލެއަށް އެހެން ގޮސްއުޅޭ އޮފީސް މީހުންނާއެކު ބާބެކިއު އެއްޗެތި ހަދަން." ޔާސިރުގެ އަންހެނުން ބުންޏެވެ.

"ސަރުކާރުގެ ލޯޔަރުވެސް އެބަ ބުނޭ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް. ޔާސިރު އަކީ ފަސް ވަގުތު ނަމާދު ކުރާ މީހެއް. ޔާސިރުއަކީ އަކީ އައިއެސްއަށް ތާއިދުކުރާ މީހެއް ނޫން." ގައިސޫމް ބުންޏެވެ.

ޔާސިރުގެ ރައްޓެއްސެއް ކަމަށް ވާ ނަސީމް ބުނީ "ޔާސިރުއަކީ ޔަމަނުގައި ހިގާ ހަނގުރާމައިގައި ވެސް ހޫޘީންނަށް ތާއީދު ކުރާ މީހެއް ނޫން. އޭނާ ތާއީދުކުރަނީ ޔަމަނުގެ ސަރުކާރަށް." ކަމަށެވެ.

ޔާސިރުއާ ދެކޮޅަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާއިރު، އިމިގްރޭޝަންއިން ބޭނުންވާނީ އޭނާ ޑީޕޯޓް ކުރުމަށެވެ.

ޔާސިރުގެ މައްސަލައަށް ސަރުކާރާއި މީޑިއާގެ އެއްވެސް ސަމާލުކަމެއް ނުލިބޭ

ޔާސިރުގެ މައްސަލަ މީހުންގެ ސަމާލުކަމަށް ގެނައުމަށް އޭނާގެ އަންހެނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މިވީހާތަނަށް އެއްވެސް އަލިމަގެއް ފެނިފައެއް ނެެތެވެ.

ހާއްސަކޮށް ސަރުކާރު ބަދަލުވެ ޔާސިރުއަށް އިންސާފު ލިބޭނެކަމަށް ކުރި އުއްމީދުތަކުގައި ވެސް އެއްވެސް ކުލައެއް ނުޖެހުނެވެ. އެ އުއްމީދުތަކުގައި ކުލަ ޖެހޭނެކަމުގެ އެއްވެސް ނިޝާނެއް މިއަދާ ހަމައަށްވެސް ނުފެނެ އެވެ. ޔާސިރުގެ ހައްގުގައި ސަރުކާރަށް ފޮނުވި ސިޓީތަކަށް މިއަދާ ހަަމަަށްވެސް ޖަވާބެއް ނުލިބެއެވެ. ޚުދު އެ ސިޓީތައް ލިބުނުކަން ވެސް ސަރުކާރުން އަންގާފައެެއް ނެތެވެ.

"އޭނާ ހައްޔަރުކުރި ފުރަތަަމަ ދުވަސްކޮޅު ބައެއް މީީޑިއާތަކުން ކޮންމެވެސް ވަރަކަށް އެވާހަތައް ދެއްކި. ނަމަވެސް ފަހުން އެކަމާ އަޅައެއް ނުލާ. ހީވަނީ އެދުވަސްކޮޅު ހައިފެއް ކްރިއޭޓް ކޮށްލަންވެގެން ކުރި ކަމެއް ހެން. އަޅުގަނޑު ގުޅަން ޖެހެނީ ވެސް މީޑިއާތަކަށް އިސްވެ. އެއްވެސް ބަޔަކު އަޅައެއް ނުލާ. އިބޫގެ ސަރުކާރު އައިސް ވެސް ވަރަށް ގިނަ ބަޔަކު ދޫކޮށްލައިފި. އެ މީހުން ވިސްނަނީ ހަމައެކަނީ އެ މީހުންގެ މީހުންނާ،" ގައިސޫމް ބުންޏެވެ.

މިދޔަ ޖެނުއަރީ މަހު ބޭއްވި ނޫސް ކޮންފަރެންސްއެއްގައި ޔާސިރުގެ މައްސަލަ ނޫސްވެރިއަކުވެސް ނެގި އެވެ. އެ ސުވާލުގެ ރައްދުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޔާސިރުގެ މައްސަލާގައި ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށާއި އަދި ޕަބްލިކާ ހިސާބަށް އައިސްގެން އުޅެނީ އެންމެ ރަނގަޅު މައުލޫމާތުތަކެއް ނޫން ކަަމަށެވެ. އެހެން ނަމަވެސް މިވަގުތަށް އެ މައުލޫމާތު ހާމަކޮށްދިނުމަކީ ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ކޮންމެ ވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި މައްސަލައެއްކަމަށް ބުނެ އެ މައްސަލައިގެ މާބޮޑު ތަފްސީލަކަށް އިމްރާން ނުދެ އެވެ.

ގައިދީންނާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"ތެދެއް މިނިސްޓަރު ވިދާޅުވި އެކަމުގައި ސީރިއަސް ކަންތައްތަކެއް ހުރި ކަމަށް. އެހެންނަމަވެސް އެކަންތައްތައް ފުރަތަމަ އަޅުގަނޑަށް ތާ ކިޔައިދޭން ޖެހޭނީ. އަޅުގަނޑަކީ އޭނާގެ އަންހެނުން. އަޅުގަނޑުމެން ދެމަފރިިންގެ ދަރިއެއް އެބަހުރި. އިމްރާންއަށް އެނގިލައްވާތޯ އޭނާ ޖަލުގައި އޭނާ އުޅުނު ހާލު. ޖަލުގައި އުޅުނު އިރު އޭނާގެ ދަރިންނާއި އަންހެނުންނަށް ކުރި އަސަރު،" ގައިސޫމް ކިޔައިދިނެެވެ.

ޔާސިރުގެ ހައްގުގައި ގައިސޫމް ވަނީ އެޗްއާރުސީއެމްއަށް ވެސް ގޮސްފަ އެވެ. ނަމަވެސް އެ މުވައްސަސާއިން ވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. އެ މުވައްސަސާއިންވެސް އެދުނީ އެކަމާ ގުޅޭ އެހެން މުވައްސަސާތަކާ ވާހަކަ ދެއްކުމަށެވެ.

ޑިޓެންޝަން ސެންޓަރުގައި ވެސް ޔާސިރު އުޅެނީ އެހާ ހާލުގައި

ޑިޓެންްޝަން ސެންޓަރުގައި ޔާސިރު ބަންދުކޮށްފައި ހުންނަތާ މިހާރު ދެ އަހަރާއި އެއް މަސްވެެއްޖެ އެވެ. ދިވެއްސަކާ ކައިވެނިކޮށް އުޅުނު ނަމަވެސް މެރިޖް ވިސާ ވެސް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.

"ޔާސިރުގެ ގައުމުގައި އޮންނަ އާއިލާއިންވެސް އޭނާގެ މައްޗަށް އޮންނަނީ ބަރޯސާވެފައި. މެރިޖް ވިސާ ކެންސަލް ކުރީމަ އާއިލާއަށް ލާރި ވެސް ނުފޮނުވޭ. ބްލެކް ލިސްޓްކޮށްފައި މިހާރު އޮތީ. އާއިލާއަކާ ވެސް ފޯނުން ނުގުޅޭ މަދުން ނޫނީ. މިހާރު ކޮންމެ 15 ދުވަހަކުން އެންމެ ހަތް މިނެޓް ލިބެނީ ގުޅަން. އެވެސް ނުދީ ލަސްކުރޭ ބައެއް ފަހަރު. ދެން ޕްރައިވެޓް ކޮށް ބައްދަލު ވެސް ނުކުރެވޭ" ގައިސޫމް ބުންޏެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ހާލަތު ރަނގަޅުކުރުމަށް އިމިގްރޭޝަނާއި އެޗްއާރުސިއެމްއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ؛ އެޗްއާރުސީއެމް

ޑިޓެންޝަން ސެންޓަރުގައި ހުންނައިރު ޔާސިރުގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އެތަނުގައި މީހުން ގިނަވުމެވެ. ބައެއް ފަހަރު އެތަނުގައި 20، 40 ނުވަަތަ 70 މީހުންވެސް ތިބެއެވެ. އަދި އޭގެ އިތުރުން އެތަނުން ރަނގަޅު ކާނާ ނުލިބުމަކީ ވެސް އޭނާގެ ޝަކުވާއެކެވެ.

"ޔާސިރުގެ ކިޑްނީގައި ހިލަވެސް ހުރޭ. އަޅުގަނޑުމެން އެވާހަކަ އެޗްއާރުސީއެމްއަށް ހުށަހެޅީމަ، ޑިޓެންޝަން ސެންޓަރުން ދަތިކުރޭ އެއްޗެތި ހަވާލުކުރަން ދާއިރު،" ގައިސޫމް ބުންޏެވެ.

ޔާސިރު ނެތުމުގެ ދަތިކަން އަންހެނުންނަށް ވެސް އިންތިހާއަށް

ޔާސިރު ނެތުމުގެ އަންހެނުންނަށްވެސް އިންތިހާއަށް ދަތިވެއެވެ. ގައިސޫމްގެ ދެ އަހަރު ހަމަނުވާ ތުއްތު ކުއްޖަކު ވެސް އެބައޮތެވެ. ހެޔޮއެދޭ ފަރާތްތަކުން ކޮންމެވެސް ވަރަަކަށް އެހީ ލިބޭއިރު ދިރިއުޅޭ ތަނުގެ ކުލި ދައްކައިދެނީ ބޭބެ އެވެ.

"ވަރަށް ހާލުގައި އުޅެނީ. އަޅުގަނޑުގެ ތުއްތު ކުއްޖަކު ވެސް އެބައޮތް. ކިހިނެއްތޯ ވަޒީފާއަކަށް ވެސް ދާނީ. ގޭގެ ހުރިހާ ކަމެއް ކުރަމުން އައީ ޔާސިރު. ބާޒާރުކުރާނީ ވެސް ޔާސިރު. މިހާރު ވަރަށް ތާށިކޮށް އުޅެނީ،" ގައިސޫމް ބުންޏެވެ.

ޔާސިރު ސަލާމަތްކުރުމަށް ކުރުމަށް މިހާރުވެސް ލޯޔަރެއްގެ އެހީތެރިކަން ދަނީ ހޯދަމުންނެވެ. އަދި ލޯޔަރަށް ވެސް ގިނަ އަދަދެއްގެ ފައިސާ އޮންނަނީ ދޭން ޖެހިފަ އެވެ. ނަމަވެސް އެހާ ގިނަ އަދަދެއްގެ ފައިސާ ދޭން ނުކުޅެދުމަކީ ގައިސޫމްއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ހިތްދަތިކަމެވެ.

ޔާސިރުގެ މައްސަލައަށް އަދި ވެސް ވާނުވާއެއް ނޭނގޭ

ޑިޓެންޝަން ސެންޓަރުގައި ގިނަ ދުވަސްތަކެއްވަންދެން ބަންދުކޮށްފައިވާއިރު، ޔާސިރުގެ މައްސަލައިގައި ވާނުވާ ނޭނގުމަކީ އާއިލާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެެ.

ޔާސިރު ޑިޓެންޝަން ސެންޓަރުގައި ބަންދުކުރި ދުވަސްވަރު އެންމެ ބޮޑަށް އަޑު ފެތުރުނު ގޮތުގައި އޭނާ ބަންދުކުރީ ސައުދީ ސަރުކާރުން އެދިގެން ކަމަށެވެ. ނަމަވެސް އެކަމާމެދު ވެސް ސީދާ ޖަވާބެއް ސަރުކާރުން ވެސް މިހާތަނަށް ނުދެ އެވެ.

"ޔާސިރު ބަންދުކުރީ ސަލްމާން ރަސްގެފާނު ރާއްޖެ އަންނަން އެއް މަހަށް ވެފައި އޮއްވައި. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް އެ ދުވަސްވަރު މާލޭގައި އުޅުނު ޔަމަންގެ ޓީޗަރުން ވަގުތީ ގޮތުން މެލޭޝިއާއަށް ފޮނުވި ވާހަކަ ވެސް." ގައިސޫމް ބުންޏެވެ.

އާ ސަރުކާރުން ވެރިކަމަށް އައުމާއެކު އިންސާނިއްޔަތުކަމަށް ޓަކައި ކަމަށް ބުނެ ވެސް ޖަލުން ވަނީ ބައެއް މީހުން ދޫކޮށްލައިފަ އެވެ. ރައީސް ޔާމީންގެ ސަރުކާރު ނިމި އާ ސަރުކާރު ހަވާލުވުމުން ގައިސޫމް ވެސް ކުރިން އުއްމީދު ކުރީ އަލިމަގެއް ފެންނާނެ ކަމަށެވެ.

ޔާސިރަކީ ކިތަންމެ ބޮޑު ކުށްވެރިއެއް ކަމަށް ތުހުމަތު ކުރެވުނަސް، އޭނާއާ މެދު ވެސް އަމަލުކުރަން ޖެހޭނީ އިންސާފުންނެވެ. ތަހުގީގަކަށް ބަންދު ކުރިއްޔާ ކަންތައް ކުރަން ޖެހޭނީ އެކަމުގައި ވެސް އޮންނަ އުސޫލުތަކާ އެއްގޮތަކަށެވެ. ހެކި ހުރިއްޔާ ޝަރީއަތަށް ހިންގައިގެން ހުކުމެއް ކުރަން ޖެހޭނީ ކޯޓުންނެވެ. ކޯޓަކުން ހުކުމެއް ނުކޮށް، ހީއެއްގެ މައްޗަށް ބިނާކޮށް ނުވަތަ ހަމައެކަނި ތުހުމަތުތަކެއް ކުރެވޭތީއޭ ކިޔާފައި އިންސާނަކު ބަންދުކޮށްގެން ގެންގުޅުމަކީ ލާއިންސާނީ ކަމެކެވެ. އެއީ އަނިޔާއެކެވެ. ކުށް ސާބިތު ނުވާހައި ހިނދަކު އެއްވެސް މީހަކީ ކުށްވެރިއެއް ނޫނެވެ.

comment ކޮމެންޓް