އިންޓަނޭޝަނަލް ސޯލާ އެލައެންސްގެ މެމްބަރަކަށް ރާއްޖެ ވެއްޖެ

އިންޓަނޭޝަލް ސޯލާ އެލައެންސްގެ މެމްބަރަކަށް ރާއްޖެ ވުމަށް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ؛ އެންވަޔަރަމަންޓް މިނިސްޓްރީ

އިރުގެ އަލިން ހަކަތަ އުފެއްދުން އިތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަގްސަދުގައި އުފައްދާފައިވާ އިންޓަރނޭޝަނަލް ސޯލަރ އެލައިންސްގެ މެމްބަރަކަށް ރާއްޖެ ވެއްޖެއެވެ.

މިއަދު ހެނދުނު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެލައިންސްގެ "ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓްބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލައިންސް" ގައި ރާއްޖެއިން ވަނީ ސޮއިވެސްކޮށްފައެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.

މިއަދު ސޮއިކުރި ފްރޭމްވޯކް އެއްބަސްވުމާއެކު ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖެ ކާރބަން މަދު އިޤްތިޞާދަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އަދި ރަނގަޅު މިންވަރަކަށް އިރުގެ އަލި ލިބޭ ޤައުމުތަކާއި ގުޅުންބަދަހިކޮށް، ރަނގަޅު އަގުހެޔޮ ސޯލަރ ޓެކްނޮލޮޖީއާއި، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން އަދި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ފުރުސަތު އެ ގައުމުތަކުން ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް