"ޕްލެޓްފޯމަށް" އެރުމަށް ރިޔާޒަށް ދައުވަތެއް އަދި ނުލިބޭ

ސަން އޮންލައިންގެ 50 މިނިޓު ޕްރޮގްރާމުގައި ކިނބިދޫ ދައިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އަހަރުތަކުގައި ރާއްޖޭގައި ހިނގައިދިޔަ މަރުގެ ހާދިސާތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމިޝަނެއް އުފައްދަވާފައިވާ އިރު، އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ އެއް މައްސަލައަކީ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ 2012 ވަނަ އަހަރު އަވަހާރަކޮށްލި މައްސަލަ އެވެ. އެ މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތުތައް ހާމަ ކުރުމަށް ގޮވާލާ ބަހުގެ ހޫނު ހަމަލާތައް އެންމެ ބޮޑަށް އަމާޒުވާ އެއް ފަރާތަކީ އެ ހާދިސާ ހިނގި ދުވަސްވަރު ޕޮލިސް ކޮމިޝަނަރުކަމުގައި ހުންނެވި އަބްދުﷲ ރިޔާޒެވެ.

ފުލުހުންގެ އިދާރައިން އެ މައްސަލަ ވަރަށް ފުޅާ ދާއިރާއެއްގައި އަދި ވެސް ތަހުގީގުކުރަމުން ދާ އިރު، އެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ވަނީ، އެ މައްސަލާގައި އޭނާއަށް އެނގިވަޑައިގަންނަވާ މައުލޫމާތުތައް "އެންމެ އެކަށީގެންވާ ޕްލެޓްފޯމެއްގައި ހާމަކުރާނެ"ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެ ޕްލެޓްފޯމެއް މިހާތަނަކަށް ފެނިފައި ނުވާ އިރު، ގިނަ ބަޔަކު ދަނީ އެކަމުގެ ސުވާލު ރިޔާޒަށް ތަކުރާރުކޮށް ކުރަމުންނެވެ. ރިޔާޒުއޭ ބުނެފި ނަމަ ދެން އިވޭ ބަހަކީ "ޕްލެޓްފޯމް"އެވެ.

ރިޔާޒު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ހިއްސާއާ އެކު، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ހުވާކުރެއްވި ދުވަހުގެ ރޭ، މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނު އުފެއްދެވި އެވެ. ފަހަރުގައި ރިޔާޒުގެ "ޕްލެޓްފޯމަކީ" މިއީ ކަމަށް ވެސް ވެދާނެ އެވެ.

ކޮމިޝަނުން ސުވާލެއް ނުކުރޭ

ސަން އޮންލައިނުގެ "50 މިނިޓު" ޕްރޮގްރާމުގައި، ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވަނީ އޭނާގެ "ޕްލެޓްފޯމު"ގެ ވާހަކަ ޝަރަހަކޮށްދެއްވައި، އެކަން ކޮޅެއްގައި ޖައްސަވައިފަ އެވެ. ރިޔާޒް ވިދާޅުވި ގޮތުގައި އޭނާ އެފަދައިން ވިދާޅުވީ، ތަހުގީގާއި ޝަރީއަތް ހިނގަމުންދާ އެފަދަ މައްސަލައެއްގެ މައުލޫމާތުތައް މީޑިއާ ނުވަތަ ސޯޝަލް މީޑިއާ ނުވަތަ އާންމުންގެ ތެރޭގައި ދެއްކެން ނެތަތީއެވެ.

"ފުލުހުންގެ އިދާރާއިން ދެއްތޯ ތަހުގީގުކުރީ. އަޅުގަނޑެއް ނޫން ތަހުގީގުކޮށް މީހުންނާ ސުވާލުކުރީކީ. އަޅުގަނޑު [ޕޮލިސް ކޮމިޝަނަރުގެ] މަގާމުގައި ހުރެ ލިބިފައި ހުރި ހުރިހާ ވާހަކަތަކެއް، އަދި އަމުދުން ތަހުގީގު ހިނގަމުންދާ މައްސަލައަކަށް ވެފައި އަދި ޝަރީއަތުގައި ވެސް އެ މައްސަލަ ހިނގަމުންދާތީ އެ ވާހަކަ ހިއްސާއެއް ނުކުރެވޭނެ،" ރިޔާޒް ވިދާޅުވި އެވެ.

ސަން އޮންލައިންގެ 50 މިނިޓު ޕްރޮގްރާމުގައި ކިނބިދޫ ދައިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އަޅުގަނޑަށް ލިބިފައި ހުރި އިތުރު އެއްޗެއް ވިއްޔާ ދެވޭނީ މަޖިލިސް ކޮމިޓީއަކުން، ނުވަތަ ޝަރީއަތުގެ މަޖިލީހަކުން ސުވާލުކުރީމާ،"

މަރުގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދާފައިވާ އިރު، ރިޔާޒް ވިދާޅުވި ގޮތުގައި އަފްރާޝީމުގެ މަރުގެ މައްސަލާގައި އެ ކޮމިޝަނުން މިހާތަނަށް އޭނާއާ ސުވާލެއް ނުކުރެ އެވެ.

"އަޅުގަނޑު ދަންނަވަމުން މި ދަނީ ލިބިފައި ހުރި ހުރިހާ މައުލޫމާތެއް ހުންނާނެއޭ ފުލުހުންގެ އިދާރާގައި. އަޅުގަނޑު އެސިއުމް [ގަބޫލު] ކުރަނީ އެ ހުރިހާ މައުލޫމާތެއް ހޯދާފައި އޮތީ ކަމަށް. އެހެންވީމާކަމަށް އަޅުގަނޑުގެ ފުށުން ސާފުކުރަން ޖެހޭ [ކަމެއް ނެތީ]،" މައްސަލަ ތަހުގީގުކުރާ ފަރާތަކުން ސުވާލު ކޮށްފި ނަމަ ލިބިފައި ހުރި މައުލޫމާތެއް ހިއްސާކުރާނެ ކަމަށް ރިޔާޒު ތަކުރާރުކުރެއްވި އެވެ.

އަދި ކޮމިޝަނުން އެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށްފި ނަމަ، ފުލުހުންގެ އިދާރާއިން އަފްރާޝީމުގެ މައްސަލާގައި ކުރި "އައުޓްސްޓޭންޑިންގް މަސައްކަތްތައް" އެނގޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

https://sun.mv/116048

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިންމު އެއް ވައުދެވެ. އެހެން ނަމަވެސް އެކަމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އެ މަޖިލީހުން މިހާތަނަށް ވެސް ފާހެއް ނުކޮށްދެ އެވެ. ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާޓީތަކަށް މަޖިލީހުގެ މެޖޯރިޓީ އޮވެމެ، އެ ބިލު މަޖިލީހުން ފާސްނުކޮށްދޭތީ މީގެ ކުރިން ރައީސް ސޯލިހު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ރިޔާޒަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މިވަގުތު މަޖިލީހުގައި އެންމެ މެމްބަރުން ގިނަ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވެސް މެ އެވެ.

"ކުރިއެރުންތައް ފުލުހުން ހާމަކުރަންޖެހޭ"

ރިޔާޒު "50 މިނިޓު"ގައި ވިދާޅުވީ އަފްރާޝީމުގެ މަރުގެ މައްސަލައަކީ މިހާތަނަށް ފުލުހުންގެ އިދާރާއިން އެންމެ ގިނަ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ އެއް ތަހުގީގު ކަމަށެވެ. އަދި އެފްބީއައިގެ ވެސް އެހީގައި ހިންގި އެ ތަހުގީގުގައި ވަރަށް ބައިވަރު މައުލޫމާތު ލިބުނުކަމަށް ވިދާޅުވި އެވެ.

އެ މައްސަލާގައި މާ ބޮޑު ކުރިއެރުމެއް ފަހުން ނުލިބޭ ކަމަށް ގިނަ ބަޔަކަށް ހީވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ތަހުގީގާ ބެހޭ މައުލޫމާތު ހާމަނުކުރުމުން ކަމަށް ވެސް ރިޔާޒު ސިފަކުރެއްވި އެވެ.

"ރައީސް ޔާމީނުގެ ފަސް އަހަރުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގުގައި ހިނގި އެއްވެސް ކަމެއް ހާމަނުކުރާތީ ރައްޔިތުން ކަންބޮޑުވެގެން، އަދި ކުރިއެރުމެއް ނުވާކަމަށް މީހުންނަށް ވިސްނެނީ އެހެންވެ. އަޅުގަނޑަކަށް ނޭނގެ ކިހާވަރެއްގެ އަހަންމިއްޔަތުކަމެއް [އެ ސަރުކާރުން] ދެއްވިކަމެއް. ހަމަ ގައިމު ވެސް އަޅުގަނޑުގެ ދައުރުގައި އެންމެ މުހިންމު އެއް މައްސަލަ ގޮތުގައި ތަހުގީގުކުރި މައްސަލައެއް އެއީ،"

ރިޔާޒު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ނުވަތަ ސިޔާސީ ކަމަކާ ގުޅިގެންތޯ ބެލުމަށް، ދެ ދިމާލަށް ވެސް ތަހުގީގު ގެންދިޔަ ކަމަށެވެ.

"އަޅުގަނޑު ދިޔަ ހިސާބާ ހަމައަށް، ދީނީ ގޮތުން ހިތްހަމަނުޖެހިގެން ކުރި ކަމެއް ކަމަށް ފެންނަވަރުގެ ސާބިތު ހެއްކެއް ނުވަތަ އެއްވެސް ލިންކެއް އެސްޓެބްލިޝް ނުކުރެވޭ. ސިޔާސީ ގޮތުން ހިތްހަމަނުޖެހުން ހުރިކަމުގެ މައުލޫމާތު ތަހުގީގަށް އައިސް ހުރި އެހިސާބަށް އައި އިރު. އަޅުގަނޑުގެ އެންމެ ފަހުގެ ޕްރެސް ބްރީފިންގްގައި އެ ވާހަކަ އެގޮތަށް ހާމަކުރިން. އޭގެ ފަހުގެ ޑިވެލޮޕްމެންޓްސް ނޭނގޭ. މިހާރުގެ ޑިވެލޮޕްމެންޓްސް ފުލުހުން ހާމަކުރަންޖެހޭ ކަމަށް ގަބޫލުކުރަން." ރައްޔިތުންގެ މަޖިލީހަށް ދެވަނަ ދައުރަކަށް ދާދި ފަހުން އިންތިހާބުވި ރިޔާޒް ވިދާޅުވި އެވެ.

comment ކޮމެންޓް