އުރީދޫ މަސްރޭސް މިއަހަރުވެސް

އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ

ގިނަ ބަޔެއްގެ މަގުބޫލުކަން ލިބިފައިވާ އުރީދޫ މަސްރޭސް މިއަހަރުގެ ރޯދަމަހުވެސް ބާއްވަން ނިންމައިފިއެވެ.

މިއީ މި މުބާރާތް ބާއްވާ 10 ވަނަ އަހަރެވެ. މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމާފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ފުރަން ޖެހޭނީ އޮންލައިން ކޮށެވެ.

މިއަހަރުގެ މުބާރާތުގައި ހަތަރު އަންހެންޓީމު ހިމެނޭހެން ޖުމްލަ 16 ޓީމު ވާދަކުރާނެއެވެ. އަންހެންޓީމުގައި މަސްވެރިންގެ ގޮތުގައި ހަރަކާތްތެރިވާނީ ހުސް އަންހެނުންނެވެ. އަންހެން ހަތަރު ޓީމުގެ ތެރެއިން އެއްވަނައަށްދާ ޓީމަށް މަސްރޭހުގެ ފައިނަލުން ޖާގަ ލިބޭނެއެވެ. ކަނޑައެޅިފައިވާ ޖާގައަށްވުރެ ގިނައިން ޓީމުތައް ބައިވެރިވެއްޖެނަމަ މަސްރޭހުން ޖާގަދޭނެ ޓީމުތައް ހޮވާނީ ގުރުއަތުންނެވެ.

ކޮންމެ ޓީމެއްގައިވެސް ޖުމްލަ 12 މީހުން ހިމަނަންވާނެ ކަމަށާއި، އޭގެ ތެރޭގައި 10 މަސްވެރިންނާއި ކޯޗުގެ އިތުރުން ކެޕްޓަނެއް ހުންނަންވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަނާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވީ މަސްރޭހަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އަދި ރޯދަމަހުގެ ފޯރި އިތުރަށް ގަދަކޮށްލާ މުބާރާތެއް ކަމަށެވެ. މިއަހަރުގެ މުބާރާތުގައިވެސް ތަފާތު ކަންތައްތަކެއް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރު މަސްރޭސް ބޭއްވީ ވަކި ކޯޕަރޭޓިވްސްތަކަށް، ކުންފުނިތަކަށް ހުޅުވާލައިގެން. އެކަމަކު މިއަހަރު މިއޮތީ އާންމުކޮށް އަނެއްކާވެސް ހުޅުވާލާފައި. ޓީމު ހަމަކޮށްގެން ބައިވެރިވާންވީ،" ނިޔާޒު ވިދާޅުވިއެވެ.

އުރީދޫ މަސްރޭހުގެ އެއްވަނަ ޓީމަށް 50،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާއިރު، އެންމެ ގިނަ މަސްބާނާ "މުބާރާތުގެ މަސްވެރިޔާ" އަށް 5000 ރުފިޔާގެ ފައިސާގެ އިނާމަކާއި ރަންކޯރި ދޭނެއެވެ. އެންމެ ބަރު މަސް ބާނާ ފަރާތަކަށާއި އަންހެން ކެޔޮޅުގެ މަގާމަށް ހޮވޭ ފަރާތްތަކަށްވެސް 5000 ރުފިޔާގެ އިނާމެއް ދޭން ވަނީ ނިންމައިފައެވެ. އުރީދޫ އިން ބުނީ މީގެ އިތުރުންވެސް މަސްރޭހުގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މަސްވެރިންނަށާއި ޓީމުތަކަށް ހާއްސަ އިނާމުތައް ދޭނެ ކަމަށެވެ.

މަސްރޭހުގެ މަސްދަތުރުތައް އޮންނާނީ ރޯދަމަހުގެ ފަހު ދިހަ ފިޔަވައި ކޮންމެ ހޮނިހިރު ދުވަހަކުއެވެ. ގްރޭންޑް ފިނާލޭ އޮންނާނީ ފިތުރު އީދަށް ފަހުއެވެ. ގްރޭންޑް ފިނާލޭ އަށްފަހު ބޮޑު ބާބަކިޔުއެއް ބާއްވަން ނިންމާފައިވާއިރު އެހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އުރީދޫއިން އެދެއެވެ.

comment ކޮމެންޓް