ނަތަންޔާހޫ ވެރިކަމުގެ ފަސްވަނަ ދައުރަކާ ގާތަށް

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި މަޖިލިސް އިންތިހާބު ކާމިޔާބު ކުރާނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕާޓީން -- ފޮޓޯ: ގެޓީ

ތެލް އަވީވް (އޭޕްރިލް 10): އިސްރާއީލްގައި އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ބޮޑުވަޒީރުކަމަށް އަނެއްކާވެސް ވަޑައިގަންނަވާނީ ބެންޖަމިން ނަތަންޔާހޫ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެ އިންތިހާބުގެ 97 ޕަސެންޓު ވޯޓު ގުނާފައިވާ އިރު، ނަތަންޔާހޫގެ ލިކުޑްއާއި އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ބެނީ ގަންޓްޒްގެ ބްލޫ އެންޑް ވައިޓް ޕާޓީއަށް މަޖިލީހުން ގޮނޑި ލިބިފައި ވަނީ އެއް އަދަދަކަށެވެ. ދެ ޕާޓީއަށްވެސް ލިބުނީ 35 ގޮނޑިއެވެ. ނަމަވެސް 120 މެމްބަރުންގެ މަޖިލީހުގަައި އެއީ ޕާލިމެންޓުގެ މެޖޯރިޓީއެއް ނޫނެވެ.

އެހެންކަމުން ދެ ޕާޓީއަށްވެސް ޖެހޭނީ ކޯލިޝަން ސަރުކާރެއް ގާއިމުކުރާށެވެ. އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި، މައި ދެ ޕާޓީއަށް ފަހު އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވާ ކަނާތު ފިޔައިގެ ޕާޓީތަކުން ކޯލިޝަން ހަދާނެ ކަމަށް ބެލެވެނީ ނަތަންޔާހޫއާ އެއްކޮށެވެ. އެހެންކަމުން އާ ސަރުކާރު ގާއިމު ކުރާނީ ނަތަންޔާހޫގެ ކޯލިޝަނުންނެވެ.

"މި ސަރުކާރު ވާނީ ކަނާތު ފިޔައިގެ ސަރުކާރަކަށް، ނަމަވެސް އަޅުގަނޑު ވާނީ ހުރިހާ ރައްޔިތުންގެ ބޮޑުވަޒީރަކަށް. އެއީ ކަނާތު ނުވަތަ ވާތު (ފިޔައިގެ) އަދި ޔަހޫދީއެއް ނުވަތަ ޔަހޫދީ ނޫން މީހަކަށްވިޔަސް. އަޅުގަނޑު ވަރަށް އުފާވޭ އިސްރާއީލުގެ ރައްޔިތުން ފަސްވަނަ ފަހަރަށްވެސް އަޅުގަނޑަށް އިތުބާރު އޮތްކަން ދެއްކުމުން،" އިންތިހާބުން ކާމިޔާބުވިކަން އިއުލާން ކުރައްވަމުން ނަތަންޔާހޫ ވިދާޅުވިއެވެ.

އެ އިންތިހާބު ބޭއްވުމުގެ ކުރިން އިސްރާއީލުގެ އެޓާނީ ޖެނެރަލް ވަނީ ނަތަންޔާހޫގެ މައްޗަށްކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން މިއަހަރު ތެރޭ އޭނާގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން ނަތަންޔާހޫއަށް އޮތް ތާއިދު ކުޑަ ވާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެސަރުކާރު ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ ކުރިން ނަތަންޔާހޫ ވަނީ އޭނާގެ ވެރިކަމެއްގައި ފަލަސްތީން ދައުލަތެއް ބިނާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ނަތަންޔާހޫ ވެރިކަމުގެ ފަސް ވަނަ ދައުރަކަށް ހޮވިއްޖެ ނަމަ އޭނާ ވަނީ އެގައުމުގައި އެންމެ ގިނަ ދުވަހަށް ވެރިކަން ކުރައްވާ ބޮޑުވަޒީރަށެވެ.

comment ކޮމެންޓް