ޑީޕޯޓް ކުރާ ބިދޭސީން ބައިތިއްބަން ހެދި ދެ ގޮޅި ހުޅުވައިފި

ޑީޕޯޓް ކުރާ ބިދޭސީން ބެހެއްޓުމަށް ހުޅުމާލޭ ޖަލުގައި ހެދި ދެ ގޮޅި، ހޯމް މިނިސްޓްރު އިމްރާން ހުޅުއްވައި ދެއްވަނީ --- ފޮޓޯ: ހޯމް މިނިސްޓްރީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ބޭތިއްބުމަށް ހެދި ދެ ގޮޅީގެ ޔުނިޓް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ހުޅުވައިދެއްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުޅުމާލޭ ޖަލުގައި ގާއިމުކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ދެ ޔުނިޓަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވެންދެން، ކަރެކްޝަންގެ ބެލުމުގެ ދަށުގައި ބައިތިއްބާ ތަނެވެ.

ދެ ގޮޅި ހިމެނޭ އެ ޔުނިޓްގެ ކޮންމެ ގޮޅިއެއްގައި ވެސް ގިނަވެގެން 20 މީހުން ބެއިތިއްބޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި އެމީހުން ނިދުމަށް ކޮންމެ ގޮޅިއެއްގައިވެސް ބަހައްޓާފައި ހުންނާނީ ބަންކް ބެޑެވެ. ދެ ގޮޅިވެސް ތައްޔާރުކޮށްފައިވާނީ މަންޑޭލާ ރޫލްގައި ހިމެނޭ މިންގަނޑަށްވުރެ ރަނގަޅަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަށާވިސް ފޫޓް 17 ފޫޓްގެ ދެ ގޮޅި ހިމެނޭ ޔުނިޓް ތައްޔާރުކޮށްފައިވަނީ، ޔުނިޓްގެ ކުރިމަތިން ހުސްޖާގަ އޮންނަ ގޮތަށެވެ. ދުވާލު ގަޑީގައި ގޮޅީން ބޭރަށް ނިކުތުމަށް ހުސްޖާގައެއް އޮންނައިރު އެތަނުގައި ކައިބޮއި ހެދުމަށްޓަކައި މެސް ރޫމެއްވެސް ހުރެއެވެ. އަދި އެ ސެންޓަރުގެ ތެރޭގައި، ނަމާދު ކުރުމަށް ވަކި ޔުނިޓެއް ވާނީ ޚާއްޞަ ކުރެވިފަ އެވެ.

ޔުނިޓް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެއްކަމަށާއި، އެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ.

އެމަސައްކަތުގައި އަޅަމުން އަންނަ ފިޔަވަޅުތަކަކީ އިންސާނީ ހައްގުތަކާއި، ރާއްޖޭގެ ގާނޫނުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށްފެތޭ ހަމަޔަކުން އަޅާފިޔަވަޅުތަކެއްކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ޙާލަތު ޖުމްލަގޮތެއްގައި ރަނގަޅުކޮށް، އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ޖަލުތަކުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތްކުރުމަކީ، އެންމެ ބޮޑު އަމާޒުކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްވެސް ވިދާޅުވިއެވެ.

comment ކޮމެންޓް